ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 22:29
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު، ހަސަން ޒަކަރިއްޔާ
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު، ހަސަން ޒަކަރިއްޔާ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
މާދަމާ ވިއްސާރަ ވެދާނެކަމަށް ބަލައި، އަވަހަށް ވޯޓުލާން ނިކުތުން މުހިންމު: ހަސަން ޒަކަރިއްޔާ
 
މެންދުރުފަހު ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ، ވީހާވެސް އަވަހަށް ވޯޓުލުމަށް އެދިވަޑައިގެންފައިވޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މާދަމާ ކުރިޔަށްދާއިރު މާދަމާ ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ވީ އެންމެ އަވަހަކަށް ވޯޓުލާން ނިކުތުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ހަސަން ޒަކަރިއްޔާ އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ، މޫސުން ލަފާކުރެވޭގޮތުން މާދަމާ ކޮންމެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ. އެހެންކަމުން ވޯޓުލުން ފެށޭގަޑި ކަމުގައިވާ 8 ޖަހާއިރު ވޯޓުލާން ދިޔުމަށް އެދިވަޑައިގެންނެވިއެވެ. މެންދުރުފަހު ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައިވާތީ، މެންދުރުފަހަށް އެޅުމުން ވޯޓުލާން ދިޔުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެޓް އޮފީހުން ލަފާކުރާގޮތުގައި މާދަމާ ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ކުރާނެއެވެ. އަދި ގުގުރާނެއެވެ.

ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާން ދިޔުމުގެ ކުރިން ވޯޓު ފޮށި ހުރިތަނާއި ކިޔުއަށް އަރަންޖެހޭ ތަން ބެލުން މުހިންމުކަމަށެވެ. އެހެންކަމުން ވަގުތު އޮއްވައި އެކަންކަން ދުރާލައި ޗެކްކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

އަދި ވޯޓުލާ މަރުކަޒުތަކަށް ވެއްދުން މަނާތަކެތި ކަމުގައިވާ ފޯނު، އަތްދަބަސް، އަޑު ނުވަތަ މަންޒަރު ރެކޯޑްކުރެވޭ ފަދަ ތަކެތި، އަދި ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމަށް އަތުވެދާނެކަމަށް ބެލެވޭ އެއްވެސް އެއްޗެއް އެތަނަށް ނުވެއްދުމަށް އެދިވަޑައިގަތެވެ.

ދުރާލައި ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔުން އޮތްތޯ ޗެކްކުރުމަށާއި އެ ލިޔުމަކީ މުއްދަތު ހަމަނުވާ ލިޔުމެއްތޯ ޗެކްކުރުމަށްވެސް ޒަކަރިއްޔާ އެދިވަޑައިގެންނެވިއެވެ.

މާދަމާ ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8ން ހަވީރު 5:30ށެވެ. ވޯޓުލާ ގަޑި އިތުރުނުކުރާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް