ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 23:17
ފުށިދިއްގަރު ފަޅު ހިއްކަން ފެށުން
ފުށިދިއްގަރު ފަޅު ހިއްކަން ފެށުން
ރައީސް އޮފީސް
ހިމާޔަތްކޮށްފައިވާ ތަންތަން
ރަސްމާލެ ހިއްކުމަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފި
 
ގަވާއިދު އިސްލާހުކުރީ ރަސްމާލެ ހިއްކަން ބޭނުން ތަނަކުން ވެލި ނެގޭނެ ގޮތަށް
 
ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއެއް ހިންގުމަށް ވެލި ނެގިދާނެ
 
މި އިސްލާހާއެކު، ހިމާޔަތްކޮށްފައިވާ ކޮންމެ ތަނަކުންވެސް ވެލި ނެގޭނެ

ބަޖެޓް ކުރުމެއް ނެތި ހިއްކަން ފަށާފައިވާ ރަސްމާލެ ހިއްކަން ބޭނުންވާ ވެލި، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި އިސްލާހު ގެނެސްފައިވަނީ، ބިން ހިއްކުމަށް ވެލި ނެގިދާނެ ތަންތަނާއި ވެލި ނެގުން އަދި ބިން ހިއްކުންފަދަ މަސައްކަތް ކުރުން މަނާ ސަރަހައްދުތައް ހިމެނޭ މާއްދާއަށެވެ. އެއީ މި ގަވާއިދުގެ 13 ވަނަ މާއްދާއެވެ.

13 ވަނަ މާއްދާގެ (ރ) އަށް އިސްލާހު ގެނެސްފައިވަނީ (ރ)ގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށްފަހުއެވެ. އެގޮތުން (ރ)ގެ 1 ވަނަ ނަންބަރުގައި ބުނެފައިވަނީ ގާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު)ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ "އެންވަޔަރަންމަންޓަލީ ސެންސިޓިވް އޭރިޔާސް"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއްގެ 200 މީޓަރަށްވުރެ ކައިރިން ވެލިނެގުން، ނުވަތަ ބިން ހިއްކުން، ނުވަތަ ފަޅު ފުންކުރުމަކީ މަނާކަމެއް ކަމަށެވެ.

ނަމަވެސް 13 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް (2) އިތުރުކޮށް އެ ނަންބަރުގައި ބުނެފައިވަނީ (ރ)ގެ 1 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއެއް ހިންގުމަށްޓަކައި، 5 ކަމަކަށް ބެލުމަށްފަހު އެފަދަ ސަރަހައްދެއްގައި ބިންހިއްކުމާއި، ވެލި ނެގުމާއި، ފަޅު ފުންކުރުން ފަދަ މަސައްކަތެއް ކުރެވިދާނެ ކަމަށެވެ.

އެގޮތުން, އެފަދަ މަސައްކަތެއް ކުރަންވާނީ، އެ މަޝްރޫޢު ރާވައި ހިންގާ ފަރާތުން 5 ކަމެއް ފުރިހަމަކުރުމަށް ޝަރުތުކޮށް، ތަންފީޒީ އިދާރާއިން ހުއްދަ ދިނުމަށްފަހު ކަމަށެވެ.

  • އެ ތަނެއްގައި ހުރި ދިރުންތަކާއި، ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކާބެހޭ ތަފުސީލީ ދިރާސާއެއް ހެދުން.
  • އެ ތަނެއްގައި ހުރި ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް އެފަދަ އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދިރުވައި އާލާކޮށް، މޮނިޓަރކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ހުށަހަޅައި، އެ ޕްލޭން ފާސްކުރުން.
  • އެ ތަނެއްގައި އެކުލެވޭ ގުދުރަތީ އަދި ތަބައީ ސިފަތައް ހިމެނޭގޮތަށް އެ ސަރަހައްދަށްވުރެ ކުޑަނޫން ސަރަހައްދެއް ނުވަތަ ސަރަހައްދުތަކެއް، ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ މިންވަރަކަށް ކަނޑައަޅާ ތަނެއްގައި ނުވަތަ ތަންތަނުގައި، ކަމާގުޅޭ އިދާރާތަކުން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހިމާޔަތްކޮށް، މެނޭޖްކޮށް، ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ބަދަލު ގެނައުމުގެ ސަބަބުން ފެންފަށަލައަށް ކުރާނެ އަސަރު ދެނެގަނެ، އަންނާނެ ބަދަލުތައް ދިރާސާކޮށް، ބަދަލެއް އަތުވެދާނެކަމަށް ފެންނަނަމަ އެކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، މި ކަންކަން ތަންފީޒީ އިދާރާއިން މޮނިޓަރ ކުރުން.
  • ބަދަލު ގެނައުމުގެ ސަބަބުން ރަށުގައި ދިމާވެދާނެ ފެންބޮޑުވުމުގެ މައްސަލަ ދިރާސާކޮށް، އެކަން ހައްލުކުރުމަށް އެކަށީގެންވާ ފެން ހިންދުމުގެ ނިޒާމެއް އެ ރަށުގައި ގާއިމުކުރުން.
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
67%
33%
0%
ކޮމެންޓް