ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 00:02
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
މަޖިލިސް އިންތިހާބު
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
 
އިންތިހާބުތަކާއި ބެހޭ ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް ވަނީ އިލްތިމާސްކޮށްފައިވޭ

އެމްޑީޕީން މަޖިލިސް އިންތިހާބުގައި އެންޓި ކެމްޕެއިން ކުރާ ކަމަށް ބުނެ ވެރިކަން ކުރާ ޕީއެންސީން މައްސަލަ ހުށަހެޅިތާ 24 ގަޑި އިރު ނުވަނީސް، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެ ބަޔާނެއް ނެރެފިއެވެ.

އިދިކޮޅު މައި ސިޔާސީ ޕާޓީ އެމްޑީޕީން ކެމްޕޭނަށް ދަމާފައިވާ ބެނާތަކާއި ގުޅިގެން ނުރުހުން ފާޅުކޮށް، ވެރިކަން ކުރާ ޕާޓީ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އެމްޑީޕީން ފޭސްބުކް، ޓްވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޭ ކޮށްގެން ނުވަތަ ލާރި ދީގެން ސަރުކާރާއި ދެކޮޅަށް ދޮގު ހަބަރުތައް ފަތުރާ އެންޓި ކެމްޕެއިން ކުރަމުންދާކަމަށެވެ.

އެހެންކަމުން އެމްޑީޕީން އެގޮތަށް ކުރަމުންދާ އެންޓި ކެމްޕެއިން ކުރުމާ ގުޅޭ މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، އެހެން ކެންޑިޑޭޓަކާއި ބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެންވެސް ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކެމްޕޭންގެ އަމަލުތައް ފެންނަމުންދާ ކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ލިބޭގޮތަށް މެސެޖްތައް ދައުރުކުރަމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސްކަމެއް ނުކުރުމަށާއި، އިންތިހާބުތަކާއި ބެހޭ ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ އަމަލުކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް