ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 05:23
އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން ސުންނާފަތިވެފައިވާ އިމާރާތްތަކެއް
އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން ސުންނާފަތިވެފައިވާ އިމާރާތްތަކެއް
އަނަދޮލޫ
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަލުން ފެށުން
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އާދީއްތަ ދުވަހު ޤާހިރާގައި އަލުން ފަށާނެ: މިސްރުގެ މީޑިއާ
ސީއައިއޭގެ ވެރިޔާ އާއި ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ވެސް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ

އިސްރާއީލުގެ އަސްކަރިއްޔާ އާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ގާތްގަނޑަކަށް 6 މަސް ދުވަސް ވަންދެން ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އާދީއްތަ ދުވަހު ޤާހިރާގައި އަލުން ފަށާނެ ކަމަށް މިސްރުގެ މީޑިއާތަކުން ބުނެފިއެވެ.

އަމިއްލަ ބްރޯޑްކާސްޓަރު އަލް ކަހެރާ ނިއުސް އިން ހޮނިހިރު ދުވަހު މިކަން ރިޕޯޓްކޮށްފައިވާއިރު، މިސްރުގެ ކަމާބެހޭ ފަރާތްތަކުން މިކަމާގުޅޭގޮތުން އަދި މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މި މަޝްވަރާތަކުގައި އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު ބިލް ބާންސް އާއި ޤަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާންގެ އިތުރުން އިސްރާއީލުގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ އިތުރުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިސްރުގެ ދައުވަތަކަށް ޣައްޒާގެ ހަމާސް ޖަމާއަތުގެ އިސް ވަފުދެއް ވެސް ޤާހިރާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ހުކުރު ދުވަހު އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޖޯ ބައިޑަން ދާދި ފަހުން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި ޤަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީއަށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހަލުވިކުރުމާ ގުޅޭ ގޮތުން ހާއްސަ ދެ ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ބައިޑަން ފޮނުއްވި ސިޓީތަކުގައި މިސްރާއި ޤަތަރަށް ގޮވާލައްވާފައި ވަނީ "ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަވަސް ކުރުމަށް ހަމާސް އަށް ޕްރެޝަރު ކުރުމަށް" ކަމަށެވެ.

މިކަމާ ގުޅިގެން ޤާހިރާ އާއި ދޯހާއިންވެސް އަދި މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި 1،200 އެއްހައި މީހުން އިސްރާއީލުން ވަނީ މަރުވެފައެވެ. އޭގެ ބަދަލުގައި އިސްރާއީލުން ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ވަނީ އެދުވަހުން ފެށިގެން ދޭން ފަށާފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 33،100 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 75،800 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑުހައިހޫނުކަމެއްގެ ތެރެއަށް ވައްޓާލައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހަށް ޖެހިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް