ކެންޔާގެ ވެރިރަށް ނައިރޯބީގެ ޕަބްލިކް ހޮސްޕިޓަލެއްގައި ހަޅުތާލު ކުރަމުންދިޔަ 100 ޑޮކްޓަރުން ވަޒީފާއިން ވަކިކޮށްފިއެވެ.
ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން ކުރިއަށްގެންދިޔަ އެ ހަޅުތާލުގައި ބައިވެރިވާ 100 ޑޮކްޓަރުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ކެންޔާޓާ ޔުނިވަރސިޓީ ރެފަރަލް ހޮސްޕިޓަލުން ބުނީ ހަޅުތާލުކުރާ މީހުންގެ ބަދަލުގައި އާ ޑޮކްޓަރުން މިހާރު ނަގާފައިވާކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ގިނަ ޑޮކްޓަރުންތަކެއް ސިލްސިލާ ހަޅުތާލުތަކެއް ކުރަމުންދިޔައީ މުސާރަ ރަނގަޅުކުރުމަށާއި މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމަށް ޑިމާންޑުކޮށްފައެވެ. އެމީހުން ހަޅުތާލުފެށީ ގާތްގަޑަކަށް މާޗް މަހުގެ މެދުތެރޭގައެވެ.
ހަޅުތާލުކުރި މީހުންނަށް ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ އާދީއްތަ ދުވަހު ދެއްވި ޖަވާބަކީ ހަޅުތާލުކުރިޔަސް، އިގުތިސާދީ ހާލަތު ތަންނުދޭއިރު މުސާރަ ބޮޑުކޮށްނުދެވޭނެ ކަމަށެވެ. އަދި ދައުލަތުގައި އެވަރަށް ފައިސާ ނެތްކަމަށެވެ.
އަމިއްލަ ނަފްސަށް ތެދުވެރިވާން ޖެހޭ، ހަގީގަތަކީ އަޅުގަނޑުމެންގެ ވަސީލަތްތައް ހުރިމިންވަރަށް ބަރޯސާވާންޖެހޭނެ ކަން. މުސާރަ ދޭން ދަރަންޏަށް ފައިސާއެއް ނުނެގޭނެ.ރޫޓޯ ވިދާޅުވިއެވެ.
އެ ގައުމުގެ ޑޮކްޓަރުންގެ ޔޫނިއަނުން ވެސް ވަނީ މި ހަޅުތާލަށް އެއްބާރުލުންދީފައެވެ. އެގޮތުން އަންގާރަ ދުވަހު އެތައް ސަތޭކަ ޑޮކްޓަރުންނެއް ވަނީ މުޒާހަރާތަކުގައި ބައިވެރިވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ލޭބަރ ޑިސްޕިއުޓްއަށް ނުފޫޒު ފޯރުވުމަށް ގޮވާލާ ޕެޓިޝަނެއްވެސް މަޖިލީހަށް ހުށަހަޅައިފައެވެ.
މިއީ ކެންޔާގެ ޑޮކްޓަރުން މުސާރަ ދަށްވުމާއި މަސައްކަތުގެ ހާލަތު ގޯސްކަމަށް ބުނެ ހަޅުތާލުކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. 2017 ވަނަ އަހަރުކުރި 100 ދުވަހުގެ ހަޅުތާލުގައި ވެސް އެތައްސަތޭކަ ޑޮކްޓަރުން ބައިވެރިވެ އެމީހުން މަސައްކަތް ހުއްޓާލުމުގެ ސަބަބުން ފަރުވާ ނުލިބި ކެންޔާގައި ވަނީ މީހުންތަކެއް މަރުވެސް ވެފައެވެ. ހަޅުތާލު ނިމުމަކަށް އައީ ޑޮކްޓަރުންގެ ޔޫނިއަނުން މުސާރަ ބޮޑުކުރުމަށް ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެންނެވެ.
ޑޮކްޓަރުން މިހާރު ބުނަނީ 2017 ވަނަ އަހަރު އެއްބަސްވި ކަންތައްތަކުގެ ތެރެއިން ގިނަ ކަންކަން އަދިވެސް ތަންފީޒު ކުރެވިފައި ނުވާކަމަށެވެ.