ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 04:47
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
އެމްޑީޕީ ޖަލްސާ
މިދިޔަ ސަރުކާރުގައި ކޮންމެ ތިން މަހަކުން 1.2 ބިލިއަން ރުފިޔާ ދަރަނި ދައްކަން ހޭދަކުރި: ރައީސް ޞާލިހު
36 ބިލިއަން ރުފިޔާ ތަރައްގީގެ މަޝްރޫޢުތަކަށް ހޭދަކުރިކަމަށާއި އެކަންކޮށްފައިވަނީ އޭގެކުރީ ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ކަމަށް ވިދާޅުވި
ރައީސް ޞާލިހު ވިދާޅުވީ ލޯނު ނަގަންޖެހޭ ހާލަތްތަކުގައި ލޯނު ނަގަންޖެހޭކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަބަދު ދަރަނި ދައްކަންޖެހޭ ވާހަކަ ވިދާޅުވަމުން ގެންދަވާއިރު މިދިޔަ ސަރުކާރުގައި ގާތްގަނޑަކަށް ކޮންމެ ތިން މަހަކު 1.2 ބިލިއަން ރުފިޔާ ދަރަނި ދައްކަން ހޭދަކޮށްފައިވާނެކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ގެންދަވަނީ މިސަރުކާރުން ތިން މަސްދުވަސްތެރޭގައި ދަރަނި ދެއްކުމަށް 800 މިލިއަން ރުފިޔާ ހޭދަކުރެއްވިކަމަށް ވިދާޅުވެ ވާހަކަދައްކަވަމުންނެވެ. އަދި މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނީގެ ވާހަކަ ދައްކަވަމުންނެވެ. އެކަމަށް ރައްދު ދެއްވާ ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އައްޑޫ ސިޓީގައި ކުރިޔަށްދިޔަ މިސްރާބު ހަމަ މަގަށް ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ޖުމްލަކޮށް އެހެން ސަރުކާރުތަކަށް ވުރެ ގިނައިން މުޅި ރާއްޖޭގެ ތަރައްގީއަށް އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތްކުރެވިފައިވާނެކަމަށެވެ.

އެގޮތުން 36 ބިލިއަން ރުފިޔާ ތަރައްގީގެ މަޝްރޫޢުތަކަށް ހޭދަކުރިކަމަށާއި އެކަންކޮށްފައިވަނީ އޭގެކުރީ ސަރުކާރުން ނަގާފައިވާ ލޯނުތައް ދައްކަމުންކަމަށެވެ.

މިއަދު ރައީސް މުއިޒު ތިން މަސްދުވަސްތެރޭގައި 800 މިލިއަން ރުފިޔާ ދައްކައިގެން އެކަން ވިދާޅުވާއިރު އަޅުގަނޑުމެން ކޮންމެ ތިންމަސް ދުވަހަކުން އެއީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ދައްކައިގެން ކުރިޔަށްދިޔައީ. މިއީ އަޅުގަނޑުމެން ނެގި ލޯނެއް ނޫން. އެހެންނަމަވެސް ސަރުކާރުތަކަކީ ކޮންޓިނިޔުޓީ އަކަށްވާތީ ކުރީގައި ނަގާފައި ހުރި ލޯނުތައް ދައްކަންޖެހޭ. އެއީ އަޅުގަނޑު މިކުރި ކަމަކީ. އެނގިވަޑައިގަންނަވާނެ ކޮވިޑްގެ ދަތި ހާލަތު ނިމުނުއިރުގައި 2022 ވަނަ އަހަރު ދައްކަންއޮތް ކުރީގެ ސަރުކާރުން ނަގާފައި އޮތް 250 މިލިއަން ޑޮލަރު. ސަނީ ސައިޑް ބޮންޑުގެ ނަމުގައި ރައީސް ޔާމީން ނަންގަވާފައި އޮތް ބޮންޑެއް އޮތް.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ލޯނު ނަގަންޖެހޭ ހާލަތްތަކުގައި ލޯނު ނަގަންޖެހޭކަމަށެވެ. އެހެންނަމަވެސް ކޮވިޑްގެ ދަތި ހާލާއެކުވެސް އެކަމަށް ފައިސާ ހޯދާ ދަރަނި ދައްކާފައިވާނެކަމަށް ވިދާޅުވިއެވެ.

އެހެން އެގޮތަށް ވަނީ މާލީ ސިޔާސަތުތައް ރަނގަޅަށް ޕްލޭންކޮށްގެން ކުރިޔަށްގެންދިޔައީމަ ކަމަށް ވިދާޅުވިއެވެ. 2026 ވަނަ އަހަރު ލޯނު ދައްކަން އޮންނާނެކަމަށާއި ނަމަވެސް އެލޯނު ދެއްކޭނެ ގޮތް އޮންނާނީ ފަހިކޮށްދީފައިކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި އެ ޕްލޭނާ އެއްގޮތަށް ކަންކަން ތަންފީޒުކޮށްފިކަމަށްވާނަމަ ދައްޗެއްނެތި ބަޖެޓް ތަންފީޒުކުރެވެމުންދާނެކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް