ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 14:15
ފަލަސުރުހީ ޕްރޮގްރާމްގައި އީސީގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި އީސީގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރާއްޖޭގައި ބާއްވާ އިންތިޚާބުތައް
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަންޖެހޭ: ހަބީބު
 
ރާއްޖޭގައި އިންތިޚާބުތަކުގެ ހަރަދުތައް ބޮޑު
 
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމަށް ގާނޫނަށް ގެންނަންޖެހޭނީ ކުޑަ ބަދަލެއް
 
ދެ އިންތިޚާބު އެކުއެކީގައި ބޭއްވިއްޖެ ކަމަށްވާނަމަ މިމައްސަލަތައް މަދު ހަމަނުޖެހުންތައް ވެސް މަދުވާނެ

ރިޔާސީ އިންތިޚާބާއި، ރައްޔިތުން މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހަބީބު ވިދާޅުވީ ރާއްޖޭގައި އިންތިޚާބުތަކުގެ ހަރަދުތައް ބޮޑު ކަމަށެވެ. އަދި އިންތިޚާބުތަކާއި ގުޅިގެން އަންނަ މައްސަލަތައް ވެސް އިތުރު ކަމަށެވެ. އެގޮތުން ވާދަވެރިކަން އިތުރުވެ އާއިލާ މީހުންގެ މެދުގައި މައްސަލަތައް ޖެހޭކަން ހަބީބު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވިއްޖެ ކަމަށްވާނަމަ މިމައްސަލަތައް މަދު ހަމަނުޖެހުންތައް ވެސް މަދުވާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވިއްޖެނަމަ، ގާބިލް ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދޭނަ ކަމަށެވެ. އަދި އިންތިޚާބުވާނީ ކޮން ރައީސެއްކަން ރައްޔިތުންނަށް ނޭނގޭއިރު، މަޖިލިސް އިންތިޚާބުގައި ރައްޔިތުން ބޭނުންވާ ކެންޑިޑޭޓުންނަށް ވޯޓު ދޭން ފަސޭހަވާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ރާއްޖޭގެ އިންތިޚާބު ހަރަދުވެސް ބޮޑުވުމާއެކު ރިޔާސީ އިންތިޚާބާއެކު އެބަޖެހޭ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ ގޮތް ހަދަން. ގާނޫނަށް ކުޑަކުޑަ ބަދަލެއް ގެނައީމަ އިންތިޚާބުގެ މަސައްކަތް ފެށޭނީ އިންތިޚާބު ބޭއްވޭނީ މިތައް ދުވަހުގެ ކުރިންނޭ އޮންނަ ތަންކޮޅަށް ހަމަ ރިޔާސީ އިންތިޚާބާއެކީގައި ބޭއްވޭ ގޮތް ވެއްޖެއްޔާ އެއޮތީ އެކަން ހައްލުވެފައި. އޭރު ދައުރު ނިމޭނީތާ. ދެން ހޮވޭނީ ކޮން ރައީސްއެއް ކަމެއް ނޭނގޭނެ. ރައްޔިތުން ވޯޓުލުމުގައި ވަރަށް ފަސޭހަވާނެ ގާބިލް ކެންޑިޑޭޓަށް ވޯޓު ދިނުމަށް ފަސޭހަ ގޮތަކަށްވާނެ.
އީސީގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު

ދުނިޔޭގެ ބައެއް ގައުމުތަކުގައި އެއްފަހަރާ ހުރިހާ އިންތިޚާބެއް ބާއްވާކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބާއި، ރައްޔިތުން މަޖިލިސް އިންތިޚާބާއެކު، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނަމަ ތަންކޮޅެއް އުނދަގޫގޮތެއް ހުރެދާނެ ކަމަށެވެ. ގާނޫނު އޮތް ގޮތުން ތިން އިންތިޚާބު އެކުއެކީގައި ނުބޭއްވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވޭނެ ކަމަށާއި، ގާނޫނަށް ގެންނަންޖެހޭނީ ކުޑަ ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ވެއްޖެއްޔާ ދެންތަންކޮޅެއް ފަހުން ދެއަހަރެއް ފަހުން އަދި އިންތިޚާބު ބޭއްވޭނީ. ތިން އިންތިޚާބެއް މިހާރު ގާނޫނު އޮތް ގޮތުން އެއްފަހަރާ ނުބޭއްވޭނެ. މި ދެންނެވީ ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލިސް އިންތިޚާބު މިހެން މިކަން ކުރާއިރުގައި ދިމާވެދާނެ ކަމަކީ ރިޔާސީ އިންތިޚާބަށް ދޭންޖެހޭ ސަމާލުކަން ޕާޓީތަކުގެ ތެރެއިން ޕާޓީތަކުގެ މެންބަރުންގެ ތެރޭގައި ދެން އެންމެ އިސްކޮށް މި ތިއްބަވަނީ ޕާޓީތައް ތަމްސީލު ކުރަން ރައްޔިތުން މަޖިލީހުގައި ތިއްބަވާ ބޭފުޅުން. ދެން މިދެ އިންތިޚާބު އެކީގައި ބާއްވަންޏާ އެއްކަލަ މެންބަރުންނަށް ވާދަކުރައްވާ ވަރަށް ގިނަ ފަރާތްތަކުން އުޅޭނީ އެމީހުންގެ އަމިއްލަ ކެންޕޭންގައި. ރިޔާސީ އިންތިޚާބަށް އެމީހުން ކެންޕޭން ކުރުމުގެ ހަރަކާތަކުގައި ތަންކޮޅެއް ދޯދިޔާކޮށް ހިނގައިދާނެ. އެއީ ދިމާވެދާނެ މައްސަލަ
އީސީގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު

ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބާއި، ރައްޔިތުން މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމަށް ގާނޫނު ހަދާ މަޖިލީހުން ނުވަތަ ރާއްޖޭގެ ސިޔާސަތު ރާވާ ސިޔާސީ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުން ވިސްނައި، މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިދެ އިންތިޚާބު އެކުއެކީގައި ބޭއްވިއްޖެކަމަށްވާނަމަ ފައިދާވާނީ ރައްޔިތުންނާއި، ގައުމަށް ކަމަށް ހަބީބު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް