ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 17:53
ސަރުކާރު ކެންޑިޑޭޓުން ހޮވަން ބައްދަލުވުންތަކުގައި ދަނީ އެދެމުން
ސަރުކާރު ކެންޑިޑޭޓުން ހޮވަން ބައްދަލުވުންތަކުގައި ދަނީ އެދެމުން
ވަޒީފާގެ ބިރު ދެއްކުމާއި ނުފޫޒު ފޯރުވުން
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ކުއްލި ބައްދަލުވުންތަކެއް - ދައްކަނީ ސަރުކާރު ކެންޑިޑޭޓުންގެ ވާހަކަ!
 
ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން

ކޮންމެ މީހަކުވެސް ސަރުކާރު ވަޒީފާއެއްގައި އުޅޭއިރު ބައްދަލުވުމަކަށް ކިޔައިފިއްޔާ އެކަން ވަރަށް ސީރިއަސްކޮށް ނަގާނެކަން ގައިމެވެ. ވެގެން އުޅެނީ ކިހިނެތްތޯއާއި ތިމާ ކުށްވެރިވީތޯ ވެސް ވިސްނާނެއެވެ. މިހާ ސިޔާސީ އޮއިވަރު ގަދަ ދުވަސްވަރެއްގައި ބައްދަލުވުމަކަށް ކިޔައިފިނަމަ, ތަނުގެ ހިންގުމަށް ބަދަލެއް އަންނަނީތޯ ނުވަތަ ނޫންތޯ ވެސް ވިސްނާނެއެވެ. އެކަމަކު މި ހަފުތާގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ބައެއް މުވައްޒަފުންނަށް ކުއްލިއަކަށް ކީ ބައްދަލުވުންތަކަކީ އެއާ ޚިލާފު ތަފާތު ބައްދަލުވުންތަކެކެވެ.

މި ބައްދަލުވުންތަކަކީ ސަރުކާރުގެ ހިންގުމާ ގުޅުންހުރި ކަންތައްތަކެއް ނޫނެވެ. އަދި އެ ބައްދަލުވުންތަކަކީ ރަސްމީ މަސައްކަތްތަކުގެ ވާހަކަތަކެއް ދެއްކި ބައްދަލުވުންތަކެއް ވެސް ނޫނެވެ. މި ބީދައިން ބޭއްވި އެއް ބައްދަލުވުމަކީ ފީއަލީ ފެނަކަ ބްރާންޗް ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅާ ބޭއްވެވި ބައްދަލުވުމެކެވެ. ތަކުރާރުކޮށް ވިދާޅުވަނީ އެ ވާހަކަ ދައްކަވަނީ ދައްކަވަން ޖެހޭތީ ކަމަށެވެ. ވާހަކަ ފަށްޓަވަނީ މާ ބޮޑު މައްސަލައެއް ޖެހިގެން ނޫޅޭކަމަށް ވިދާޅުވަމުންނެވެ. އެދެނީ ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދުކުރުމަށެވެ. އިދިކޮޅު ކެންޑިޑޭޓުންނަށް މަސައްކަތް ނުކޮށްދިނުމަށެވެ.

ވިދާޅުވަނީ މަޖުބޫރުވެގެން ސިޔާސީ ވާހަކައެއް ދައްކަވާ ކަމަށެވެ. ކުޑަ ސިޔާސީ ވާހަކައެއް ކަމަށް ވިދާޅުވެ ފެއްޓެވި ވާހަކަ ގޮސް ހުއްޓުނީ ސަރުކާރު ކެންޑިޑޭޓް ހޮވުމަށް މަސައްކަތް ކޮށްދިނުމާ ހަމައިންނެވެ. މަގާމުގެ ގޮތުން އެ ވާހަކަދައްވަކަން މަޖުބޫރުކަމަށް ސިފަކުރައްވާ ދެއްކެވީ ސިވިލް ސަރވިސް ނޫން ވަޒީފާތަކަކީ ސިޔާސީ ވަޒީފާތައް ކަމަށެވެ. ނުގޮތަކަށް އެއަށް ސަރުކާރުތަކަށް ބޭނުން ގޮތަކަށް ހެދިދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އުސޫލެއްގެ ގޮތުން ބަލާއިރު އެކަން ހިނގަނީ އެހެން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގައި ހުރެ ސަރުކާރާ ދެކޮޅަށް މަސައްކަތް ނުކުރެވޭނެ ކަަމަށާއި، ދިރިއުޅުން ބައްޓަން ވަނީ މަސައްކަތަށް ކަމަށް ވެސް ވިދާޅުވިއެވެ. ސަރުކާރު ނޫން ކެނޑިޑޭޓެއްގެ ހަރަކާތެއްގައި ބައިވެރި ނުވުން އެއީ ސަރުކާރުގެ އެދުމެއް ކަމަށް ވެސް ވިދާޅުވިއެވެ. ފާޅުގައި ވިދާޅުވި ވާހަކައަކީ ސަރުކާރުގެ ޕްރެޝަރ އޮތްކަމުގެ ވާހަކައެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މިފަދަ ކުއްލި ބައްދަލުވުންތަކެއް ބާއްވަމުންދާއިރު މި ދެންނެވި ޒާތުގެ ބައެއް ބައްދަލުވުންތައް ހއ ގެ ބައެއް ރަށްތަކުގައާއި ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ބާއްވައިފިއެވެ. ދައްކަވަނީ އެއް ވާހަކައެކެވެ. އެއީ ތިޔަ ތިބީ ސަރުކާރު ވަޒީފާގައި ކަމަށާއި، ސަރުކާރު ކެންޑިޑޭޓް ހޮވަންވާނެ ކަމަށް ބުނެ ދައްކާ ވާހަކައެވެ. ސީދާ ބަހުން ކަނޑާލާނަމޭ ނުބުންޏެއްކަމަކު މި ދެއްކެނީ ވަޒީފާގެ ބިރެވެ. ސިޔާސީ ފިކުރު ވަކިގޮތަކަށް ކޮށައި މަށަން މަަސައްކަތް ކުރުމަކީ އަޅުގަނޑުމެން މި ދެކޭ ޑިމޮކްރަސީ ފަރިތަކަމެއް ނޫނެވެ. އަދި ދަންނަ ކަމެއް ވެސް ނޫނެވެ. މިފަދަ ބައެއް ބައްދަލުވުންތައް ބޭއްވުމުން މަސްރަހު ހޫނުވެ، މުވައްޒަފުން އެކަން އެހެން ނުކުރެވޭނެ ކަަމަށް ބުނުމުން ބައެއް ބައްދަލުވުންތައް ކުރުކޮށްލައެވެ.

އެންމެ ކަންބޮޑުވަނީ މި ދެންނެވި ޒާތުގެ މީޓިންގައި ކަންކަން ގާތުން ބަލާނެކަަމަށް ބުނެ މުވައްޒަފުންނަށް ދޭ އިންޒާރެވެ. ސަރުކާރު ކުންފުންޏެއްގެ މުވައްޒަފުންގެ ޚިޔާލަކީ ސަރުކާރާ ގުޅިލާމެހިފައި ހުންނަ އެއްޗެއް ކަމަށް ދެއްކުމަކީ އެއީ ވަޒީފާގެ ބިރުދެއްކުމެވެ. އޯޑިއޯތަކާއި ވީޑިއޯތައް ލީކުވުމުން ވެސް ސަރުކާރުން ބުނަނީ "ތިޒާތުގެ ކަމެއް ނުހިނގާ" ކަމަށެވެ. އެކަމަކު ހަގީގަތް ހާމައަށް އެހެރަ ފެންނަނީ ނޫންތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް