ކ. މާލެ
|
11 އޭޕްރިލް 2024 | ބުރާސްފަތި 13:21
ޣައްޒާގައި މިހާތަނަށް ހިނގި އެންމެ ލޭއޮރުވުން ބޮޑު ހަނގުރާމަ
ޣައްޒާގައި މިހާތަނަށް ހިނގި އެންމެ ލޭއޮރުވުން ބޮޑު ހަނގުރާމަ
ރޮއިޓާސް
6 މަސްވީ ޣައްޒާ ހަނގުރާމަ
6 މަސް ދުވަހުގެ ލޭ އޮހޮރުވުން: ޣައްޒާ ހަނގުރާމަ އަދަދުތަކުން
 
އިސްރާއީލުން ހިންގަމުންދާ ބަދަލު ހިފުމުގެ ގަތުލުއާންމުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދުވަނީ 33،175 އަށްވުރެ މައްޗަށް އަރާފައި

މީގެ ހަ މަސް ކުރިން ޣައްޒާގައި ފެށުނު މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ލޭއޮހޮރުވުމުގެ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންތަކެއް ގެއްލިގެން ދިޔައީ ބިރުވެރި އަދި ހިތާމަވެރި ގޮތަކަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ކުރިއަށް ގެންދާ ގަތުލުއާންމުގައި ވަށާލާފައިވާ ފަލަސްތީނުގެ ބިމުގައި މިހާތަނަށް 33،175 މީހުން ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި މަރުވެފައިވާކަމަށް އިސްރާއީލުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކަނީ 1،170 މީހުން ކަމަށެވެ.

ހަމާސް އިން ގެއްލުނީ ކިތައް ހަނގުރާމަވެރިން ކަމެއް ބުނަން ދެކޮޅު ހެދި ނަމަވެސް އިސްރާއީލުން ބުނަނީ 12،000 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން މަރުވި ގިނަ މީހުންނެކޭ އެއްފަދައިން މިއީ ހަމާސްއިން ޝަހީދުވި މުޖާހިދުންގެ އަދަދަކީ ވެސް މިނިވަންކަމާ އެކު ކަށަވަރު ކުރެވޭނެ ކަމެއް ނޫނެވެ.

އިސްރާއީލަށް ލިބުނު ގެއްލުން

އިސްރާއީލުން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އެ ގައުމުން މަރުވި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ ސަލާމަތީ ބާރުތަކުގެ މީހުން ކަމަށާއި އެއީ 306 ސިފައިންނާއި 60 ފުލުހަކާއި ޝިން ބެޓްގެ އިންޓާނަލް ސެކިއުރިޓީ ސާވިސްގެ 10 މެމްބަރުން ކަމަށެވެ.

މި ހަމަލާގައި މަރުވި މީހުންގެ ތެރެއިން 76 މީހުންނަކީ އިސްރާއީލު ނޫން އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަނގުރާމަ ފެށި ފަހުން މިހާތަނަށް 604 ސިފައިން މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން 20 ސިފައިން މަރުވެފައިވަނީ އެމީހުން އަމިއްލައަށް ހެނދުނު މިސްޓޭކްތަކުން ދެވިފައިވާ ހަމަލާތަކުގައި ކަމަށެވެ. އޭގެ ތެރެއިން 260 މީހުން މަރުވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އިސްރާއީލުން ޣައްޒާގައި އެއްގަމު އުޅަނދު ފަހަރު ދުއްވަން ފެށި ފަހުން ކަމަށް އަސްކަރިއްޔާއިން އާދީއްތަ ދުވަހު ވަނީ ބުނެފައެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިސްރާއީލުގެ 17 މީހުން (ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ހިމެނޭ ގޮތަށް އާންމުން) ވަނީ މަރުވެފައެވެ.

ލުބުނާނުން ދިން ހިޒްބުالله ރޮކެޓާއި މިސައިލް ހަމަލާތަކުގައި އުތުރުން އާންމުންގެ އަށް މީހަކާއި އިސްރާއީލު ސިފައިންގެ 10 މީހަކު މަރުވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ރަހީނުކުރި އިސްރާއީލާއި ބޭރުގެ ގާތްގަނޑަކަށް 250 މީހުންގެ ތެރެއިން 129 މީހުން އަދިވެސް ތިބީ ޣައްޒާގައި ކަމަށާއި އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.

މިދިޔަ ނޮވެމްބަރު މަހު އެއް ހަފުތާގެ ހަނގުރާމައިގެ މެދުކަނޑާލުމުގެތެރޭގައި ޣައްޒާއިން އެތައް ބަޔަކު ދޫކޮށްލާފައިވާއިރު، ރަހީނުކުރި 12 މީހެއްގެ ހަށިގަނޑު ވަނީ އިސްރާއީލަށް އަނބުރާ ފޮނުވާލާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއިން އިސްރާއީލަށް 9،100 ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.

އިސްރާއީލުން މިހަނގުރާމައަށް ތިން ލައްކަ ރިސާވިސްޓުން ތައްޔާރީހާލަތަށް ގެނެސްފައިވާއިރު، އޭގެ ތެރެއިން 17 އިންސައްތައަކީ އަންހެނުންނެވެ.

ފަލަސްތީނަށް ލިބުނު ގެއްލުން

އިސްރާއީލުން ހިންގަމުންދާ ބަދަލު ހިފުމުގެ ގަތުލުއާންމުގައި ޣައްޒާގައި ޝަހީދުވި 33،175 މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ޣައްޒާއިން ހަމާސްއަށް ނިސްބަތްވާ 12،000 ހަނގުރާމަވެރިން ނައްތާލާފައިވާއިރު، އޭގެ ތެރޭގައި ފަސް ބްރިގޭޑް ކޮމާންޑަރުންނާއި 20 ބެޓަލިއަން ކޮމާންޑަރުން ވެސް ހިމެނެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ އިތުރު 459 މީހަކު ޝަހީދުވެފައިވާ ކަމަށް ރަމަاللهގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހުޅަނގު އައްސޭރީގެ އޮޕަރޭޝަންތަކުގައި 420 ޓެރަރިސްޓުން ނައްތާލާފައިވާ ކަމަށެވެ.

އިސްރާއީލުން ބުނީ ހަނގުރާމަ ފެށި ފަހުން ޣައްޒާގެ 32،000 އަމާޒަކަށް ވައިގެ މަގުން ހަމަލާދީފައިވާ ކަމަށެވެ.

ލުބުނާނާއި ސީރިއާ

އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ލުބްނާނުގައި ދިން ބަޑީގެ ހަމަލާތަކުގައި 363 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ހިޒްބުالله ހަނގުރާމަވެރިން ކަމަށާއި އޭގެ ތެރޭގައި އާންމުންގެ 70 މީހުން ވެސް ހިމެނޭ ކަމަށް އޭއެފްޕީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބޯޑަރު ހުރަސްކޮށް ބަދަލުކުރެވުނު ހަމަލާތަކުގެ ސަބަބުން ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކާއި އިސްރާއީލުގެ އުތުރުގެ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.

ލުބުނާނުގެ ހަމާސް ޖަމާއަތާއި ހިޒްބުالله އާ ގުޅިފައިވާ އަމާލް ހަރަކާތުގެ އިތުރުން ލުބުނާނުގެ އެހެން ޖަމާއަތްތަކުގެ ހަނގުރާމަވެރިން ވެސް މި ޢަދަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އިސްރާއީލުން ސީރިއާއަށް ދިން ހަމަލާތަކުގައި ހިޒްބުاللهގެ 23 ހަނގުރާމަވެރިން މަރުވެފައިވާއިރު، މިދިޔަ ހަފުތާގައި ދިމިޝްގަށް ދިން ހަމަލާއެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ހަތް މީހަކު ވަނީ މަރުވެފައެވެ.

އިސްރާއީލުން ބުނީ ލުބުނާނުގެ ވައިގެ މަގުން 1،400 އަދި އާޓިލަރީ އާއި ރޮކެޓާއި ޓޭންކުން 3،300 އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

އެގައުމުގެ އަސްކަރިއްޔާއިން ބުނީ ލުބުނާނުން ބޯޑަރު ހުރަސްކޮށް 3،100 ރޮކެޓް ފޮނުވާލާފައިވާއިރު ސީރިއާއިން 35 ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް