ކ. މާލެ
|
21 އޭޕްރިލް 2024 | އާދީއްތަ 22:59
ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ކުޑޫ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ކުޑޫ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
އެމްޑީޕީ
ގަލޮޅު އުތުރު ދާއިރާ
އީވާ ބަލިކޮށް ކުޑޫ ގޮނޑި ކާމިޔާބުކުރައްވައިފި
ގަލޮޅު އުތުރު ދާއިރާގެ ހުރިހާ ވޯޓު ފޮއްޓަކުންވެސް ކުޑޫ ވަނީ އީވާގެ މައްޗައް ކުރި ހޯދާފައި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި, އެ ދާއިރާގެ މިހާރުގެ މެންބަރު އީވާ އަބްދުﷲ އާއި ވާދަކޮށް އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އިބްރާހިމް (ކުޑޫ) ކާމިޔާބުކުރައްވައިފިއެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއަށް ސަރުކާރު ތަމްސީލުކުރާ ޕާޓީ ޕީއެންސީގެ އިތުރުން މައި އިދިކޮޅު ޕާޓީ އެމްޑީޕީ އަދި ޑިމޮކްރެޓްސްއިންވެސް ވަނީ ވާދަކޮށްފައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން 4 ކެންޑިޑޭޓުން ވާދަކުރިއެވެ.

ވަގުތީ ނަތީޖާތައް ދައްކާގޮތުން ގަލޮޅު އުތުރު ދާއިރާގެ ހުރިހާ ވޯޓު ފޮއްޓަކުންވެސް ކުޑޫ ވަނީ އީވާގެ މައްޗައް ކުރި ހޯދާފައެވެ. ކުޑޫއަށް ކުރި ނުހޯދެނީ އެންމެ ފޮއްޓަކުންނެވެ. އެއީ ގަލޮޅު އުތުރު 1 ނަންބަރު ވޯޓުފޮށިންނެވެ. އެ ފޮށިން ކުރި ހޯދާފައިވަނީ ސަރުކާރުން ތާއިދުކުރި އަމިއްލަ ކެންޑިޑޭޓް އައިމިނަތު މިޔާދާއެވެ.

މި ދާއިރާގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވަނީ 3832 މީހަކަށެވެ. ނަމަވެސް ވޯޓުލާފައިވަނީ 2074 މީހުންނެވެ. ވަގުތީ ނަތީޖާތަކާއެކު އެ ދާއިރާ ތަމްސީލުކުރައްވާ އީވާވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ބަލި ގަބޫލުކުރެއްވިކަން އިއުލާނުކުރައްވާ ކުޑޫއަށް މަރުހަބާ ވެސް ވިދާޅުވެފައެވެ.

އީވާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގަލޮޅު އުތުރުން ކާމިޔާބު ހޯއްދެވި ކުޑޫއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ވޭތުވެދިޔަ ތަނުގައި ގަލޮޅު އުތުރުން ދެއްވި އިތުބާރާ ޔަގީންކަމަށް ހިތުގެ ޚާލިސް ޝުކުރު ދަންނަވާ ކަމަށެވެ.

- ކޮމެންޓް