އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުލުހުން ފޮނުވައި ނިމިފައިވާ ކަމަށް މަޖިލިސް އިންތިހާބުގެ އޮޕަރޭޝަން ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އަތޮޅުތެރެއާއި، ރާއްޖެއިން ބޭރު އަދި ރިސޯޓްތަކުގައި ވެސް އޮޕަރޭޝަން ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން، މި އިންތިހާބަށް އިތުރަށް ސެކިއުރިޓީގެ ކަންކަން ބެލުމަށް 322 ފުލުހުން ފޮނުވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން މާލޭގައި 266 ފުލުހުން އިތުރުކޮށްފައިވާ ކަމަށާއި، އެލަރޓް ސްޓޭޓަސް ބަދަލުވި ހިސާބުން ފެށިގެން މުޅި މުއައްސަސާ އޮތީ ތައްޔާރަށް ކަމަށެވެ.
އިންތިހާބު ކުރިއަށްދާއިރުގައި އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދެން ޖެހިއްޖެ ހާލަތެއްގައި އެފަރާތުން ވަނީ ތައްޔާރީ ހާލަތަށް އައިސްފައި. ވޯޓުލާ ދުވަހު ޓްރެފިކް ހަރަކާތްތައް ވަރަށް ބޮޑުވެގެންދާނެ. އެހެންވީމަ އާންމު ރައްޔިތުންވެސް ފުލުހުން އެދޭ ގޮތަކަށް ބަހައްޓައިދިނުމަށް އެދެން. އަދި ޕާކިންގެ ކަންކަން ވެސް އެގޮތަށް ބަހައްޓައިދިނުމަށް އެދެން.މަޖިލިސް އިންތިހާބުގެ އޮޕަރޭޝަން ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް
އިންތިހާބު އޮންނަ ދުވަހު މާލޭގެ މަގުތަކުގައި ހެވީލޯޑް ވެހިކަލް ދުއްވުން މަނާކޮށްފައިވާނެކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އިންތިހާބުގައި ވާދަކުރާ ހުރިހާ ފަރާތްތަކަށް މެސެޖެއް ފޯރުކޮށްދީފައިވާނެ ކަމަށާއި، އެއީ ވޯޓުލާ މަރުކަޒުތައް ކައިރީގައި ޓެންޓް ޖެހުމާއި ގޮނޑި ބެހެއްޓުމަކީ މަނާކަމެއް ގޮތުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.
މީގެ އިތުރުން އިންތިހާބު ކުރިއަށްދާއިރުގައި ބޮޑީވޯން ކެމެރާ ބޭނުންކުރާނެ ކަމަށާއި، އޭގެ ބޭނުމަކީ މަރުކަޒެއްގައި ކަމެއް ދިމާވެއްޖެ ހާލަތެއްގައި ވަގުތުން ކޮމާންޑް ސެންޓަރަށް އެކަން އެނގި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެތީ ކަމަށެވެ.