ކ. މާލެ
|
4 ޖުލައި 2024 | ބުރާސްފަތި 12:52
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރައީސް އޮފީސް
އިޤްތިސާދީ އަނދަވަޅުގެ ވާހަކަ
އިޤްތިސާދީ ގުއި ރޯނު: ވައުދުތައް ނުފުއްދަން ދައްކާ މޮޅު ބަހަނާއެއް
ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަކި މަދެއް ނޫނެވެ. ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައެއްގެ އަސަރު ރާއްޖެއަށް ކުއްލިއަކަށް ކުރީއެއް ނޫން. ހަގީގަތުގައި ވެގެން މި އުޅެނީ ކިހިނެއް؟
އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފައި، މިހާރުވެސް އަޅުގަނޑުމެންނަށް ގާތް ރަޙްމަތްތެރި ބައެއް ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި، މި ހުރި ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްގޮތް، އެހެންވީމާ އަޅުގަނޑުމެންނަކަށް ކަންބޮޑުވުމެއް ނެތޭ، ހަގީގަތުގައިވެސް އަޅުގަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް ރާއްޖޭގެ އިޤްތިސާދީ ސިޔާސަތު ހައްލު ކުރުމުގެ، އެހެންވީމާ އެޑިއުކޭޓަޑް ބޭފުޅުން ނޫނިއްޔާ އިލްމީ ބޭފުޅުން ކަންބޮޑުވެލައްވަނީ، އަޅުގަނޑު އިރާދުކުރެއްވިއްޔާ އިލްމީ ނަޒަރިއްޔާތުން ބަލަންޖެހޭ ކަންކަން ބަލާފައި މެނުވީ ރައްޔިތުންގެ ކައިރިއަށް އައިސް ވައުދެއް ނުވާނަން، އެ ޔަޤީންކަން އަޅުގަނޑު ދެން
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

މިއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެގެން ރައްޔިތުންގެ ގާތުގައި ދެއްކެވި ވާހަކަފުޅެވެ. އެއްވެސް ހާސްކަމެއް، ކަންބޮޑުވުމެއް ނެތި އިޤްތިސާދު މެނޭޖް ކުރެއްވެވޭނެ ކަމަށާއި، އެމަނިކުފާނު ވައުދުފުޅުތައް ވެވަޑައިގަންނަވަނީ ނުހަނު ބޮޑަށް އިލްމީ ނަޒަރިއްޔާތުންނާއި އެހެނިހެންވެސް ގޮތްގޮތުން ބައްލަވާފައިވާ ކަމަށް އެ ދުވަހު ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. ސިއްޙަތު ރަނގަޅުކޮށް ހިނގަ ހިނގާ އޮތް ސަމައްތަރު ހެޔޮ އިޤްތިސާދަކާ ހަވާލުވެ، ވެރިކަމަށް 7 މަސް ވެގެން ދިޔައިރު، ރައްޔިތުންނަށް ހިތިބޭސް ބުއިން ނޫން ގޮތެއް ނެތޭ ހިސާބަށް ގޮސްފިއެވެ. އިޤްތިސާދު އަނަރޫފަވެ، ވަރު ދޫވެއްޖެއެވެ. މިވީ ކިހިނެއް ހެއްޔެވެ؟

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަކި މަދެއް ނޫނެވެ. ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައެއްގެ އަސަރު ރާއްޖެއަށް ކުއްލިއަކަށް ކުރީއެއް ނޫނެވެ. ޤައުމަކަށް ދައްކަންޖެހޭ ދަރަންޏެއް ނުދެއްކިގެން ރާއްޖެ ދަރަނި ދަންތުރައެއްގައެއް ޖެހުނީއެއް ނޫނެވެ.

އެންމެ ފަހުންވެސް އިންޑިއާއިން ހިލޭ އެހީއަށް ބަދަލުކޮށްދޭން ނިންމާފައިވާ ފައިސާ ދިވެހި ސަރުކާރުން ވަނީ އަމިއްލައަށް ނުހަނު ގަޓު ހުރެ ދައްކާފައެވެ. 50 މިލިއަން ޑޮލަރެވެ. ގައިމު އިޤްތިސާދުގައި ވަރެއް ހުރީމަތާއެވެ. ވީއިރު މިވީ ކިހިނެއް ހެއްޔެވެ؟

ހަގީގަތުގައި ދިމާވެގެން މި އުޅެނީ އިޤްތިސާދީ ކާރިސާއެއް ނޫނެވެ. އެއީ ސަރުކާރުން ރައްޔިތުން ގުުއިރޯނުގައި ޖައްސަން ތިލަކުރި ވާހަކައެކެވެ. އެ ވާހަކައިގައި ދިވެހިން ރަނގަޅަށް ޖެހެމުންވެސް އެބަ ދެއެވެ.

އިޤްތިސާދީ ކާރިސާއެއް ދިމާވެ، ދިވެހިން މަގޫފަތް ކާން ޖެހޭ ހިސާބަށް ގޮސްފައި އޮތް ޤައުމަކުން ނުފެންނާނެ ފަދަ ކިތަންމެ މަންޒަރެއް ދިވެހި ސަރުކާރުގެ ތެރެއިން ދަނީ ފެންނަމުންނެވެ.

