ޗައިނާގެ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި އަންގާރަ ދުވަހުގެ ހެނދުނު އެ ގައުމުގެ ފަރުބަދަ މަތީ ސަރަހައްދެއް ކަމަށްވާ ޓިބެޓަށް އައި ބާރުގަދަ ބިންހެލުމެއް ގައި މަދުވެގެން 95 މީހުން މަރުވެ، 130 މީހުން ޒަޚަމްވެއްޖެއެވެ.
ޔޫ.އެސް. ޖިއޮލޮޖިކަލް ސަރވޭގެ މަޢުލޫމާތުން ދައްކާ ގޮތުގައި ޓިބެޓުގެ ޝިގަޓްސޭ ސިޓީ އަށް ބިންހެލުން އައީ އެތާ ގަޑިން 09:00 ގައި (ޖީ.އެމް.ޓީ 01:00) ކަމަށާއި، މި ބިންހެލުމުގެ ބާރުމިނަކީ ރިކްޓަރ ސްކޭލުން 7.1 އެއް ކަމަށެވެ. ބިންހެލުން އުފެދިގެން އައީ 10 ކިލޯމީޓަރު (6 މޭލު) ފުނުން ކަމަށްވެސް ބުނެފައިވެއެވެ. ބިންހެލުމުގެ ސަބަބުން އިތުރު ލޮޅުންތައް އެ ސަރަހައްދަށް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އަވައްޓެރި ނޭޕާލާއި އިންޑިއާގެ ބައެއް ސަރަޙައްދުތަކުގައިވެސް ބިންހެލުމުގެ އަސަރު ކުރިއެވެ.
މި ސަރަޙައްދަކީ ބޮޑު ޖިއޮލޮޖިކަލް ފޯލްޓް ލައިނެއްގެ މަތީގައި އޮންނަ ސަރަޙައްދަކަށްވުމުން، މި ސަރަޙައްދުގައި ބިންހެލުން އައުމަކީ އާންމު ކަމެކެވެ.
ޗައިނާގެ ސަރުކާރުގެ ޓީވީ ޗެނަލް ސީ.ސީ.ޓީ.ވީން ހާމަކޮށްފައިވާ ވީޑިއޯތަކުގައި ހަލާކުވެފައިވާ ގެތަކާއި ވެއްޓިފައިވާ ޢިމާރާތްތަކުގެ މަންޒަރުތައް ދައްކާފައިވެއެވެ. އަދި މީހުން ސަލާމާތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ މަންޒަރުވެސް ހާމަ ކޮށްފައިވެއެވެ.
ޗައިނާގެ މޫސުމާބެހޭ އިދާރާއިން ބުނާ ގޮތުގައި ބިންހެލުން އައި ސަރަހައްދުގައި ފިނިހޫނު މިން މިހާރު ހުރީ މައިނަސް 8 ޑިގުރީ ސެލްސިއަސް ގައެވެ. އަދި ރޭ ވުމުން މައިނަސް 18 ޑިގުރީ އަށް ފިނިހޫނު މިން ވެއްޓޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ސަރަޙައްދުގެ ކަރަންޓާއި ފެނުގެ ޚިދުމަތްތައްވެސް ވަނީ މެދުކެނޑިފައެވެ
ރައީސް ޝީ ޖިންޕިންގ ވަނީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި ގެއްލުން ކުޑަކުރުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުމަށް އަމުރުކުރައްވާފައެވެ.