ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުން ވޯޓުލުމަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސި އިންތިޒާމްތަކަށް، މި އިންތިޚާބު އޮބްޒަރވް ކުރި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ތައުރީފްކޮށްފިއެވެ.
ރާއްޖެ އަށް އައިސް މަޖިލިސް އިންތިޚާބު އޮބްޒަރވްކުރުމުގައި ހަރަކާތްތެރިވި ޓީމުން ވަނީ ހޯމަ ދުވަހު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފަރާތްތަކަށް ފާހަގަކޮށްލެވުނު ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވޯޓުލެވޭނެ އިންތިޒާމުތައް ހަމަޖައްސާދިނުމަކީ އެއްވެސް ފަރާތެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭކަން ކަށަވަރުކުރުމަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތް އެނގޭ ކަމެއް ކަަމަށް އެ ޓީމުން ވަނީ ބުނެފައެވެ. އެއީ ގިނަ ގޮންޖެހުންތަކެއް ހުރި ކަމެއްކަން އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގައި ވޯޓުލާ މީހުންނެކޭ އެއްފަދަ އަކުން ރާއްޖެއިން ބޭރުގައި ވޯޓުލީ މީހުންނާއި މެދު ޢަމަލުކޮށްފައިވުމުން ކޮމިޝަނުން ގެންގުޅެފައިވާ ހަމަހަމަ އުސޫލު އެނގިގެންދާ ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. އެއީ ބޫޓާން ފަދަ ޤައުމުތަކަށް ވެސް ނުކުރެވޭ ކަމެއް ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. ރާއްޖެއިން ބޭރުގެ އޮބްޒަރވަރުންގެ ޓީމުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ތަޢުރީފްކޮށްފައެވެ.
މީގެ އިތުރުން މި އިންތިޚާބުގެ ބައެއް އިންތިޒާމްތަކަކީ އެހެން ޤައުމުތަކަށް އެކަމުގެ ސަބަބުން އިލެކްޝަންގެ މަރުހަލާ އަމާންކަމާއި އެކު ކުރިއަށް ގެންދިއުމަށް ކަންކަން ދަސްކުރަން ފުރުސަތު ލިބޭ ކަމެއް ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔަ އިރު ވަރަށް ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަން އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. ކާކުކަން ދެނެގަތުމަށް އޮފިޝަލުންނަށް ދީފައިވާ ފާސް ފުރިހަމަކަމަށް ފާހަގަކޮށް އެކަމަށް ވެސް އެ ފަރާތްތަކުން ވަނީ ތައުރީފްކޮށްފައެވެ. މީގެ އިތުރުން ވޯޓުލީ މީހުންގެ ޢަމަލުތައް ހުރި ގޮތަށް ވެސް އެ ޓީމުން ވަނީ ތައުރީފްކޮށްފައެވެ. ސަބަބަކީ ތަފާތު ޚިޔާލާއި އެކުގައި ވެސް ވަރަށް އަމާންކަމާއި އޮމާންކަމާއި އެކު ކުރިއަށް ގެންދިއުމަށް އާއްމުންގެ ފަރާތުން އެއްބާރުލުން ލިބުނު ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. މީގެ އިތުރުން މި އިންތިޚާބުގައި ވޯޓުލާފައިވާ އަންހެނުންގެ ނިސްބަތަކީ ވެސް ހިތްހަމަ ޖެހޭ ފަދަ އަދަދެއް ކަަމަށް އެ ޓީމުން ވަނީ ބުނެފައެވެ.
އެ ޓީމުން ވަނީ މަޖިލިސް އިންތިޚާބު ކުރިއަށް ދިޔައީ ވަރަށް އަމާން އޮމާންކޮށް ކަމަށް ފާހަގަކޮށްފައެވެ.