ރެއާލް މެޑްރިޑުގެ ކެޕްޓަން ނަޗޯ ފެނާންޑޭޒް މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމައިފި އެވެ.
އުމުރުން 34 އަހަރުގެ ޑިފެންޑަރަކީ ރެއާލް އާއި ސްޕޭނުގެ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ދެން ބަދަލުވާނެ ކަމަށް ބެލެވެނީ އެމެރިކާ ލީގަށެވެ.
މުޅި ކެރިއަރު ހޭދަކުރި ޓީމު ދޫކޮށްލަން ނިންމީ ނަޗޯ އަމިއްލަ އަށެވެ. އޭނާ މިހާރު ކުޅޭ މޮޅު ކުޅުން ދަމަހައްޓާނަމަ ރެއާލް މެޑްރިޑުގައި އަދި ހުރެވިދާނެ އެވެ. ނަމަވެސް އާއިލާ ސަބަބުތަކަށްޓަކައި އޭނާ ބޭނުންވަނީ މިހާރު ސްޕޭން ނޫން ތަނެއްގައި އާ ތަޖުރިބާއެއް ކޮށްލަން ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. އާއިލީ ސަބަބެއް ކަމަށްވަނީ ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމަށް އެމެރިކާ ފަދަ ގައުމެއްގައި ދިރިއުޅެން އޭނާ ބޭނުންވުމެވެ.
ރެއާލް މެޑްރިޑުން މިކަމާމެދު އަދި ރަސްމީކޮށް ވާހަކަ ނުދައްކަ އެވެ. ނަމަވެސް ކޯޗު ކާލޯ އެންޗެލޯޓީ ބުނީ ނަޗޯގެ ނިންމުމަށް ކުލަބުން އިހްތިރާމް ކުރާނެ ކަމަށާއި އޭނާ ގަބޫލު ކުރާ ގޮތުގައި ކުލަބުގެ ދޮރު ނަޗޯ އަށް ބަންދުނުވާނެ ކަމަށެވެ.
2013 ވަނަ އަހަރުން ފެށިގެން ރެއާލް އަށް ކުޅެމުން އަންނަ ނަޗޯ ވަނީ މިހާތަނަށް 236 މެޗު ރެއާލް އަށް ކުޅެދީ 12 ގޯލު ޖަހައިފަ އެވެ. އަދި އޭނާ ވަނީ ގައުމީ ޓީމަށް 24 މެޗުން އެއް ގޯލު ޖަހައިފަ އެވެ.