ޓެކްނޮލޮޖީގެ ރޮނގުން އިންޤިލާބީ ކުރިއެރުންތަކެއް ހޯދަމުންދާ އަދުގެ ދުނިޔޭގައި، ހުރިހާ ކަމެއްހެން އޮތީ އިންސާނުންނަށް ލުއި ފަސޭހަ ވާނެ ގޮތަކަށް ރާވާލެވިފައެވެ. ހައްޓަށް ލުއިވާ ގޮތަށެވެ. ބައެއް ފަހަރު ފިތަކަށް އޮބާލުމަށްފަހު، ޑިއުޓީގެ ބާކީ ވަގުތުތައް ދެ އަތް އުރާލައިގެން ހުރެވޭ ފެންވަރަށް ބައެއް ވަޒީފާތަކުގެ މާޙައުލު ވަނީ ތަރައްޤީ ކޮށްފައެވެ. ކަން އެހެން އޮތް ނަމަވެސް، އިންތިހާ ދަތި ޙާލުގައި، ހައްޓަށް ބުރަ މަސައްކަތުގައި އުޅޭ މީހުންގެ ޢަދަދުވެސް މަދެއް ނޫނެވެ. އެންމެ ކުރިއަރާފައި ވާ ޤައުމުތަކުގައިވެސްމެއެވެ.
ރަޝިއާގެ އެންމެ ދުރު އިރުމަތީ ސަރަޙައްދުގައި އޮންނަ، ޝިޕްޔާޑު ނުވަތަ ބޯޓުފަހަރު ބަނދެ، މަރާމާތުކޮށް ހަދާ އޮޑިހަރުގެއަކީ އެފަދަ ތަނެކެވެ. ޝިޕްޔާޑުގެ މުވައްޒަފުން މަސައްކަތް ކުރަނީ، ފެން ގަނޑުވާ ސުން ޑިގްރީ ސެލްސިއަސްއަށްވުރެވެސް ގަދަ ފިނީގައެވެ. ސައިބީރިއާގެ ފިނިމޫސުމަކީ، ކޮންމެކޮންމެ މީހަކަށް ބަރުދާސްތުކުރެވޭނެ ފަދަ ދުވަސްތަކެއް ނޫނެވެ. އިންތިހާ ގަދަ ފިނީގައި، އޮޑިހަރުގޭގެ ފަހުލަވާނުންތައް މަސައްކަތް ކުރަމުން އެ ދަނީ، މާ ސިންގާ ބިޔަ ބޯޓު ފަހަރުތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށެވެ.
ފިނި ގަދަ ވާ ވަރަކަށް، ގަނޑުވާލެއްވެސް ރަނގަޅުވޭ. އެކަމަކު، އިންތިހާ ގަދަ ފިނީގަ، މިއަދުވެސް މި އުޅެނީ މައިނަސް 40 ޑިގްރީ ސެލްސިއަސްގަ، ގެސޮލީން ކަރަންޓު ކީހުގެ އޮޕަރޭޝަނަށް ބުރޫ އަރާ ބައެއް ފަހަރު. މަސައްކަތްކުރަނިކޮށްވެސް ކަރަންޓު ކީސް ގަނޑުވެދާނެ. ދެން ޖެހޭނީ، އެ ހޫނު ކުރަން ބާއްވަން. އެހެން ނޫނީ ދެން ނެތް އަނެއްހެން މައްސަލައެއް.މީކާއިލް ކްލޫސް؛ މެއިންޓަނަންސް މަސައްކަތް ކުރާ މީހެއް
ރަޝިޔާ މީހުން ކިޔައި އުޅޭ ގޮތަށް ދަންނަވާނަމަ "ވައިމޮރޮޒްކާ" ނުވަތަ ގަދަ ފިނީގައި "ގަނޑުވެގެން" އަދާ ކުރަން ޖެހޭ އެ ވަޒީފާއަކީ ޖިސްމާނީ ގޮތުންވެސް ހައްޓަށް ބުރަ މަސައްކަތެކެވެ. ގުދާރު ބިނދޭވަރުގެ ކަމެކެވެ. އެ މަސައްކަތުގައި އެތައް ހަފުތާއެއް ހޭދަ ކުރަން ޖެހެނީ، މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް، އެންމެ ތަކުލީފު ބޮޑު މަސައްކަތު މާޙައުލުތަކުގެ ތެރެއިން މާޙައުލެއްގައެވެ. ބައެއް ފަހަރު، އެ ސަރަޙައްދުގެ ފިނިހޫނުމިން، މައިނަސް 50 ޑިގްރީ ސެލްސިއަށްވެސް ވެއްޓެއެވެ.
އެންމެ ގަދަ ފިނީގަ އަހަރެން މަސައްކަތް ކޮށްފަ ހުންނާނީ މައިސް 63 ޑިގްރީ ސެލްސިއަސްގަ. އެއީ ކަކުލު ހުޅު ހަލާކުވެގެން އުޅުނު މޫސުމެއް، ފިނި ގަދަވެގެން ގޮސް، ކަށިމައްޗާއި ފަލަމަސްގަނޑު ގުޅޭ ހިސާބުގަ މި އިންނަ މެނިސްކަސް ވެސް އިރައިގެން ދިޔައީ.މީކާއިލް ކްލޫސް؛ މެއިންޓަނަންސް މަސައްކަތް ކުރާ މީހެއް
ބޯޓުފަހަރުގެ ބޭރުގައި ހިފާފައިވާ އައިސް ނުވަތަ ގަނޑުފެންތައް ކަހާ، އެއްވެސް ބައެއް މަރާމާތު ކުރަން ޖެހޭތޯ ފަރުވާތެރިކަމާއެކު ބަލައެވެ. ބޯޓުފަހަރު އެހެލާފައި އޮންނަނީ ހޫނު މޫސުމުގެ ދުވަސްވަރު، ސައިބީރިއާގެ އިޤްތިޞާދީ ލޭނާރު ކަމުގައި ވާ ލީނާ ކޯޜުގެ އައްސޭރިފަށުގައި އޮންނަ ޔަތުސްކް ބަނދަރުގައެވެ.
ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ސަރަޙައްދު ކަމަށްވާ ޔަކޫތިއާގެ ޢާންމުން ސިފަ ކުރާ ގޮތުގައި ބޯޓުޔާޑުގެ މަސައްކަތަކީ މުޅި ދުނިޔޭގައިވެސް ބަޔަކު ކުރާނެ އެންމެ ފުރަތަމަ މަސައްކަތެވެ. ނަމަވެސް، ބޯޓުޔާޑުގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި، އެކަމުގައި އޮތީ މީހުން ދެކޭ ގޮތެކެވެ.
މީ ވަރަށް ބުރަ މަސައްކަތެއް. އުނދަގޫ މަސައްކަތެއް. ވަރަށް ގިނަ މީހުންނަށް ހީވެފަ އޮންނަނީ، މީ ހަމަ ކީހާލައިގެން އައިސްތައް ކަފާ ނައްޓާލުން އެކަންޏޭ އަހަރެމެން ކުރާ ކަމަކީ. އަސްލު، މި ކުރެވޭ ކަމަކާ މެދު ވަރަށް ވިސްނަންޖެހޭ. އެންމެ ތަންކޮޅެއް ކަސިޔާރުވިއަސް، ބޯޓު ދިޔަވާނެ. ކުރި ހުރިހާ މަސައްކަތެއް ދާނީ ހަމަ ފެނަށް. މީ އެންމެ ބުރަ ވަޒީފާ ހެންނެއް ހީއެއް ނުވޭ. މިއަށް ވުރެ އުނދަގޫ ވަޒީފާތައްވެސް ހުންނާނެ، އެކަމަކު މިއީ އުނދަގޫ ވަޒީފާތަކުގެ ތެރެއިން އެއް މަސައްކަތަށް ވެދާނެ.މީކާއިލް ކްލޫސް؛ މެއިންޓަނަންސް މަސައްކަތް ކުރާ މީހެއް
ފިނި ގަދަ ވާ ވަރަކަށް އައިސްތައް އިންތިހާއަށް ގަނޑުކޮށްލައެވެ. އެއާއެކު، އޮމާންކަމާއެކު މަސައްކަތް ކުރާނެ ފުރުޞަތު ލިބެއެވެ. ނަމަވެސް، މަސައްކަތް ކުރަން ތިބި މީހުންގެ ހަށިގަނޑަށް، އެ ގަދަ ފިނީގެ ސަބަބުން ކުރާނެ އަސަރު، އަހަރެމެންނަށް ވަޒަންވެސްކޮށްލާކަށް ނޭނގޭނެއެވެ.
މި އާދަޔާ ޚިލާފު ބޯޓުޔާޑުގައި މަސައްކަތް ކުރަން ބޭނުން ވަނީ ހަމައެކަނި ބުންވަރާއި ފަންވަރު އެކަންޏެއް ނޫނެވެ. މަސައްކަތުގައި އެންމެ މިލިމީޓަރެއްހާ ތަންފުކެއްވެސް ކަސިޔާރު ނުވާ މިންވަރަށް، ސަމާލުކަން ދޭންޖެހެއެވެ.
ބޯޓުފަހަރުގެ ބޭރުގައި ޖަހާފައިވާ އައިސްތައް ކެފުމުގެ މަސައްކަތްވެސް އަވަސް އަރުވާލައިގެން ކުރެވޭކަށް ނޯވެއެވެ. މާ އަވަހަށް އެކަން ކޮށްފި ނަމަ އަޑީގައި އޮތް ފެންގަނޑުން ބޯޓަށް ފެން އަރާ، ކުރި ހުރިހާ މަސައްކަތެއް އޭގެ ޒާތުގައި ވަނީ "ފެނަށެވެ."