ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އާސެނަލްއާ ދެކޮޅަށް ފޯވަޑް ސާގް ގެނެބްރީ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
އޭނާ އަކީ ފުރަތަމަ ލެގުގައި މި ދެ ޓީމު 2-2އިން އެއްވަރުވި މެޗުގައި އާސެނަލް ކޮޅަށް ލަނޑު ޖަހައިދިން ފޯވަޑެވެ. އަނެއް ލަނޑު ޖެހީ އިނގިރޭސި ކެޕްޓަން ހެރީކޭން އެވެ.
ބަޔާންއިން ބުނީ އާސެނަލް މެޗުގައި ގެނެބްރީ އަށްވި ހާނިއްކަ އަކީ ސީރިއަސް ކަމެއްނޫން ކަމަށާއި ނަމަވެސް މަސްގަނޑަށް އަރާފައިވާ ތަދު އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗާ ހިސާބަށް މުޅިން ރަނގަޅު ނުވާނެ ކަމަށެވެ. އަދި އޭނާ ނެތުމަކީ ދެރައެއް ކަމަށާއި ނަމަވެސް ބަޔާން މަސައްކަތް ކުރާނީ ދެ ވަނަ ބުރުގައި ނަތީޖާ ބަދަލުކޮށްލަން ކަމަށް ވެސް އެ ޓީމުން ވަނީ ބުނެފަ އެވެ.
މި މެޗުގައި އަނިޔާވުމުން ގެނެބްރީ ވަނީ 70 ވަނަ މިނިޓްގައި ބަދަލުވެސްކޮށްފަ އެވެ.
ކޯޗު ތޯމަސް ޓުޗެލް މެޗަށް ފަހު ބުނީ އޭނާގެ ޓީމަށް ލިބެންޖެހޭ ޕެނަލްޓީއެއް ރެފްރީ ނުދިނީ ދެ ޓީމަށް ހަމަހަމަވުމުގެ ހިތްވަރުނެތިގެން ކަމަށެވެ.
ބަޔާން އަކީ ޗެމްޕިއަންސް ލީގު ހަ ފަހަރު ހޯދާފައިވާ ޓީމެކެވެ. މި ސީޒަނުގައި ޖަރުމަނު ލީގާއި ޖަރުމަނުކަޕުގައި ކުރިމަތިވި ނާކާމިޔާބީގެ ސަބަބުން މި ސީޒަނުގައި ތައްޓެއް ހޯދުމުގެ ފުރުސަތު ބަޔާން އަށް އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ.