ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 16:17
ލިވަޕޫލްގެ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާ
ލިވަޕޫލްގެ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާ
ގޫގުލް
ލިވަޕޫލް
ލިވަޕޫލްގައި ތަފާތު ދައްކަނީ މެކް އަލިސްޓާ: ކްލޮޕް
 
އޭނާ ވަނީ މި ސީޒަނުގައި ފަސް ގޯލު ޖަހައި، ހަތްފަހަރު ގޯލު ޖަހަން މަގު ފަހިކޮށްދީފައި

ލިވަޕޫލްގައި ތަފާތު ދައްކާ ކުޅުންތެރިއަކީ މިޑްފީލްޑަރު އެލެކްސިސް މެކްއަލިސްޓާ ކަމަށް, ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

އާޖެންޓީނާގެ މިޑްފީލްޑަކީ ހުސްވި ސީޒަނަށްފަހު ބްރައިޓަނުން ލިވަޕޫލަށް ގެނައި ކުޅުންތެރިއެކެވެ. އަދި މި ސީޒަނުގެ ކަރަބޯ ކަޕް ކާމިޔާބު ކުރުމާއި އިނގިރޭސި ލީގުގެ ކުރީގައި ލިވަޕޫލް އޮތުމުގެ މައިގަނޑު އެއް ސިއްރަކީ އޭނާ ދައްކާ މޮޅު ކުޅުން ކަމަށް ކޯޗު ވަނީ ބުނެފައެވެ.

އޭނަ ގެނައިއިރުވެސް އަހަރުމެންނަށް އެނގޭ އޭނައަކީ ކިހާ މޮޅު ކުޅުންތެރިއެއްކަން. ތަފާތު ދައްކަނީ އޭނަ. އޭނަ ދަނީ އޭނައާމެދު އަހަރުމެން އުންމީދުކުރި ވަރަށްވުރެ ވެސް މޮޅަށް ކުޅެމުން.
ކްލޮޕް ބުންޏެވެ.

މެކްއަލިސްޓާއަކީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއަށް ހޯދައިދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ މި ސީޒަނުގައި ފަސް ގޯލު ޖަހައި ހަތްފަހަރު ގޯލު ޖަހަން މަގުފަހިކޮށްދީފައެވެ.

ކްލޮޕް ވަނީ މި ސީޒަން ފެށުމުގެ ކުރިން ލިވަޕޫލް ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެންމެ ބޮޑަށް އޭނާ ބަދަލުކުރީ މިޑްފީލްޑްތެރެއެވެ. މި ގޮތުން ގެނައި ކުޅުންތެރިންގެ ތެރެއިން އެންމެ ތަފާތު މޮޅު ކުޅުމެއް ދައްކަމުންދަނީ މެކްއަލިސްޓާއެވެ.

ކްލޮޕް ބުނީ 25 އަހަރުގެ ކުޅުންތެރިޔާއަކީ މިހާރު ޕްރެމިއާ ލީގުގައިވެސް ހުރި އެންމެ މޮޅު މިޑްފީލްޑަރު ކަމަށާއި، ކުޅުމާ އެއްވަރަށް އޭނާ އެންމެ ހިތްހަމަޖެހެނީ މެކްއަލިސްޓާގެ ލީޑަރޝިޕް ވެސް ރަނގަޅުވުމުން ކަމަށެވެ. އަދި އޭނާއަކީ ކުރިމަގުގައި ލިވަޕޫލާއި އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރުމަށް ވެސް އެންމެ އެކަށީގެންވާ އެއް ކުޅުންތެރިޔާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
0%
0%
50%
ކޮމެންޓް