ކ. މާލެ
|
5 އޭޕްރިލް 2024 | ހުކުރު 14:39
ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް އަރިއަޅާލައިފައި
ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް އަރިއަޅާލައިފައި
ރޮއިޓާސް
ޖަޕާނުން ޓައިވާނަށް އެހީއެއް
ބިންހެލުމުގައި ގެއްލުން ލިބުނު ޓައިވާނަށް ޖަޕާނުން އެއް މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި
ބުދަ ދުވަހު އައި ބިންހެލުމުގައި 10 މީހުން މަރުވެ، 1000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ވީނުވީއެއް ނޭންގި ގެއްލިފައިވެސް އެތައްބަޔަކު ވާކަމަށް ރިޕޯޓްތައް ބުނޭ

ބިންހެލުމުގައި ގެއްލުން ލިބުނު ޓައިވާނަށް ޖަޕާނުން އެއް މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.

ޖަޕާނުގެ ޚާރިޖީ ވަޒީރު ޔޮކޯ ކަމީކަވާ ވިދާޅުވީ މި ހަފުތާގެ ކުރީކޮޅު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ޖަޕާނުން ޓައިވާނަށް އެއް މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކަމިކަވާ ވިދާޅުވީ ޓޯކިޔޯއިން އެ ރަށަށް އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. މުހިންމު ރަހުމަތްތެރިންގެ ހައިސިއްޔަތުން މިފދަ ދަތިތަކާ ކުރިމަތިވާ ކޮންމެ ފަހަރަކު، ޖަޕާނާއި ޓައިވާނުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.

އިމަޖެންސީ ގްރާންޓް އެހީ ފޯރުކޮށްދޭނީ ޖަޕާން-ޓައިވާން އެކްސްޗޭންޖް އެސޯސިއޭޝަން މެދުވެރިކޮށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޓައިވާންގެ އިރުމަތީ ސަރަޙައްދަށް ބުދަ ދުވަހު އައި ބިންހެލުމުގައި 10 މީހުން މަރުވެ، 1000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ވީނުވީއެއް ނޭންގި ގެއްލިފައިވެސް އެތައްބަޔަކު ވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހު ޓައިވާނުން ޖަޕާނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެފަހަރު ޓައިވާނުން ވީ އެހީއަކީ އައު އަހަރާ ދިމާކޮށް ޖަޕާނުގެ މެދުތެރޭގެ ނޯޓޯ ޕެނިންސިއުލާ އާއި ވަށައިގެންވާ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ދިން އެހީއެކެވެ.

ޖަޕާނާ ޓައިވާނަކީ ޒަމާނުއްސުރެ އެކުވެރި ރަޙްމަތްތެރި ދެގައުމެވެ. އަދި މިފަހަރަކަށް އައިސް ޗައިނާއާއި ޓައިވާނާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ތެރެއިން ޖަޕާނާ އޮންނަ ގުޅުން ޓައިވާނުންވަނީ ވަރުގަދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް