އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޓޮޓެންހަމުން ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ.
މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ލިބުނީ ފޮރެސްޓުގެ ޑިފެންޑަރު މުރިލޯ އަތުން ބައި ކޮޅަށް ވަން ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފޮރެސްޓުން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރިސް ވުޑް އެވެ.
އޭގެ ފަހުން މެޗުގެ 52 ވަނަ މިނެޓުގައި، ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމަށް ލީޑު ހޯދައިދިނީ މިކީ ވެން ޑެ ވެން އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ސޮން ހެއުން މިން އެވެ. ދެ ވަނަ ލަނޑު ޖެހިތާ، ހަ މިނެޓުގެ ތެރޭގައި ޓޮޓެންހަމުން ތިން ވަނަ ލަނޑެއް ވެސް ޖެހި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިފެންޑަރު ޕެޑްރޯ ޕޮރޯ އެވެ.
މޮޅާއެކު ޓޮޓެންހަމުން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 31 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. ޓޮޓެންހަމަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން، ފަސް ވަނައިގައި އެސްޓަން ވިލާ އަށް ލިބެނީ ވެސް 61 ޕޮއިންޓެވެ. ޓޮޓެންހަމްގެ އެންމެ ބޮޑު އަމާޒަކީ، ސީޒަން ނިންމާލާއިރު ގަދަ ހަތަރެއްގެ ތެރޭގައި އޮތުމެވެ.