ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 11:04
ޖަޕާނަކީ ދުނޔޭގައި އެންމެ ގިނައިން ބިންހެލުމުގެ އަސަރު ކުރަމުންދާ ގައުމު
ޖަޕާނަކީ ދުނޔޭގައި އެންމެ ގިނައިން ބިންހެލުމުގެ އަސަރު ކުރަމުންދާ ގައުމު
އަނަދޮލޫ
ޖަޕާނަށް ބިންހެލުމެއް އައުން
ޖަޕާނަށް 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް، އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ!
ދުނިޔޭއަށް އަންނަ 6 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުންތަކުގެ 20 އިންސައްތަ ހިއްސާކުރަނީ ޖަޕާނުން

ޖަޕާނުގެ ހުޅަނގު ދެކުނު މިޔަޒާކީ ޕްރިފެކްޗާއަށް 5.2 މެގްނިޓިއުޑްގެ އާދައިގެ ބިންހެލުމެއް އައިސްފައިވާ ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ. އެ ސަރަހައްދަށް ބިންހެލުން އިހުސާސް ކުރެވުނު ނަމަވެސް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މި ބިންހެލުން އައިސްފައިވަނީ ޖަޕާނު ގަޑިން މިއަދު ހެނދުނު 10:25 އެހާކަންހާއިރު 40 ކިލޯމީޓަރު (24 މޭލު) އަޑިންނެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފައި ނުވާ ކަމަށް ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުންޏެވެ.

ހޯމަ ދުވަހު މި ބިންހެލުން އައިސްފައި މިވަނީ މިދިޔަ ބުދަ ދުވަހު ޓައިވާންގެ އިރުމަތީ އައްސޭރިފަށަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށެވެ. އެ ބިންހެލުމުގައި 12 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވެ، މުޅި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި ޓައިވާނުގައި ހިނގި އެންމެ ވަރުގަދަ ބިންހެލުމެވެ.

ޖަޕާނަށް މިއަދު ބިންހެލުމެއް އައިސްފައިވާއިރު، މި ބިންހެލުމަކީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުމުގެ އަސަރުކުރާ އެއް ސަރަހައްދު ކަމަށްވާ ޖަޕާނަށް ވަރަށް އާންމު ކަމެކެވެ. ދުނިޔޭއަށް އަންނަ 6 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުންތަކުގެ 20 އިންސައްތަ ހިއްސާކުރަނީ އެ ޤައުމެވެ. 

1995 ވަނަ އަހަރު އައި 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ކޯބެ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބި 6،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެންމެ ފަހުން 2011 ވަނަ އަހަރު 9.0 މެގްނިޓިއުޑްގެ ޓޯހޯކޫ ބިންހެލުމާއި ސުނާމީގެ ސަބަބުން ފުކުޝީމާ ނިއުކްލިއާ ކާރިސާއާއި އެކު 15،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

5.2 ގެ ބިންހެލުމަކީ އާދައިގެ ބިންހެލުމެއްގެ ގޮތުގައި ރޭޓްކޮށްފައިވީ ނަމަވެސް، ޖަޕާނުގެ ކަމާބެހޭ އިދާރާތަކުންނާއި ރައްޔިތުން ވަރަށް ސީރިއަސްކޮށް ބަލަނީ، އެ މިންގަނޑުގެ ބިންހެލުމުގެ ނުރައްކާ ބޮޑުކަމުންނެވެ. އަދި އާފްޓާޝޮކްތައް ވެސް އަންނާނެ ތޯ ބެލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް