ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 23:28
ވޯޓު ގުނުމުގެ މަސައްކަތްތައް ދަނީ ކުރަމުން
ވޯޓު ގުނުމުގެ މަސައްކަތްތައް ދަނީ ކުރަމުން
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
މިފަހަރުގެ އިންތިޚާބުގައި ވޯޓުކަރުދާސް ދައްކާ ފަރާތްތަކާމެދު ޖިނާއީ ތަހުގީގު ކުރެވި ދައުވާ އުފެލޭނެ
 
މީގެކުރިން ހިންގާފައިވާ މިފަދަ ކަންކަމާމެދު ވަނީ މަދަނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި

މާދަމާ ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގަޑުބަޑުކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރ ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ މިފަހަރުގެ އިންތިޚާބު ބޭއްވިގެންމިދަނީ އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނަށް އިސްލާހުތަކެއް ގެނެވި އަދަބުތައް ބޮޑުކޮށްފައި ވަނިކޮށްކަމަށެވެ. އެހެންކަމުން ކުރީ އިންތިޚާބުތަކުގައި މަނާ ކަންތައްތަކުގެ ގޮތުގައި ކޮށްފައި ހުރި ކަންކަމަށް އަދަބު ނުލިބި ނުވަތަ ލިބޭ އަދަބު ކުޑަވެފައިވިޔަސް މިފަހަރުގެ އިންތިޚާބުގައި އެފުރުސަތު ނުލިބޭނެކަމަށެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ދެ ބުރުގައި އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނާއި ޚިލާފަށް އަމަލުކުރި ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅާފައިވާނެކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެއް ރަށެއްގައި ވަނީ ވޯޓު ފޮށި ފަޅާލާފައެވެ. އަދި ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމުގެ ދެ މައްސަލައެއްްވެސް ވަނީ ކުރިމަތިވެފައެވެ. ޒަކަރިއްޔާ ވިދާޅުވީ އެފަރާތްތަކާމެދު ޖިނާއީ ތަހުގީގު ނުކުރެވުނުނަމަވެސް މަދަނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާނެކަމަށެވެ.

ނަމަވެސް މިއިންތިޚާބުގައި ވޯޓު ކަރުދާސް ދެއްކުން ނުވަތަ ފޮޓޯ ނެގުމުގެ ކަމެއް ހިނގާހިސާބުން ފެށިގެން އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން އެކަމަށް އެޓެންޑްވެ ޖިނާއީ ތަހުގީގެއް ކުރަން ފަށާނެކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. ފުލުހުންގެ ތަހުގީގުކުރިޔަށްދާނީ ޖިނާއީ އިޖުރާއަތުގެ ކަންކަން ފުރިހަމަވާގޮތަށްކަމަށާއި އިންތިޚާބާ ބެހޭ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ހަރަކާތްތެރިވާނީ ބޮޑީ ވޮން ކެމެރާއާއެކު ގައި ކަމަށާއި އެހެންކަމުން ހުރިހާ މަންޒަރެއް އަންނާނީ ރެކޯޑްކުރެވެމުންކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އެފަދަ ކަންކަމަށް އެޓެންޑްވާންވީ ގޮތް އީސީގެ އޮފިޝަލުންނަށްވެސް އޮންނާނީ ކިޔައިދީފައިކަމަށާއި އެހެންކަމުން އެއިން އެއްވެސް ފަރާތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ނާޅާ މިފަހަރު ދޫކޮށްނުލާނެކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހުގައި އިންތިޚާބާބެހޭ ކުށުގެ ބަޔަށް ވަނީ ވޯޓުކަރުދާސް އަތަށްލިބުމަށްފަހު އެމީހަކު ވޯޓުލާގޮތް ހާމަކުރުމުގެ ގޮތުން ވޯޓުލާ މަރުކަޒުގައި ތިބޭ މީހުންނަށް ފެންނަ ގޮތަށް ވޯޓު ކަރުދާސް ޢާންމުކޮށް ދެއްކުން އިތުރުކޮށްފައެވެ. އަދި މިކުށް ކުރާ މީހަކަށް ދެވޭ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ  އެމީހަކު ކުރި ޢަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 (އެކެއް) މަސްދުވަހާއި 3 (ތިނެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6,000.00 (ހަހާސް) ރުފިޔާއާއި 18,000.00 (އަށާރަހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް