ތާރީޚީ އާޘާރުތަކަކީ އަދުގެ ދުނިޔޭގައި އެ ތަކެތީގެ އަގު، ވަކި ޢަދަދެއްގެ ފައިސާއަކާ އަގުމަގުކުރެވޭނެ އެއްޗެއްސެއް ނޫނެވެ. ހަމަ އެ ފަދައިން، އެފަދަ ތަކެތި ހޯދުމަކީވެސް މާ ފަސޭހަ ކަމަކަށް އޮންނަނީ ނުވެފައެވެ. އާޘާރުތައް ހޯދުމަށް ވަކި ދާއިރާއަކުން ޢިލްމު ހާސިލުކޮށް، ތަމްރީނުތަކެއް ފުރިހަމަކޮށް، އެކަމަކަށްޓަކައި އެތައް ޚަރަދެއްވެސް ކުރެއެވެ. ކަން އެހެން އޮތް ނަމަވެސް، ބައެއް ފަހަރު އަތުގައި ނަޞީބު ހިފަނީ ވިސްނާނުލާ ހުއްޓާއެވެ. ޖަރުމަނުވިލާތަށް އުފަން، ޢުމުރުން 9 އަހަރުގެ ކޮންސްޓަންޓީން ކާޕޫސްޓީންއާއި އޭނާގެ ބޭބެ، އެލެކްޒޭންޑަރއަށްވެސް ވީ އެ ކަހަލަ ގޮތެކެވެ. ބޭބެގެ ޢުމުރަކީވެސް ހަމަ އެންމެ 10 އަހަރެވެ.
ކާޕޫސްޓީންގެ ދެބެންނަށް ފެނުނީ ކިހާ ވަރެއްގެ އެއްޗެއްކަން އެ ކުދިންނަށް އަދިވެސް ވަޒަން ކުރަން ދަތިވާނެ ކަމަށް ޤަބޫލުކުރެވެއެވެ. ކޮންސްޓަންޓީންއާއި އޭނާގެ ބޭބެއަށް، ފެނުނީ ޤަދީމީ ޒަމާނުގެ އެތެއްގެ ކަށިގަނޑުގެ ބައެކެވެ. އެ އެތަކީ، ޖަރުމަނުވިލާތުގެ މިއުނިކްގެ ރަށްބޭރުގައި މީގެ 10 މިލިއަނެއްހާ އަހަރު ކުރިން އުޅުނު ކަމަށް ބެލެވޭ އެތެކެވެ. ކާޕޫސްޓީންގެ ދެބެންނަށް އެތުގެ ކަށިގަނޑުން ބައެއް ފެނުނީ ހުސްވި އަހަރުން ދުވަހެއްގައެވެ. އެކި ދިރާސާތަކާއި ހޯދުންތަކަށް ފަހު، އެއީ ކޮން ދުވަސްވަރެއްގައި އުޅުނު ކޮން ކަހަލަ އެއްޗެއްކަން ދެނެގަނެވުނީ އަދި ކިރިޔާއެވެ.
ކޮންސްޓަންޓީންއާއި އެލެކްޒެންޑަރގެ ބައްޕަ، ޕީޓަރ ކާޕޫސްޓީން ބުނި ގޮތުގައި، އޭނާގެ ދެ ދަރިންނަށް ފެނުނު އެތު ކަށިގަނޑުގެ އެހީގައި، އެ ޒަމާނުގައި އުޅުނު އެތް ހުރި ގޮތުގެ ތަސްވީރެއް ކޮންމެވެސް ވަރަކަށް ކުރަހާލެވިގެން ހިނގައްޖެއެވެ. ޑެއިނޯތީރިއަމް ނުވަތަ ހައުރީލެފަންޓްގެ ނަން ދީފައިވާ އެ ބާވަތުގެ އެތުގެ ދަރިފަސްކޮޅު މި ދުނިޔެއިން ނެތިދިޔަތާވެސް މިހާރު އެތައް ޒަމާނެއްވެއްޖެއެވެ.
ޑެއިނޯތީރިއަމް އެތުގެ ފައިތިލައިން ފެށިގެން ކޮނޑު ކަށިގަނޑާ ހިސާބަށް އެކަނިވެސް 5 މީޓަރު ނުވަތަ 16 ވަރަކަށް ފޫޓު ހުރެއެވެ. ބަރުދަން، 12 ވަރަކަށް ޓަނަށް އަރައެވެ. މިހާރު މި ފެންނަ އެތާ ޚިލާފަށް، ޑެއިނޯތީރިއަމް އެތުގެ ހޮނޑު ނުކުމެފައި ހުންނަނީ، ކަތުރުކަށިގަނޑޭ މި ކިޔާހިސާބު ތިރިން ކަން، ކާޕޫސްޓީން ފާހަގަ ކުރިއެވެ.
މީ ދުނިޔެއިން މިހާރު ނެތިގޮސްފަ އޮތް ޑެއިނޯތީރިއަމް އޭ ކިޔާ ޖަނަވާރެއް. ބަހުން ބަހަށް ތަރުޖަމާކޮށްލަނަމަ، ބިރުވެރި ޖަނަވާރެކޭވެސް ބުނެވިދާނެ. އާންމުކޮށް މީހުން ވާހަކަދައްކާ އުޅޭ ބަހުރުވައިން މިއަށް ކިޔައި އުޅުނީ ހައުރީލެފަންޓް، ނޫނީ ހޮނޑުލީ އެތް. އެ ބާވަތުގެ އެތުގެ ހޮނޑު ނުކުމެފަ ހުންނާނީ ކަތުރުކަށިގަނޑޭ މިކިޔާ ހިސާބު ވަރަށް ތިރިން. އެއީ މިހާރު އަހަރެމެންނަށް މި ފެންނަ އެތުގެ ބާވަތްތަކަށް ބަލާއިރު ވަރަށް ތަފާތު ސިފައެއް. އަދި ކޮބާ، މީ ޖަރުމަނުވިލާތުގެ ތާރީޚުގަވެސް އުޅުނު އެންމެ ބިޔަ ޖަނަވާރު. ފައިން ފެށިގެން ކޮނޑުކަށިގަނޑާ ހިސާބަށް އެކަނިވެސް 5 ވަރަކަށް މީޓަރު ހުންނާނެ، ބަރުދަންވެސް 12 ވަރަކަށް ޓަނަށް އަރާ.ޕީޓަރ ކާޕޫސްޓީން؛ މިއުޒިއަމް ޑައިރެކްޓަރ
ކާޕޫސްޓީންގެ ދެބެންނަށް މި އާދަޔާ ޚިލާފު އެތުގެ ކަށިގަނޑުން ބައެއް ފެނުނީ މިއުނިކްއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ އަރޑިންގް ޑިސްޓްރިކްޓްގެ ވައިޕަރޒްޑޯފްއޭ ކިއާ ކުޑަކުޑަ އަވަށަކުންނެވެ. ކޮންސްޓަންޓީންއާއި އޭނާގެ ބޭބެއަށް އެންމެ ފުރަތަމަ ފެނުނީ އެންމެ ކަށިކޮޅެކެވެ.
އެތަނުގަ މި ޖަނަވާރުތައް މަރުވީ ކީއްވެތޯ އެތައް ގޮތަކަށް ބަހުސް ކުރެވޭ. ބޮޑު ކާރިޘާއެއް، ފެންބޮޑުވުމުގެ ހާދިޘާއެއް ކަހަލަ ކަމެއް ދިމާވެގެން ކަމަށްވެސް ވެދާނެ. ބުޅަލެއް ކަހަލަ އެއްޗެއް އަރާ ކާލައިގެންނެއް ނޫން މަރުވީ. އެއްވެސް ކަށިކޮޅަކުން އަދި ނުފެނޭ އެއްޗެއް ދަތް އަޅާފަ ހުރި ކަމުގެ އެއްވެސް ނިޝާނެއް. ބަލާ ބެލުމަށް، ޖަނަވާރުގެ މައްޗަށް ފުދޭ ވަރަކަށް އަވަހަށް ފަސް އަރާ ފޮރުވިފަ ހުރި ކަހަލަ ގޮތަކަށް މި ފެންނަނީ. ބައެއް ކަށިކޮޅުތައް ރައްކާކުރެވިފަ ހުރީ ވަރަށް ފުރިހަމައަށް. 10 މިލިއަން އަހަރުވީ ކަށިކޮޅުތަކެއް މި ގޮތަށް، މިތަނުން ފެނުމަކީ ވަރަށް ނާދިރު ކަމެއް.ޕީޓަރ ކާޕޫސްޓީން؛ މިއުޒިއަމް ޑައިރެކްޓަރ
ފެނުނު ކަށިކޮޅު ރަނގަޅަށް ނުނެގި އުޅެނިކޮށް، އެ ކަށިކޮޅުގެ މައްޗަށް ބޮޑު ހިލަނގަނޑެއް ވެއްޓުނު ކަމަށާ، އެ ކަށިކޮޅު ހަލާކުވީ ކަމަށް ހިތާ ވަރަށް ބިރުގަތް ކަމަށް އެލެކްޒެންޑަރ ކިޔައިދިނެވެ.
ކޮންސްޓަންޓީންއާއި އަހަރެން އެންމެ ފުރަތަމަ ހީކުރީ އެއީ ލަކުޑިކޮޅެއް ކަމަށް. އެކަމަކު ބައްޕަ ބުނެފި، ނޫނެކޭ، ތީ ކަށިގަނޑެކޭ. ކަން ދިމާވި ގޮތުން، އަހަރެމެން އެ ކަށިގަނޑު ހަމަ ނެގިތަނާ، އެ ކަށިގަނޑު މައްޗަށް ބޮޑު ހިލަގަނޑެއްވެސް ވެއްޓިއްޖެ. ބައްޕަ ހުރީ ވަރަށް ބިރުން، ކަށިގަނޑަށް ގޮތެއް ވެދާނެތީ. ނަޞީބަކުން ހަމަ އެއްވެސް ކަމެއް ނުވޭ.އެލެކްޒެންޑަރ ކާޕޫސްޓީން؛ 10 މިލިއަން އަހަރުވީ އެތުގެ ކަށިކޮޅު ހޯދި ކުއްޖާ
އިހު ޒަމާނުގައި އުޅުނު ދިރޭތަކެތީ ވަނަވަރުގެ ސައެންސްގެ ރޮނގުން ތަޖުރިބާ ލިބިފައިވާ ނީލްސް ކުނޫޗްސްކަ ބުނި ގޮތުގައި، ފުރަތަމަ ކަށިކޮޅު ފެނުނު ސަރަޙައްދުގައި އަތްފުނާއަޅައިގެން އިތުރު ކަށިކޮޅުތައް ފެނުނުއިރު، އެތަނުން ބައެއް ކަށިތަކުގައި ވަނީ ވަރަށް ބޮޑަށް ރެނދުލާފައެވެ.
ބައެއް ކަށިކޮޅުތަކުގަ ހުރީ ވަރަށް ބޮޑަށް ރެނދުލާފަ. ބައެއް ދިމަދިމާއިން މޫވެސް ލާފަ ހުރީ. ވިސްނާލާ ނިކަން، ފަރުބަދައިގެ ބަރު، މި ކަށިތަކަށް ކުރާނެ ވަރު. އަޑިއަށް ފިއްތާލާނެ ވަރު. އޭރުވެސް ހުރީ ހަމަ ހަލާކުވެފަ ކަށިތައް. ކަމުގެ ތަޖުރިބާ ނެތް މީހަކު، އުދައްޔެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން މި ނަގަން އުޅުނުނަމަ، އެތައް ހާސް އެތިކޮޅުތަކަކަށް މި ކުދިކުދިވެއްޖައީސް. އޭރުން ކަންތައް ވަރަށް ގޯސްވާނެ. އަހަރެމެން މިހުރީ މިއަށް އެތައް ލީޓަރެއްގެ ސުޕަރގްލޫ އަޅާފަ، ރެނދުތައް ބައްދަންވެގެން. ކަށިތައް ވަކިވަކިވެގެން ނުފައިބާނެ ގޮތް ހަދަން ވެގެން، އިހުގެ ގޮތަށް ޕްލާސްޓަރވެސް އަޅާފަ ހުންނާނީ... ރެނދުތަކުގެ ތެރޭގަ ވެލިވެސް ހުންނާނެ. ސުތުލި ރަފިޔާ ބޭނުންކޮށްގެން، މި އޮތް ގޮތަށް ވެލިގަނޑު ތެރެއިން މި ނެގީވެސް.ނީލްސް ކުނޫޗްސްކަ؛ ޕެލިއަންޓޮލޮޖިކަލް ޕަރޕެޓްރޭޓަރ
ކާޕޫސްޓީންގެ 3 ބަފައިން ވަނީ ފެނުނު ކަށިކޮޅުތައް ނިސްބަތްވާ 2 ޖަނަވާރަށް ނަންވެސް ދީފައެވެ.
އަހަރެމެން މި އުޅެނީ މިއަށް ނަންވެސް ދީގެން. މި ފެނުނު ކަށިކޮޅުތަކުގެ ތެރެއިން ބޮޑު އެތަށް މި ކިޔަނީ 'ބިގް އެލެކްސް'، ކުޑަ އެތަށް މި ދިނީ 'ލިޓްލް ކޮންސްޓީ'ގެ ނަމުން ނަން. މިއަދު ކަލޭމެންނަށް ތި ފެނުނީ ކަތުރުކަށިގަނޑުގެ ތިރީބައި. މަތީކަށިގަނޑުވެސް ފެނިފަ އޮތީ، އަދި މުޅިން ތަރުތީބުކޮށެއް ނުނިމޭ. މީ އެތުގެ ސައެންސަށް މުހިންމު ހޯދުމެއް ކަމަށް އަހަރެން ޤަބޫލު ކުރަނީ. މީ ވަރަށް މަދުން ނޫނީ ނުފެންނެ އެއްޗެއް. އަދި އެވެސް 2 އެތް މި ފެނުނީ. މި ޖަނަވާރުތައް އުޅުނު ވެއްޓާ ބެހޭ ގޮތުން ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ.ޕީޓަރ ކާޕޫސްޓީން؛ މިއުޒިއަމް ޑައިރެކްޓަރ
ކާޕޫސްޓީންގެ ދެބެންނަށް ފެނުނު ޤަދީމީ ޒަމާނުގެ އެތުގެ ކަށިތައް މިހާރު ހުރީ ޓޯފްކަރޗަން ޕްރީހިސްޓޯރިކް މިއުޒިއަމްގައި އާންމުންނަށް ފެންނާނެހެން ދައްކާލަން ބަހައްޓާފައެވެ. ކަށިކޮޅުތައް އަތުރާފައި ވާ ގޮތުން، ޑެއިނޯތީރިއަމް ނުވަތަ ހައުރީލެފަންޓްގެ ނަން ދީފައިވާ އެތުގެ ސިފަ، ކޮންމެވެސް ވަރަކަށް ތަސްވީރުކޮށްލެވެއެވެ. މި ދާރުލް އާޘާރަކީ ޕީޓާރ ކާޕޫސްޓީން ހިންގާ ދާރުލް އާޘާރެކެވެ. ޕީޓަރ ކާޕޫސްޓީން ބުނި ގޮތުގައި، އަދި ހުރިހާ ކަށިކޮޅުތައް ތަރުތީބުކޮށް ނުނިމެއެވެ.