ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 20:57
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ދައުރު
ތަރައްގީގެ މަޝްރޫޢުތައް މެދުކެނޑުން
ތަރައްގީގެ މަޝްރޫއުތައް މެދުކެނޑުމުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދާނަން: އެމްޑީޕީ
 
ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ސިޔާސީ ބޭނުމަށް ހުއްޓާލާފައިވާ ކަމަށް އެމްޑީޕީން ބުނޭ

ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް މެދުކެނޑުމުގެ މައްސަލައަށް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އޮކްޓޯބަރު 2022ގައި ތަރައްގީކުރަން ފެށި ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ސިޔާސީ ބޭނުމަށް ހުއްޓާލާފައިވާ ކަމަށެވެ.

އެ ޕާޓީން ތުހުމަތުކުރާ ގޮތުގައި އެ މަސައްކަތް ހުއްޓާލައި ފ. ނިލަންދޫގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމީ އެ ދާއިރާއަށް ވާދަކުރައްވާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާއަށް އިންތިޚާބު ކާމިޔާބުކޮށްދެެއްވުމަށް ޓަކައެވެ.

މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، ފާފު އަތޮޅާއި ރާއްޖޭގެ ތަރައްގީއަށް ކަނޑައެޅިގެން ގެއްލުންވާ ގޮތަށް ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުންކަން ފާހަގަކޮށް އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ

އެމްޑީޕީން ބުނީ މަގޫދޫ އެއާޕޯޓުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތް ނިމި، ފަސިންޖަރު ޓާމިނަލް ސްޓްރަކްޗާގެ މަސައްކަތް ވެސް ނިމިފައިވާއިރު ފިނިޝިންގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު 15ގައި ފަށައިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެފަދަ މަޝްރޫއުތައް ހުއްޓުވުމުން ދައުލަތުގެ މާލިއްޔަތަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަަށް ބޮޑަށް ގެއްލޭނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

މިފަދަ ކަންކަމަކީ ދިވެހި ދައުލަތް ހިންގުމުގެ ތެރެއިން މިދިޔަ ފަސް އަހަރު ފޮހެލެވިފައިވާ ކަންކަން އަލުން އިއާދަވުންކަން ހިމާތަމައާއެކު ފާހަގަކުރާކަމަށް އެމްޑީޕީން ނެރުނު މި ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް