ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތުކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައި އެބަ ހުރި ކަމަށާއި އެ މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރިއަށް ގެންދާ މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
މެންބަރު އީސަ މިހެން ވިދާޅުވީ ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ބަޖެޓްކުރުމެއް ނެތި ސިންގަލް ސޯސްކޮށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކަމަށް މައުލޫމާތުލިބިވަޑައިގެންފައިވާ ކަަމަށާއި އެމްޓީސީސީން އެ މަސައްކަތް ހަވާލު ކުރީ ރައީސް އޮފީހުގެ ވަޒީރެއްގެ ކޮންޓްރޯލް އޮތް ކުންފުންޏަކާ ކަމަށް ވެސް މެންބަރު އީސަ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހަވާލުކުރީ 5.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީގެ މުވައްޒަފުން ލައްވާ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް އީސަ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލުތައް ހިންގަވާފައިވާ ކަަމަށް އީސަ ވިދާޅުވިއެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު އަރިސް ބޭފުޅެއްގެ މަދަދުވެރިކަމާއެކު ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގަވާފައިވާ ކަަމަށް އީސަ ވިދާޅުވިއެވެ.
ރައީސްކަމަށް ވަޑައިގަންނަވަން ފައިސާ ހޯއްދެވި ގޮތުގެ ވާހަކަ. އެއްވެސް ކަމެއް ކަޓު ނުނަގާގޮތަށް ނުހިނގާ. ރިޔާސީ އިންތިޚާބަށް ނުކުންނަން ފައިސާ ނެގި ގޮތް ކަމަށް ތުހުމަތު ކުރާ ވާހަކަތަކެއް އެބަ ހުރި. ކައިރީގައި ސިޓީ ކައުންސިލްގައި ހުރި ބޭފުޅަކު ލައްވާ ތަރިޖެހި ކޮތަޅަކަށް ޕާކިން ސްލޮޓެއް ދިނަސް ވިޔަފާރިވެރިއަކަށް ހުސް ބިމެއް ދިނަސް އެ ކޮތަޅަށް ފައިސާ އަޅުއްވައިގެން އުޅުއްވި ވާހަކަ. އަނެއްކާ މިހާރު އެ ކޮތަޅު ގެންގުޅުއްވި ބޭފުޅާ އަށް ރައީސް އޮފީހުން މިނިސްޓަރުކަން ދެއްވާ، އެ ކޮތަޅުގެ އަނގަ ތަންމިނަށް ހުޅުވާލައިފި. ކޮންމެކަމަކުން ކަޓު ނަގާ އެ ދަނީ އެ ފައިސާ މަޖިލީހަށް ހޭދަކުރަމުންކަމަށް އެބަ ތުހުމަތުކުރެވޭކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ
މީގެއިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ މި ސަރުކާރުން ދަނީ ކޮރަޕްޝަނާއި އޮޅުވާލުމުގެ އެތައް އަމަލެއް ހިންގަމުން ކަމަށެވެ. އަދި މިކަމާއި މެދު އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އީދާއި ގުޅިގެން އިސްލާމީވަންތަ ދިއްލުންތަކެއް ރާއްޖޭގައި ހަރުކުރާ ކަމަށް ބުނެ މި ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ދިއްލުންތަކުގައި ބޭނުންކުރާ ބޮކިތަކަކީ އޭގެ އަގާ ނުބައްދަލު ކޮލިޓީ ދަށް ބޮކިތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.