މި ސަރުކާރުން ޒުވާނުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މީކާއީލް ވިދާޅުވީ މި ސަރުކާރަކީ ޒުވާނުންގެ ސަރުކާރެއް ކަމަށް ބުނާތީ ހައިރާންވެވަޑައިގަންނަވާ ކަމަށާއި ޒުވާނުންގެ ވުޒާރާގެ ނަމުގައި ވުޒާރާ އެއް ހުރި ނަމަވެސް އެ ވުޒާރާ މެދުވެރިކޮށް ނަތީޖާ ހާސިލްނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ވުޒާރާ އިން މިހާތަނަށް އައި އިރު އައު ކަމެއް ކުރިތަން ފެނިވަޑައިގެންފައި ނުވާ ކަމަށް ފާހަގަކުރެއްވޭ ކަމަށާއި އަދި މިހާތަނަށް އައި އިރު މި ސަރުކާރަށް ޒުވާނުންގެ ކުރިއެރުމަށްޓަކައި ވެސް ކޮށްދެވުނު މާބޮޑު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއީ ޒުވާނުންގެ ސަރުކާރެއް ކަމަށް ބުނުމުގެ ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މީކާއީލް ވަނީ މި ސަރުކާރުގެ ހިންގުމުގެ ތަޖުރިބާ ކުޑަކަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ.
ކަންކަން ފެންނަ ވަަރަކަށް ހިތަށް އަރަނީ ހަމަ ނޭނގެނީއޭ. ނޭނގެނީއޭ ކަންކަން ކުރަން ވެސް ހިންގަން ވެސް. ސިޔާސީ މަޤާމުތައް އެހާ ގިނަ. ނަތީޖާ އެއް ނުނެރެވޭ. އެހެންވެ ރައްޔިތުން އެވަރަށް މާޔޫސް ވަނީގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް
މެންބަރު މީކާއިލް ވަނީ މިހާ ވަރަށް ރައްޔިތުންނަށް ދެރަ ދޭ ސަރުކާރެއް އަދި ނާންނަ ކަމަށް ވިދާޅުވެފައެވެ. އަދި މިއަށް ވުރެ ބޮޑަށް އާއްމުންނަށް އޮޅުވާލި ސަރުކާރެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރަކީ ޖަވާބުދާރީވާ ސަރުކާރެއް ނޫން ކަމަށާއި ހުދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެސް އުޅުއްވަނީ ނޫސްވެރިންނަށް ފިއްލަވައިގެން ކަމަށް މީކާއީލް ވިދާޅުވިއެވެ.