ކ. މާލެ
|
9 އޭޕްރިލް 2024 | އަންގާރަ 23:01
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ޕީއެންއެފް ޖަލްސާއަށް ހުރަސްއެޅުން
ޕީއެންއެފްގެ ޖަލްސާއަށް ހުރަސްއަޅަނީ ސަރުކާރު ބިރުގަންނާތީ: އެމްޑީޕީ
 
ޝާހިދު ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބާއްވަން އުޅޭ ޖަލްސާއަށް ރައީސް މުއިއްޒު ހުރަސް އެޅުމަށް ކުރައްވަމުން ގެންދަވާ މަސަައްކަތްތަކާ މެދު އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން (ޕީޕަލްސް ނޭޝަނަލް ފްރަންޓް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާއަށް މިސަރުކާރުން ހުރަސްއަޅަމުންދަނީ ސަރުކާރުން ބިރު ގަންނާތީކަމަށް މައި އިދިކޮޅު ޕާޓީން އެމްޑީޕީން ބުނެފިއެވެ.

މިރޭ 9:15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ނުބޭއްވިފައިވަނީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ޣިޔާސުއްދީން ސްކޫލަށް ނުވަދެވޭގޮތަށް ފުލުހުން ހުރަސްއަޅާފައިވާތީއެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބާއްވަން އުޅޭ ޖަލްސާއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހުރަސް އެޅުމަށް ކުރައްވަމުން ގެންދަވާ މަސަައްކަތްތަކާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

އަދި މިގޮތަށް ކަންކުރަނީ މިހާރުގެ ސަރުކާރުން ބިރުގަނެ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނަށް ޕީޕީއެމް/ޕީއެންސީ އަށް ތަރުޙީބެއް ނެތުމާއި މިސަރުކާރުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި އެހެނިހެން ނޭދެވޭ އަމަލުތަކުގެ ތުހުމަތުތަކުގެ ސަބަބުންކަމަށެވެ. އަދި އައު ސިޔާސީ ޕާޓީތަކާއި ހަރަކާތްތައް އުފެއްދުމުގެ ހައްގާއި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް ނިޒާމުގެ އަސާސްތަކެއް ކަމަށް، މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފު ކުރުމުގައި އިސްކޮށް އުޅުނު ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ގަބޫލުކުރާކަމަށް މި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބުރޫއަރުވައި އެކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނާއި އަމިއްލަ ސްކޫލްތަކާއި ފުލުހުންނަށް މިހާރުގެ ސަރުކާރުން ކުރަމުންދާ ޕްރެޝަރާމެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. އަދި ސިޔާސީ ވާދަވެރި ޕާޓީތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޖެހިލުންވެވަޑައިގަންނަވަން ޖެހޭނެ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މި ސަރުކާރަކީ ނާގާބިލު ސަރުކާރެއްކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ގޮތަކަށް ސަރުކާރުން ޕާޓީތަކަށް ހުރަސް އަޅާނެ ކަމުގެ ބިރު އޮތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި އެއްގޮތަށް އަމަލުކުރުމަށް ފައްޔާޒު ގޮވާލެއްވިއެވެ.

މިރޭ 9:15 ގައި ޖަލްސާ ބޭއްވުމަށް ޕާޓީގެ އިސްވެރިންނާއި މެމްބަރުން ޣިޔާސުއްދީން ސްކޫލަށް ދިޔައިރު ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލްގެ ގޭޓް ބަންދުކޮށް ބައިވެރިން ސްކޫލް ތެރެއަށް ވަނުމަށް ހުރަސްއަޅާފައެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުން މީޑިޔާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުންދަނީ އެޓެންޑް ކުރަމުންކަމަށެވެ. އެޑިޔުކޭޝަން މިނިސްޓްރީން ފުލުހުންނަށް މިގޮތަށް އެދިފައިވަނީ މިރޭ 6:42 ގައިކަމަށް ފުލުހުން ބުނެފައިވެއެވެ.

ޣިޔާސުއްދީން ސްކޫލުން ވަނީ ސްކޫލް ރައްކާތެރިކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އެދިފައެވެ. ޣިޔާސުއްދީން ސްކޫލުން ވަނީ މިރޭ އެސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ބޭއްވެން ނެތްކަން ޕީއެންއެފް އަށް އަންގާ ކޮށްފައިވާ ޕޭމަންޓް ރީފަންޑްކުރުމަށް އެކައުންޓް ނަންބަރެއް ހިއްސާކުރުމަށް އެދި ޕީއެންއެފް އަށް މެއިލެއް ފޮނުވާފައެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސް އަޅާފައިވާއިރު މިޖަލްސާ އެންމެ ފުރަތަމަ ބާއްވަން ތާވަލުކުރީ ހޯމަ ދުވަހުގެ ރެއެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ޖަލްސާ ފަސްކުރެއްވީ ކަމަށާއި މިޖަލްސާގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ޕީއެންއެފް ނުހުއްޓުވޭނެ ކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މަލީހު ޖަމާލު ރާއްޖެއެމްވީ އާ ވާހަކަދައްކަވަމުން ވަނީ ވިދާޅުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް