މި ސީޒަނުގެ އެންމެ ފަހު ބަޔަށް އެޅުނު ފަހުން ކުއްލި ގޮތަކަށް ލިވަޕޫލްގެ ނަތީޖާތައް ދަށްވީ ކޯޗުކަމުން ޔާގެން ކްލޮޕް ވަކިވާތީވެ، އެކަމާ މާބޮޑަށް ޕްރެޝަރުގައި ކުޅުން ޖެހުމުން ކަމަށް ކުރީގެ ކުޅުންތެރިން ބުނެފި އެވެ.
ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ޑިއެޓްމާ ހަމާން ބުނީ ކްލޮޕްގެ ވަދާއީ މެޗު ކުލަގަދަކޮށް ކާމިޔާބީއާއެކު ނިންމާލަން ލިވަޕޫލް ތައްޔާރުވައިރު ކުޅުންތެރިން އެ ޖަޒުބާތުގައި މާބޮޑަށް ޖެހުނީ ކަމަށެވެ. އޭނާ އަދި ބުނީ ލިވަޕޫލްގައި ކްލޮޕް ނެތި ކުޅެން ބޭނުންވާ ކުޅުންތެރިން އެބަތިބި ކަމަށާއި އޭގެ ތެރެއިން ބައެއް ކުޅުންތެރިން ވެސް މި ސީޒަނަކީ އެމީހުންގެ ފަހު ސީޒަން ކަމަށް ދެކޭ ކަމަށް ބެލެވޭ ކަމަށެވެ.
ކުތީގެ ފޯވަޑް ޕީޓަ ކްރައުޗް ބުނީ ލިވަޕޫލް އެންމެ ފަހުން ޔޫރޮޕާ ލީގުގައި އިޓަލީގެ އެޓްލާންޓާ އަތުން ބަލިވިއިރު ކުޅުނު ޑިފެންސިވް ގޭމަށް ދޭނެ ޖަވާބެއް ކުޅުންތެރިންނަށް ވެސް ނޭނގޭ ކަަމަށެވެ. މިހެންވެ މިއީ ޕްރެޝަރު ކަމުގައި ވެސް އޭނާ ބުންޏެވެ.
ލިވަޕޫލަށް ޕެނަލްޓީ ނުލައި ކުޅުމުގެ ތެރޭގައި ގޯލެއް ނުޖެހިދާ މިނިޓްގެ އަދަދު ހަ ގަޑިއިރަށް ވަނީ އަރައިފަ އެވެ. މިހެންވެ ޖެމައިން ކެރެގާ ބުނީ ކުޅުންތެރިން މިހާ ބޮޑު ޕްރެޝަރަކަށް ދާންވީ ސަބަބެއް ނުވިސްނޭ ކަމަށާއި އަތުގައި ތަށި ހޯދަން ހުރި ހުރިހާ ބާރެއް ގެއްލިގެންދިޔައީ އެންމެ ހަފުތާއެއްގެ ތެރޭގައި ކަމަށެވެ.
ލިވަޕޫލަށް އިނގިރޭސި ލީގުގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފައި އޮތް ނަމަވެސް ސީޒަނުގެ ފަހު ހަ މެޗަށް ތައްޔާރުވާއިރު މިހާރު އޮތީ ތިން ވަނައިގަ އެވެ. އަދި ތަށި ހޯދުމުގެ އަމިއްލަ ބާރެއް ވެސް މިހާރު ނެތެވެ. މީގެ އިތުރުން ޔޫރޮޕާ ލީގުން ކެޓީ އަމިއްލަ ދަނޑުގައި އެޓްލާންޓާ އަތުން 3-0އިން ބަލިވެގެންނެވެ.
ކޯޗު ޔާގެން ކްލޮޕް ބުނީ މިދިޔަ ދެތިން މެޗެއްގައި ލިވަޕޫލް ކުޅުނީ އޭނާ ކޯޗުކޮށްދިން ޓީމެއް މިދިޔަ 20 އަހަރު ވެސް ނުކުޅޭހާ ދަށް ފެންވަރުގައި ކަަމަށެވެ. ނަމަވެސް ޓީމު މި ހިސާބަށް ގެންގޮސްދިނީ ވެސް ކުޅުންތެރިން ކަަމަށާއި މިހެންވެ މިހާލުން އަރައިގަނެވޭނީ ވެސް އެމީހުން ކޮށްދޭ މަސައްކަތަކުން ކަމަށެވެ.