ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 11:40
ރަޝިޔާގެ އިންފްލުއެންސަރ މެކްސިމް ލަޔޫޓީ
ރަޝިޔާގެ އިންފްލުއެންސަރ މެކްސިމް ލަޔޫޓީ
ވަޔަން
ރަޝިޔާގެ އިންފްލުއެންސަރެއް ޖަލަށްލުން
އަމިއްލަ ދަރިފުޅު ސުޕަރ ހިއުމަންއަކަށް ހަދަން ކަމަށް ބުނެ ކާއެއްޗެއް ނުދީ ހުސް އަވީގައި ޖެއްސި ބައްޕަ ޖަލަށް
 
ކުއްޖާގެ ހަށިގަނޑު ވަރުގަދަ ކުރުމަށް ކަމަށް ބުނެ ފިނިފެނުން ފެންވެރުމުން ފަދަ ކަންތައްކުރަމުން ގެންދިޔަ

ރަޝިޔާގެ މަޝްހޫރު އިންފްލުއެންސަރަކު، އަމިއްލަ ދަރިފުޅު ބަނޑަށް މެރިކަމުގެ ކުށުގައި ޖަލަށް ލައިފިއެވެ. ރޯ ތަރުކާރީ އާއި މޭވާގެ ޑައެޓެއް ޕްރޮމޯޓްކޮށް ސޯޝަލް މީޑިއާ ކޮންޓެންޓް ހަދާ މި އިންފްލުއެންސަރ މެކްސިމް ލަޔޫޓީ އުޅުނީ އޭނާގެ ދަރިފުޅު ސުޕަރ ހިއުމަނަކަށް ހަދަން ކަމަށް އޭނާ ބުނެފައިވެއެވެ. މިގޮތުން އެ ތުއްތު ފިރިހެން ކުއްޖާއަށް ކާއެއްޗެއް ނުދީ ބާއްވާފަ އޮތީ ހަމައެކަނި "ސަންޝައިން ޑައެޓް" އެއްގައެވެ. އަދި ކާއެއްޗެއް ދިނުމުގެ ބަދަލުގަ ގެންގުޅުނީ ހަމަ އެކަނި އަވީގަ ޖައްސައިގެންނެވެ. މިހެން ގެންގުޅެނިކޮށް އެ ކުއްޖާ ހިކިއަނަރޫފަވެ ނިއުމޯނިޔާފަދަ ބަލިތައް ޖެހި ވަނީ މަރުވެފައެވެ. އެއާއެކު ލަޔޫޓީ ވަނީ 8 އަހަރު ދުވަހަށް ޖަލަށް ލާފައެވެ.

އުމުރުން 44 އަހަރުގެ މި އިންފްލުއެންސަރުގެ މައްޗަށް ކޯޓުން ހުކުމް އިއްވާފައިވަނީ އަލަށް ވިހޭ އޭނާގެ ދަރިފުޅަށް އެއްވެސް "ނިއުޓްރިޝަނަލް" ކާނާއެއްނުދީ ބަނޑަށް މެރި ކަމުގެ ކުށް ސާބިތުވުމުންނެވެ. އަދި ކުއްޖާގެ ހަށިގަނޑަށް ގަސްތުގަ އަނިޔާ ދިން ކަމުގެ ކުށް ވެސް ވަނީ ސާބިތުވެފައެވެ.

ކޯޓުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ޕާޓްނަރ، ކުއްޖާގެ މަންމަ މިރޮނޯވާ ކުއްޖާއަށް ގާތުން ކިރު ދިނުން ވެސް އޭނާއޮތީ ހުއްޓުވާފައެވެ. އަންހެން މީހާ ކުރިން ބުނެފައިވާ ގޮތުގައި އޭނާ އަށްވެސް ހުންނަން ޖެހިފަ ހުރީ ލަޔޫޓީގެ އަޅެއްގެ ގޮތުގައި ކަމަށެވެ.

ރަޝިޔާގެ ނިއުސް އައުޓްލެޓްތަކުން ބުނެފައިވާ ގޮތުގައި ލަޔޫޓީ އޭނާގެ ދަރިފުޅުގެ މަންމަ މިރޮނޯވާގެ އަތުން އަތުލައިގެން ގެންގޮސް މުޅިދުވަހު އެއްކޮށް ވެސް ގެންގުޅެއެވެ. އަދި ކުއްޖާގެ ހަށިގަނޑު ވަރުގަދަ ކުރުމަށް ކަމަށް ބުނެ ފިނިފެނުން ފެންވެރުމުން ފަދަ ކަންތައްކުރަމުން ގެންދެއެވެ. އަދި މިކަންކަމުން ކުއްޖާ ބަލިވުމުން ޑޮކްޓަރަކަށް ވެސް ދައްކާފައެއް ނުވެއެވެ.

ކުއްޖާގެ މަންމަ މިރޮނޯވާ ބުނި ގޮތުގައި ލަޔޫޓީ އަންގާ ޑައެޓަށް ކައިގެން އުޅެން ހަދައިގެން އޭނާގެ އަމިއްލަ ހަށިގަނޑުން ވެސް ވަނީ އަޔަންގެ ބައި މަދުވުން ފަދަ ކަންތައް ކުރިމަތިވެފައެވެ. އަދި ކުއްޖާވިހޭއިރު ވެސް ބަރުދަން ވަރަށް ލުއިކަމަށް އޭނާ ބުނެފައި ވެއެވެ.

ލަޔުޓީ ދިފާއު ކުރުމަށް އޭނާގެ ވަކީލު ކޯޓުގައި ބުނެފައިވާ ގޮތުގައި ލަޔޫޓީއާ ދިމާވުމުގެ އެތައް އަހަރެއް ކުރިން ވެސް މިރޮނޯވާ ވަނީ "ވީގަން" ލައިފް ސްޓައިލެއް ފަށާފައެވެ. އެއީ ހުރިހާ ބާވަތެއްގެ މަސް ފަދަ ބައެއް ކަހަލަ މުހިންމު ކެއުމުގެ ބާވަތްތައް ދޫކޮށްލައިގެން ތިބޭ ތިބުމަކަށް ކިޔާ ނަމެކެވެ. ވަކީލު ބުނި ގޮތުގައި "އަޔަން ޑެފިޝަންސީ" އަދި އެނީމިޔާ ފަދަ ކަންކަން ތަހައްމަލް ކުރަމުންދާ މައިންނަށް ލިބޭ ދަރިން ވެސް ނިކަމެތިވެފައި ދިރިތިބުމުގެ ފުރުސަތު ކުޑައެވެ. އެހެން ކަމުން ދަރިފުޅު މަރުވީ މަންމަގެ އިހުމާލުން އުފެދުން ބަލިވުމުން ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހު ކޯޓު އަޑުއެހުމުގައި ލަޔޫޓީ ވަނީ އޭނާގެ ކުށަށް އިއުތިރާފްވެފައެވެ. އަދި ދަރިފުޅު މަރުވީ އޭނާގެ އިހުމާލުން ކަމަށް އެއްބަސްވެފައި ވެއެވެ. ނަމަވެސް ދަރިފުޅު ވިހެއީ ދުވަސްނުފުރާން ނޭނގޭކަމަށާއި އެކަން އެނގިފަ އޮތްނަމަ ދަރިފުޅަށް ސިއްހީ ފަރުވާ ދިނީސް ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭނާ އުޅުނީ ދަރިފުޅު މަރާލަން ނޫންކަމަށާއި ދަރިފުޅު ދެކެ ލޯބިވާ ކަމަށް ވެސް އޭނާ ކޯޓުގައި ބުނެފައި ވެއެވެ.

ލަޔޫޓީ އުޅުނީ ކުއްޖާގެ މަރުގެ ޒިންމާ، ކުއްޖާގެ މަންމަގެ ބޮލުގައި އަޅުވަން ކަމަށް ވެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް