އެމްޑީޕީގެ މެންބަރު ފުލުހަށް ހާޒިރު ކުރަމުންދަނީ ކުރަމުންދާ ތަހުގީގަކަށް ވުރެ ބޮޑަށް ސިޔާސީ ވެރިން އަންގަވައިގެން ކަން ސާފު ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 3 ގައި ބޭއްވި އެއްވުމާއި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ނަޖުދާ އަލީ ތަހުގީގަށް ކަމަށް ބުނެ ބުރާސްފަތި ދުވަހު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އެކަމާއި ގުޅޭ ގޮތުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ތަހުގީގަށް ސުވާލު ކުރުމުގެ ނަމުގައި ފުލުހަށް ހާޒިރުކުރުމުން އެނގެނީ މިކަން ކުރަނީ ފުލުހުން ބޭނުން ވެގެން ކުރާ ތަހުގީގަކަށްވުރެ ސިޔާސީ ވެރިން އަންގަވައިގެން އަންނަ މަހުގެ 17 ވަނަ ދުވަހު އޮތް އެއްވުމުގައި މީހުން ބައިވެރިވުމަށް ހުރަސްއެޅުމަށް ނޫނީ މީހުން މަދުކުރުމަށް ކުރާކަމެއްގެ ގޮތުގައި ކަމަށެވެ. މައުރޫފް ވިދާޅުވީ އެމްޑީޕީ އިން ބާއްވާ އެއްވުމުގައި އެންމެ އިސް ސަފުގައި ބައިވެރިވާ ޒުވާނުންނަށް ޓާގެޓް ކޮށްގެން ތަހުގީގުގެ ނަމުގައި ފުލުހުން މެދުވެރިކޮށް އެކަންކަން ކުރަމުން އަންނަ ކަމަށެވެ.
އަޅުގަނޑުމެންނަށް ޖަވާބު ނުދެވޭ އެއްވެސް ސުވާލެއް މިތަނުން ނުކުރޭ. އެއީ ގާނޫނުއަސާސީ އިން ލިބިދޭ ހައްގެއް ބޭނުން ކުރުމަށްޓަކައި ގިނަ އަދަދެއްގެ ރައްޔިތުންނާ އެއްކޮށް އެއްވެ މުޒާހަރާ ނުވަތަ އެއްވުން ބާއްވާފަ ވަނީ. އެހެންވީމާ ގާނޫނާ ހިލާފު އެއްވެސް ކަމެއް އެތާކު ނުހިނގާ. ގާނޫނާ ހިލާފު ކަމެއް ކުރީ ވެއްޖެއްޔާ، އަޅުގަނޑުމެންނަށް ފާހަގަވަނީ ފުލުހުން ކުރީ. އެއީ ރީއްޗަށް ސުލްހަވެރިކާއެކު ބަޔަކު އެއްވެފައި ތިއްބާ އެ އެއްވުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން ރުޅާލާ އެތައް ބަޔަކު އަނިޔާވެރިކަމާއެކު ހައްޔަރުކޮށް ކޯޓަށް ގެންގޮސް މުއްދަތު ޖެހީ.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް![]()
މައުރޫފް ވިދާޅުވީ ހިނގަމުންދާ ކަންކަމަށް ބަލާއިރު އެމްޑީޕީގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ފުލުހަށް ހާޒިރުކުރަނީ ފުލުހުން ހިންގާ ތަހުގީގަކަށްވުރެ ބޮޑަށް ސިޔާސީ ވެރިން އަންގަވައިގެން ކުރައްވާ ކަމެއްގެ ގޮތުގައި ކަމަށެވެ.
މި މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާ އާއި ގުޅިގެން މުޒާހަރާގެ އިސްކޮށް އުޅުނު ފަރާތްތަކަށް ޓާގެޓްކޮށް ފުލުހަށް ހާޒިރުވުމަށް އަންގާ ދަނީ ޗިޓްތައް ފޮނުވަމުންނެވެ. އަދި ބައެއް ފަރާތްތަކަށް ޖިނާއީ ދައުވާކޮށް ތަހުގީގު ވެސް ވަނީ ފަށާފަ އެވެ.