ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރާއްޖެ އަށް މަސްތުވާތަކެތި ހިފައިގެން އައީ ނައިޖީރިއާ އަށް ނިސްބަތްވާ މީހެއް ކަމަށެވެ. ފުލުހުން އިތުރަށް ބުނީ އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާއާ ދެކޮޅަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ކޯޓު އަމުރުގައި ބުނެފައި ވަނީ ތަހުގީގު ބަޔާންތަކާއި ފޮޓޯ ރިޕޯޓާއި މެޑިކަލް ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ. ހަމައެހެންމެ އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފައެވެ. އަދި އިތުރު އެއްވެސް މުއާމަލާތެއް އޭނާ ހިންގާފައިނުވާ ކަމަށާއި އޭނާ ގުޅަމުން ދިޔައީ ނައިޖީރިއާއިން އޭނާ ފޮނުވި މީހާއަށް އެކަނި ކަމަށް ވެސް ކޯޓު އަމުރުގައިވަނީ ބުނެފައެވެ.
މި ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ މި މީހާއާ ބައިވެރިވާ އިތުރު ބަޔަކު ތިބިކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.