އޭގެ އެއް މިސާލަކީ ބަޑި ތަކުރު ވިހޭރޭ އަލަފަތް އައިހެން އިތުރުވަމުން މިދާ ސިޔާސީ މަޤާމުތަކެވެ. ކުންފުނީގެ ވެރިންވެސް އައްޔަނު ކުރަމުން މިދަނީ މިނިސްޓަރުންގެ ފެންވަރުގައެވެ. އެންމެ ފަހުން މި ހަފްތާ ތެރޭގައިވެސް ސިޔާސީ މަޤާމުތަކަށް މީހުން ހަމަޖައްސައިފިއެވެ. މިއީ އިޤްތިސާދީ ކާރިސާއެއްގައި އުޅޭއިރު ފެންނާނެ މަންޒަރު ހެއްޔެވެ؟

ނުވިތާކަށް އެއް މަސައްކަތެއް ކުރަން އުފައްދާފައިވާ ދައުލަތުގެ އެތައް އައު ވުޒާރާތައް މިއަދު އެބަ ހުއްޓެވެ. އޭގެ އެއް މިސާލަކީ ކައުންސިލުތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ލޯކަލް ގަވަނަންސް އޮތޯރިޓީ އޮއްވައި އުފެއްދި ކައުންސިލް މިނިސްޓްރީއެވެ. ދިވެހި ބަހުގެ އެކަޑަމީއެއް އޮއްވައި އުފެއްދި ޤައުމިއްޔަތު މިނިސްޓްރީ އާއި ނުވިތާކަށް އެ މިނިސްޓްރީއަށް އައްޔަނު ކުރިހާ ސިޔާސީ މަޤާމުތަކެވެ.

މަސައްކަތް ނުކޮށް، ގޭގައި ތިއްބަވައިގެން މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ރުފިޔާގެ މުސާރަ ނަންގަވާފައިވާ ސިޔާސީ ބޭފުޅުން ވަޒީފާތަކުގައި މިއަދުވެސް އެބަ ތިއްބެވެ. އެއްކަލަ އިޤްތިސާދީ ގޮތުން ބަނގުރޫޓުވަމުންދާ މި ޤައުމުގައެވެ. މިއީ އިޤްތިސާދީ ކާރިސާއެއްގައި އުޅޭއިރު ފެންނާނެ މަންޒަރު ހެއްޔެވެ؟ ނޫނީ މިއީ ސަރުކާރުން ދަމާ ވަރުގަދަ ގުއިރޯނެއް ހެއްޔެވެ؟

ދެން އޮތީ މަޝްރޫއުތަކެވެ. ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ ދައުލަތުގައި އެހާ ފައިސާ ނެތިގެން ކަމަށްވެއެވެ.

ނަމަވެސް އެތައް މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ރަސްމީ ފާލަން މަރާމާތު އެބަ ކުރައްވައެވެ. ރަސްމާލޭ މަޝްރޫއު ހިންގައި، އަންޑަރ ވޯޓަރ ޓަނަލް އަޅާ ވާހަކަވެސް ދައްކަނީ މި ސަރުކާރުންނެވެ. މުލިއާގޭގެ މަރާމާތަށް ދިޔަ ޚަރަދާއި، މަޖިލިސް ރައީސް މުރައިދޫއަށް މިފަދަ ދަނޑިވަޅެއްގައި ބަދަލުވެވަޑައިގެންނެވުން ފަދަ ކަންކަމަކީ ހަމަ ގައިމުވެސް ސަރުކާރުން ކުރަން ބޭނުންވާ ޚަރަދުތައް ކުރުމަށް މިއަދުވެސް އެއްވެސް ހުރަހެއް ނެތްކަން ދޭހަވާ ކަންކަމެވެ. މިއީ އިޤްތިސާދީ ކާރިސާއެއްގައި އުޅޭއިރު ފެންނާނެ މަންޒަރު ހެއްޔެވެ؟

ދެން ރައްޔިތުން އުފައްދާ ސުވާލަކީ އަސްލު ވެގެން މި އުޅެނީ ކިހިނެއް ހެއްޔެވެ؟

ހަގީގަތުގައި މި ވެގެން އުޅޭ ގޮތަކީ ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް އެތައް ވައުދުތަކެއް ވެގެންނެވެ. ބިޔަ ވައުދުތަކެކެވެ. މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ޑޮލަރުން ފައިސާ ދޭނެ ކަމާއި، ސިޔާސީ މަޤާމުތައް 700ށް ވުރެ އިތުރު ނުކުރާނެކަމާއި، ގެޒެޓު ކޮށްފައި ހުރި ގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމާއި މިހެން ގޮސް އެތައް ވައުދެކެވެ.

މީގެ ތެރެއިން ބައެއް ވައުދުތައް ފުއްދާކަށް ސަރުކާރުން މިއަދު ބޭނުމެއް ނުވެއެވެ. މިސާލަކަށް ގެޒެޓު ކޮށްފައި ހުރި ގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ފަދަ ވައުދުތައް ފުއްދުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވާތަން މިއީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ.

ޚަރަދު ކުޑަކުރަންވެސް ސިޔާސީ މަޤާމުތައް މަދު ކުރެވޭކަށް ނެތެވެ. މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބުގައި ދީފައިވާ ވަޒީފާތަކުން މީހުން ވަކިކޮށްފިނަމަ އަނެއްކާ އެމީހުން ސަރުކާރާ ދެކޮޅުވެދާނެކަމުގެ ބިރު އެބައޮތެވެ.

ދެން މި ޖެހެނީ އެކަންކަމަށް ބަހަނާއެއް ދައްކާށެވެ. ގުއިރޯނެއް ދަމާށެވެ. އެކަމަށްޓަކައި އިޤްތިސާދީ ބިރުވެރިކަމޭ ބުނެ، ރައްޔިތުންގެ ހިތުގައި ބިރު އުފައްދަނީއެވެ. ހަގީގަތުގައި ވެގެން އުޅޭ ގޮތަކީ މިއީ ނޫންތޯއެވެ؟

- ކޮމެންޓް