ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ވެސް ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.
ބުރާސްފަތި ދުވަހުގެ ރޭ އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ އެމްޑީޕީ މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ މިސަރުކާރު އައީ ހުރިހާކަމެއް ހާމަކުރާނެ ކަމުގެ ސިޔާސަތާއެކު ކަމަށާއި، ނަމަވެސް އަމަލުކުރަމުންދަނީ އިދިކޮޅަށް ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ މިސަރުކާރުގެ މިހާތަނަށް އައިރު ނޫސްވެރިން ބޭނުންވި އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާ ކަމަށެވެ. ބައެއް މައުލޫމާތު ހޯދުމަށް ނޫސްވެރިން މަސައްކަތްކޮށް ނުލިބި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މައުލޫމާތު ހިއްސާކުރުމަށް އެދުމުން އެ މައުލޫމާތު ނުދީ ސަރުކާރުން މިއަދު ހިފަހައްޓަމުންދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދެން އޮތް ގޮތަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި، މަޖިލީހުގެ ތެރެއިން ޖަވާބުދާރީ ކުރުވޭނެ ކަމަށެވެ. އަދި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ވެސް އެކަން ކުރައްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މައުލޫމާތު ހާމަކޮށްދޭނެ ކަމަށް ވިދާޅުވެ ހުރިހާ އެއްޗެއް ހާމަކުރައްވާނަމޭ. ތިމަންނަ ވެރިކަމުގައި ހުރެ ހާމަނުކުރާނެ ހަމައެއްވެސް އެއްޗެއް ނޯންނާނެއޭ ވިދާޅުވޭ މިހާތަނަށް އައިރުގައި ނޫސްވެރިން ބޭނުންވި ހަމައެއްވެސް ކަމެއް އެއްވެސް އެއްޗެއް ހާމަކޮށްފައިނެތް. އިންފޮމޭޝަން ކޮމިޝަނަރު އެ ވިދާޅުވަނީ 58 ޕަސެންޓު މިއަދު ދަށަށް ހިނގައްޖެޔޭ މިވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި. ޚާއްސަކޮށް ރައީސް އޮފީހުން ދޭންވާ މައުލޫމާތުތައް ނުދީ ހިފަހައްޓާގެން އިންފޮމޭޝަން ކޮމިޝަނަރު ތަހުގީގުކޮށް ހުކުމްކޮށްފައި އެއޮތީ. ނަމަވެސް އެއަށް އަޅާލީއެއް ނޫން. މިކަންތައްތައް ދެން ޖަވާބުދާރީ ކުރެވޭނީ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ދެން ރައްޔިތުން މަޖިލީހުގެ ތެރެއިން. ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ވެސް އެކަންކަން ހާމަކުރެވޭނެ ގޮތް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. މިކަމަށްޓަކައި ތިބޭފުޅުން ކުރިއަށް އޮތް މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވަރަށް ވިސްނުންތެރިކަމާއެކު ވޯޓު ދިނުމަށް.އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންނަށް ގޯހެއް ހެދިފައިވާކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި، މަޖިލިސް އިންތިޚާބަކީ އެކަންކަން ރަނގަޅު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.