ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 15:32
ޙަމްޒާ އަލް-މިނާވީ
އޮންލައިން ކުލާސް
އޮންލައިން ކުލާސް ހިންގާ ފަރާތްތަކަށް ފައިދާ ކުރަނިވި މަގެއް އުރުދުންގެ ޕްލެޓްފޯމަކުން!
 
ޖޯ އެކަޑަމީގެ އޮންލައިން ފިލާވަޅުތަކަށް އަގު ނަގާނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް އެ ފިލާވަޅުތައް ފޯރުކޮށްދެނީ ހިލޭ
 
ޖޯ އެކަޑަމީއަކީ އުރުދުންގައި ހިންގަން ފެށި ފުރަތަމަ އީ-ލަރނިންގ ޕްލެޓްފޯމް

މީގެ ހަތަރު، ފަސް އަހަރެއް ކުރިން މުޅި ދުނިޔެ ފުރަބަންދުކުރި ކޮވިޑް-19ގެ ބަލިމަޑުކަން އުނގަންނައިދިން ފިލާވަޅުތައް އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އަސްލެއް ނޭނގޭ ވައިރަހެއް މުޅި ދުނިޔެ ހިމޭންކޮށްލި ބަލިމަޑުކަމުން ދަސްވި އެއް ކަމަކަށް ހަމަ ޔަގީނުންވެސް ވާނީ އެ މީހަކު އެ ހުރި ތަނެއްގައި ހުރެގެން ކިތަންމެ ކަމެއް ކޮށްލެވިދާނެ ކަމެވެ. އެއީ އިދާރީ މަސައްކަތެއް، ވިޔަފާރިއެއް، ފަންނީ ކަމެއް ނަމަވެސް މެއެވެ. ވަކިން ޚާއްސަކޮށް، ތައުލީމީ ދާއިރާއަށް ގެނުވި ބޮޑު ބަދަލުގެ ވާހަކަ ފާހަގަކުރަން ޖެހެއެވެ. އޮންލައިން ޕްލެޓްފޯމުތަކުގެ ބޭނުން، ހީވެސް ނުކުރާހާ ބިނާކުރަނިވި އެތައް ގޮތަކަށް ކުރަން ފެށުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

މިހާ ހިސާބުން ޖޯ އެކަޑަމީގެ ވާހަކައަށް ޖެހިލަމާ ހިނގާށެވެ. ޖޯ އެކަޑަމީއަކީ ފަހަރެއްގައިވެސް ކޮވިޑް-19ގެ ފުރަބަންދުގައި ވުޖޫދުކުރި ނަމެއް ނޫނެވެ. މިއީ އުރުދުންގައި ހިންގަންފެށި ފުރަތަމަ އީ-ލަރނިންގ ޕްލެޓްފޯމެވެ. އިލެކްޓްރޯނިކް ލަރނިންގ ނުވަތަ އޮންލައިން ޕްލެޓްފޯރމް މެދުވެރިކޮށް އުނގެނުމުގެ ފުރުސަތު ފަހިކޮށްދޭ ފުރަތަމަ ޕްލެޓްފޯމެވެ. ޖޯ އެކަޑަމީ އުފެއްދީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންވިއްޔާ، މި ދުވަސްކޮޅު އެ އެކަޑަމީގެ ވާހަކަ ދައްކަންވީ ކީއްވެގެންތޯ ސުވާލު އުފެދުން އެކަށީގެންވެއެވެ. ޖޯ އެކަޑަމީގެ ވާހަކަ މި ހިއްސާކުރަނީ ފަހަރެއްގައިވެސް މަގުސަދެއް ނެތިއެއް ނޫނެވެ. އެ އެކަޑަމީން އެންމެ ފަހުން ފެށި އެއް މަޝްރޫޢަކީ، އަހަރެމެން ދިވެހިންނަށް އެކަމެއްގައި ބައިވެރިވެ، ނަމޫނާ ދެއްކިދާނެ ކަމަށް ވާތީއެވެ.

ޖޯ އެކަޑަމީގެ ދަރިވަރުންގެ އާބާދީއަކީ އުރުދުންގެ އިމުން އެތެރޭގައި ތިބި ބަޔަކަށް ވީ ނަމަވެސް، އެ އެކަޑަމީގެ ޓީޗަރުން މިވަގުތު އެންމެ އަވަދިނެތި ކުރަމުންދާ މަސައްކަތަކީ، ފަލަސްޠީނުގެ ތައުލީމީ މަންހަޖުގައިވާ ބައިތައް ފުރިހަމަކުރެވޭ ގޮތަށް، އޮންލައިން ފިލާވަޅުތައް ރެކޯޑް ކުރުމުގެ މަސައްކަތެވެ. ނިރުބަވެރި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ހަފުސްކޮށް، ސުންނާފަތިކޮށްފައި އޮތް ފަލަސްޠީނުގެ ޣައްޒާގައި ތައުލީމު ހާސިލު ކުރަމުން ދިޔަ ދަރިވަރުންގެ ހައްގުގައެވެ.

ޣައްޒާގެ ކިޔަވާ ކުދިން މިއަދު ތިބީ ވަރަށް ދަތި ހާލެއްގަ. ވަރަށް ތަކުލީފުގަ. ހަނގުރާމައެއްގެ ތެރޭގަ... މި ދައްކަނީ ވަރުގަދަ ހަނގުރާމައެއްގެ ވާހަކަ. އެހެންވެ، އަހަރެމެން ނިންމީ އެ ކުދިންނަށް އެހީވާން. ފިލާވަޅު ނަގައިދޭ މަންޒަރުތައް ރެކޯޑްކޮށް، މަސައްކަތު ކަރުދާސްތައް ފޯރުކޮށްދޭން ނިންމީ. މިތަނުގައި ރެކޯޑްކުރާ ފިލާވަޅުތައް ވޯކްޝީޓްތަކާއެކީ އަންނާނީ. ހަނގުރާމަ ނިމި ސްކޫލްތަކަށް އެނބުރި ދާ ދަރިވަރުންނަށް، އިރާދަކުރެއްވިއްޔާ އެމީހުން ނެގި މާއްދާތައް ހަނދާންކޮށް، ކިޔެވި އެއްޗެހި ކުޑަކޮށް ނަމަވެސް އެނގޭނެ ގޮތަކަށް. މީގަ މުހިންމީ، ގަތުލުއާންމުގަ ވޭތުކުރާ ދުވަސްތަކަކީ ބޭކާރު ދުވަސްތަކަކަށް ނުވުން. މިކަން ނިމޭނީ ކޮންއިރަކުން ކަމެއްވެސް ނޭނގޭ. މި މައުލޫމާތުން އެ ކުދިންނަށް ފައިދާއެއް ވުން އުންމީދަކީ. އުންމީދަކީ ދާދި އަވަހަށް މި ގަތުލުއާންމަށް ނިމުން އައުން. އަދި އެކުދިން ދަސްކޮށްފަ ހުރި އެއްޗެއް ހަނދާނުގަ ހުރުން.
ޙަމްޒާ އަލް-މިނާވީ، ޓީޗަރެއް

ޖޯ އެކަޑަމީގެ ޑައިރެކްޓަރ އޮފް ސްޓްރެޓީޖިކް އޮންޓަޕްރައިޒް ޕްރޮގްރާމްސް، އީހާބް އަބޫ ދާޢީ ވަނީ އެހެނިހެން އުނދަގޫތަކާއި ގޮންޖެހުންތައް ކުރިމަތިވިނަމަވެސް، ޢިލްމު އުނގެނުމަކީ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

ޖޯ އެކަޑަމީގެ އޮންލައިން ފިލާވަޅުތަކަކީ ވަކި އަގެއް ނަގައިގެން ފޯރުކޮށްދޭ ފިލާވަޅުތަކެއް ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް އެ ފިލާވަޅުތައް ފޯރުކޮށްދެނީ ހިލޭ ސާބަހަށެވެ. މިހާރު ހިންގަމުންދާ ގަތުލުއާންމު މަޑުޖެހިގެން ދާއިރުވެސް އެކަން އެހެން އޮންނާނެ ކަމަށާއި، ގަތުލުއާންމުން ސަލާމަތްވުމަށް އެހެން ގައުމުތަކަށް ހިޖުރަކުރި ޣައްޒާގެ ދަރިވަރުންނަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށް ޖޯ އެކަޑަމީން ބުނެއެވެ.

ޚުލާސާކޮށް ބުނަންޏާ ބުނަންޖެހޭނީ، ތި އެންމެންނަށްވެސް ފެންނާށޭ އެ އޮތީ، ގަތުލުއާންމުގަ މުޅި ޣައްޒާ ހަފުސްކޮށް ހުސްކޮށްފަ އޮތް މަންޒަރު. ބާކީ ހަމަ އެކައްޗެއްވެސް ނެތް. ކާނެ އެއްޗެއް، ބޯނެ އެއްޗެއް، އެހެން އެކައްޗެއްވެސް އެތާކު ނެތް. މިވަގުތު، ތަޢުލީމަކަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެވޭ. މާތް ﷲގެ އިރާދަފުޅާއެކު ވަރަށް އަވަހަށް މި ގަތުލުއާންމު ހުއްޓޭނެ. އެހެންވީމަ، އަހަރެމެން އެބަޖެހޭ އެހާތަނަށް ތައްޔާރުވެ ތިބެން. މެޓީރިއަލްސް ތައްޔާރުކޮށްފަ ހުންނާނީ، ގަތުލުއާންމަށް ނިންމުން ހަމަ އަންނައިރަށްވެސް ކިޔެވުން ފެށޭވަރަށް. ޣައްޒާއިން ނުކުމެ، މިސްރާ އެހެން ތަންތަނަށް ބަދަލުވި ދަރިވަރުންނަށްވެސް ހަމަ މި ފުރުސަތު އޮންނާނެ. އިންޓަރނެޓް މެދުވެރިކޮށް މި ޚިދުމަތް ލިބޭނެ. އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ.
އީހާބް އަބޫ ދާޢީ؛ ޖޯ އެކަޑަމީގެ އޮފިޝަލެއް

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ އިޒްރޭލުގެ ޔަހޫދީން ހިންގަންފެށި ގަތުލުއާންމަށް 6 މަސްދުވަސް ވާން ގާތްވެފައި ވާއިރު، ޣައްޒާއިން 32،000ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 12،000ށްވުރެ ގިނަ ދަރިވަރުން ހިމެނެއެވެ. އެތައް ހާސް ކުދިންނެއް މިއަދު ތިބީ ގެދޮރު ގެއްލި، އިންތިހާ ބަނޑުހައިހޫނު ކަމުގައެވެ. މައިންބަފައިންނާއި އާއިލާގެ އެހެން ހުރިހާ މެންބަރުން ވަކިވެ، ޔަތީމުވެ އެކަނިވެފައި ތިބި ކުދިން އެހާމެ ގިނައެވެ. ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ ދަރިވަރުންގެ ވާހަކަދައްކާ ކޮޅުންލާކަށްނެތެވެ.

ޣައްޒާއިން މިވަގުތު މުވާޞަލާތީ ޚިދުމަތްތައް މެދުކަނޑާލާފައި އޮތްނަމަވެސް، ގަތުލުއާންމަށް މަޑުޖެހުން އައިސް ދިރިއުޅުން ކޮޅަށްޖެހުމުގެ މަސައްކަތް ފަށަންޖެހޭ ވަގުތު، އިލްމު ހާސިލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި އަހަރެމެން ދިވެހިންނަށްވެސް، އެ ކުދިންގެ ހައްގުގައި ކަމެއް ނުކޮށްދެވޭންވީ ކީއްވެހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް