ސިޑްނީގެ މޯލެއްގައި ތޫނު އެއްޗަކުން ހަމަލާދީ ހަ މީހަކު މަރާލިތާ ދެ ދުވަސް ފަހުން، ފައްޅިއަކަށް ވަދެ ބިޝަޕަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ބިޝަޕަކީ ކްރިސްޓިއަނުންގެ ދީނީ ކަންކަން ބަލަހައްޓަން ތިބޭ ފާދިރީންގެ ތެރެއިން ކަނޑައަޅައިފައިވާ ޚާއްސަ މަތިވެރި މަގާމެއް ދީފައި ހުންނަ އިސް މީހެކެވެ.
ސިޑްނީގެ ވޭކްލީގެ ފައްޅިއެއްގައި ދިން ޚުޠުބާއެއްގެ ލައިވް ސްޓްރީމް ފުޓޭޖުން ފެންނަގޮތުގައި ބިޝަޕް މާރ މަރީ އެމެނުއެލްއަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ފެނެއެވެ. އެ ހަމަލާގެ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މި ހާދިސާ ހިނގަމުން ދިޔައިރު، އެތަނުގައި އަޅުކަންކުރަން ގޮސް ތިބި މީހުން ބިރުން ހަޅޭއްލަވާ އަޑު އިވެއެވެ.
މި ހަމަލާ ދީފައި މިވަނީ ޖޮއެލް ކައުޗީގެ ހަމަލާގައި ހަ މީހަކު މަރުވިތާ ދެ ދުވަސް ފަހުން ކަމަށް، ކަމާބެހޭ ފަރާތްތަކުން ބުނަމުން ދާއިރު، ހަމަލާދިން މީހާ ވަނީ އެތަނުގައި ތިބި އަންހެނުންތަކަކަށް ވެސް ހަމަލާ ދީފައެވެ.
ސްކައި ނިއުސްއިން ބުނިގޮތުގައި، ވެކްލީ ޗަރޗުގައި ހިނގި މި ހާދިސާގައި ހަތަރު މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލާފައި ވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، މި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 60 އަހަރުން މަތީގެ މީހެކެވެ.
ރިޕޯޓްތައް ބުނާގޮތުން، މި ހަތަރު މީހުންނަށް ވެސް ލިބުނު ޒަޚަމްތަކުގެ ސަބަބުން ފަރުވާ ދެމުން އަންނައިރު، އުމުރުން 50 އަހަރުގެ ފިރިހެންމީހާ މިހާރު ވަނީ ލިވަޕޫލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ނިއު ސައުތު ވޭލްސްގެ ފުލުހުން ބުނީ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
ގިނަ އަދަދެއްގެ ބަޔަކު ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައި ވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށްދާކަމަށް އެ ފޯހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާގައި ޒަޚަމްވި މީހުންނަށް ފުރާނައަށް ނުރައްކާ ނުވާވަރުގެ ޒަޚަމްތަކެއް ލިބިފައިވާއިރު، އެމީހުންނަށް ފަރުވާ ދެމުން ދަނީ ޕެރަމެޑިކްސްއިން ކަމަށެވެ.
ހޮނިހިރު ދުވަހު ސިޑްނީގައި ދިން ހަމަލާގައި މުޅި ދުނިޔެ ހައިރާންކޮށްލާފައި ވާއިރު، އެ ހާދިސާގައިވަނީ އަންހެނަކާއި އޭނާގެ ނުވަ މަހުގެ ތުއްތު ދަރިފުޅު ވެސް ވަނީ ވަޅިން ހަމަލާދީ މަރާލައިފައެވެ.
ބިޒީ ވެސްޓްފީލްޑް ބޮންޑީ ޖަންކްޝަން މޯލްގައި ވަޅިން ހަމަލާދީ މަރާލި ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ އަންހެނުން ކަމަށްވާއިރު، ދުނިޔޭގެ މަޝްހޫރު ބޮންޑީ ބީޗް ކައިރީގައި ދިން ހަމަލާގައި ޒަޚަމްވި އިތުރު 12 މީހުންގެ ތެރޭގައިވެސް ގިނައީ އަންހެނުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނިއު ސައުތު ވޭލްސްގެ ސްޓޭޓް ޕޮލިސް ކޮމިޝަނަރު ކެރެން ވެބް ވިދާޅުވީ، ކައުޗީގެ މަގްސަދު ދެނެގަތުމުގެ ގޮތުން ޖާސޫސުން އޭނާގެ އާއިލާއާ ސުވާލު ކުރާނެ ކަމަށެވެ.