ފެނިގެން މިދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުދުމުހުތާރު ސަރުކާރުގެ އަމަލުތައް ހުންނާނެ ގޮތް ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިފަދަ ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ބާރާއި ނުފޫޒުގެ ބޭނުންކޮށް ހުރަސް އަޅައި ހުއްޓުވާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާއިރު އެ ޖަލްސާ ބާއްވަން އޮތް ތަނަށް ފުލުހުން ފޮނުވައި ޕެޕާ ސްޕްރޭ ޖަހައި ސުލްހަވެރި ސިޔާސީ ހަރަކާތެއް ހުއްޓުވާފައިވާތީ އެބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ސިޔާސީ ޕާޓީ އުފައްދައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު ޕީއެންއެފް ވުޖޫދުވުމަށް ސަރުކާރުން ހުރަސް އެޅުމަކީ ހިޔާލު ފާޅުކުރުމާއި ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަތު ނުދިނުންކަމަށް ބުނެފައިވެއެވެ.
އަދި ސަރުކާރުން ޑިމޮކްރަޓިކް ނިޒާމަށް ހުރަސް އަޅައި ސިޔާސީ ވާދަވެރިންނަށް އޮތް ފުރުސަތުތައް ބަންދުކުރުމަކީ ކުރިއަށް އޮތް ތަނުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުދުމުހުތާރު ސަރުކާރުގެ އަމަލުތައް ހުންނާނެ ގޮތް ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުރުސަތު ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި ސިޔާސީ ހަރަކާތް ހިންގޭނެ މާހައުލެއް ގާއިމުކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.