ކ. މާލެ
|
31 މާރޗް 2024 | އާދީއްތަ 10:31
ބައެއް ތަސްބީހަފައްޗަކީ އަގު ހުރި ހިލަ ކަނޑައިގެން ހަދާ ތަސްބީހަފައްޗަށް ވާ އިރު، މިހާރު އެފަދަ ބައެއް ބާވަތްތަކުގެ އަގު އުޅެނީ އަތްފޯރާ ވަރަށް ވުރެ މާ މަތީގައި
މިޞްރު ތަސްބީހަފަތި
މިޞްރު ތަސްބީހަފަތި ތަފާތު ވަނީ ކީއްވެ؟
 
ތަސްބީހަފަތި ހަދަން ބޭނުން ކުރާ ސާމާނު ގަންނަން ލިބޭ އަގުތައް ވަނީ އުފުލިފަ
 
ތަސްބީހަފަތި ހަދާ މީހުންގެ އަތަށް، އެކަމަށް ބޭނުންވާ ސާމާނު އަރާ ހިސާބުން އެއްވެސް ވަރަކަށް މެޝިނެއްގެ ބޭނުމެއް ނުކުރޭ

އިހުގައި ގެންގުޅުނު އެތައް އާލާތަކާއި ވަސީލަތެއް މުށުތެރޭގައި އެއް ފަހަރާ ގެންގުޅެލެވޭ ވަރަށް އަދުގެ ދުނިޔޭގައި ޓެކްނޮލޮޖީ ކުރިއަރާ ގޮސްފައި އޮތެއް ކަމަކު، ބައެއް އާދަކާދައިގެ ރޫޙު އާލާވަމުން ދާތީ އަދިވެސް ފެނެއެވެ. ޒަމާނީ އެތައް ގޮތަކަށް ގުނާ ޢަދަދު ކުރާނެ ވަސީލަތްތައް ފަހިވެފައި އޮތެއް ކަމަކު، އަދިވެސް ގިނަ ބަޔަކު ގެންގުޅޭ އެކައްޗަކީ ތަސްބީހަ ފައްޗޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ވަކިން ހާއްސަކޮށް، ރަމަޟާން މަހާ ދިމާކޮށް، ތަސްބީހަ ފައްޗަށް އޮންނަ ޑިމާންޑްވެސް އިތުރުވާކަން ފާހަގަ ކުރަން ޖެހެއެވެ.

މިޞްރުގެ ވެރިކަން ކުރާ ޤާހިރާގެ ޤަދީމީ ސަރަޙައްދުގެ ހަލަބޮލި މަގުތަކުންވެސް ފެންނަނީ އެފަދަ މަންޒަރެކެވެ. މަގުގެ ދެފަރާތުގައި ހުރި ފިހާރަތަކާއި، ފިހާރަތަކުގެ ބޭރުގައި ޖަހާފައިވާ ކަޑަތަކުންވެސް އެންމެ ގިނައިން ފެންނަ އެކައްޗަކަށް ވެފައި އޮތީ ތަސްބީހަފައްޗެވެ. ވިޔަފާރިކުރަން ނުކުމެ އުޅޭ މީހުން ފުދޭ ވަރަކަށް އުޅެމުން ދިޔަ އެ ބާޒާރުގައި އެންމެ ބޮޑު ޑިމާންޑެއް އޮންނަ އެކައްޗަކީވެސް އަތުން ހަދާފައި ހުންނަ ތަސްބީހަފައްޗެވެ.

އިސްލާމީ ޤައުމުތަކުގައި އުފައްދާ ތަސްބީހަތަކާއި މިޞްރުގެ ތަސްބީހަފަތި ތަފާތު ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ސަބަބެއް ކަމަށް ބުނަނީ ތަސްބީހަފަތި ހަދާ މީހުންގެ އާދަޔާ ޚިލާފު ފަންނުވެރިކަމެވެ. ތަސްބީހަފަތި ހަދާ މީހުންގެ އަތަށް، އެކަމަށް ބޭނުންވާ ސާމާނު އަރާ ހިސާބުން އެއްވެސް ވަރަކަށް މެޝިނެއްގެ ބޭނުމެއް ނުކުރެއެވެ.

މިޞްރު ތަސްބީހަފައްޗާއި އެހެން ޤައުމުތަކުގެ އުފެއްދުންތައް ތަފާތުވާ އެންމެ ބޮޑު ސަބަބަކީ، މިޞްރުގެ ތަސްބީހަފަތީގަ ބޭނުންކޮށްފަ މި ހުންނަ ހިލަކޮޅުތަކަކީ ފަންނުވެރިންގެ އަތު މަސައްކަތަށް ވާކަން. މިޞްރުގެ ފަންނުވެރިންނަކީ ހުރިހަ އެއްޗެއްވެސް ފަރުމާކުރާ ބައެއް. ފެށުން ރަނގަޅީވިއްޔާ، ހަމަ ކޮންމެ ފަދަ ފަރުމާއެއްވެސް ކޮށްލާނެ. މިޞްރުގެ އަތްތެރި މަސައްކަތަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ އެބަ. މިޞްރުން ބޭރު މީހުންވެސް މިތަނަށް އަންނަ އެންމެ ބޮޑު އެއް ސަބަބަކީ މިޞްރުގެ އަތްތެރި މަސައްކަތުގެ ފަންނު. ޔޫއޭއީއާއި ސަޢުދީއިންވެސް މި ގަންނަނީ އަހަރެމެން އަތުން، އެއީ ހަމަ އަހަރެމެންގެ ތެރޭގަ އެ ރޫޙު އޮތީމަ.
ޠާރިޤު މުޞްޠަފާ؛ ކަސްޓަމަރެއް

ކަން އެހެން އޮތް ނަމަވެސް، މިޞްރަށް މިއަދު ކުރިމަތިލާން ޖެހިފައި އޮތް އިޤުތިޞާދީ ގޮންޖެހުންތަކުގެ ސީދާ އަސަރުތައް، ތަސްބީހަފަތި ހަދާ މީހުންނަށް ދަނީ ފޯރަމުންނެވެ. ތަސްބީހަފަތި ހަދަން ބޭނުން ކުރާ ސާމާނު ގަންނަން ލިބޭ އަގުތައް ވަނީ އުފުލިފައެވެ. ބައެއް ތަސްބީހަފައްޗަކީ އަގު ހުރި ހިލަ ކަނޑައިގެން ހަދާ ތަސްބީހަފައްޗަށް ވާ އިރު، މިހާރު އެފަދަ ބައެއް ބާވަތްތަކުގެ އަގު އުޅެނީ އަތްފޯރާ ވަރަށް ވުރެ މާ މަތީގައެވެ. ބައެއް ބާވަތްތަކުގެ އަގު އުޅެނީ އެތައް ހާސް ޕައުންޑެއްގައެވެ.  

އެންމެ އަގުބޮޑީ ޖަރުމަނު ކަހުރަބު، އެމްބަރ. ބައެއް އެތިކޮޅު ވަރަށް އަގު ބޮޑު. ފަށަ އަގަކަށްވެސް އުޅެނީ 2 ލައްކަ 50 ހާސް މިޞްރު ޕައުންޑް. ދެން އެންމެ އަގު ބޮޑުވާނީ ބަލްގޭރިއާ ކަހުރަބު. ދޭސީ ކަހުރަބުވެސް ފުދޭ ވަރަކަށް ރަނގަޅުވާނެ. ބޮލޯނީއާއި ޕޯލަންޑްއިން ގެންނަ ހިލައިންވެސް ތަސްބީހަފަތި ހަދަން. އެ ވައްތަރުގެ ތަސްބީހަފަތި ތަންކޮޅެއް އަގުހެޔޮވާނެ. ކޮލިޓީވެސް ރަނގަޅުވާނެ. ޖަރުމަނު ވައްތަރުހާ އަގެއް ނުހުންނާނެ. ބައެއް ހިލަކޮޅުތައް ލިބޭ ސެޓިފިކޭޝަންއާވެސް އެކީގަ. އެހެންވެ، ތަސްބީހަފަތި ގަންނަ މީހުންނަށްވެސް އަހަރެމެން އެބަ ދެން އެ ލިޔެކިޔުންތައް. ބަރުދަނާ، އުފެއްދި ގައުމާއި އެކަހަލަ ކޯޑުތައް ހިއްސާކުރަން. އެއީ މިޞްރުގެ ތަސްބީހަފަތި ތަފާތުވާ އެންމެ ބޮޑު އެއް ސަބަބު. ސެޓްފިކެޓްތައް އޮތުމަކީ، ކަސްޓަމަރަށް ލިބޭ ޔަޤީންކަމަކަށްވޭ.
ނުހާ މަސްޢޫދު؛ ތަސްބީހަފަތި ވިއްކާ ފިހާރައެއްގެ ވެރިޔާ

ޛިކުރު ކުރުމަކީ އެކަމުގައި ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާ އެކުލެވޭ އަމަލަކަށް ވާ އިރު، ވަކި ޛިކުރެއް ކިޔޭ އަދަދަކާ މެދު ވިސްނަން އިނުމަށް ވުރެ، ތަސްބީހަފައްޗެއް ފަދަ އެއްޗެއް ބޭނުން ކުރުމުން، އެ ކުރެވޭ ޛިކުރަކަށް ފުރިހަމަ ސަމާލުކަން ދިނުމަށް އެހީއަކަށްވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް