ކ. މާލެ
|
31 މާރޗް 2024 | އާދީއްތަ 03:24
ޗެލްސީ އަދި ބާންލީ ކުޅުނު މެޗުގެ ތެރެއިން
ޗެލްސީ އަދި ބާންލީ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
އަމިއްލަ ދަނޑުގައި ބާންލީ ކައިރިން ޗެލްސީ އެއްވަރު
މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޗެލްސީ އޮތީ 11 ވަނައިގައި

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރުވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. މެޗުގައި ޗެލްސީން ވަނީ ދެ ފަހަރެއްގެ މަތިން ލީޑު ނަގައިފަ އެވެ. ނަމަވެސް ބާންލީ އިން ވަނީ ދެ ފަހަރު ވެސް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ޗެލްސީން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެކްސެލް ޑިސާސީ ޖެހި ލަނޑު ބަލައި ނުގަންނަން ނިންމީ ވީއޭއާރުންނެވެ. އޭގެ ފަހުން 44 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށް ކޯލް ޕާމާ ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. އޭގެ ކުރިން ބާންލީގެ ލޮރެންޒް އެސިގްނޮން އަދި ކޯޗު ވިންސެންޓް ކޮމްޕެނީ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ޖޯޝް ކޫލެން ވަނީ ލަނޑު ޖަހައި ބާންލީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ދެ ވަނަ ފަހަރަށް ޗެލްސީ އަށް ލީޑު ނަގައިދިނީ ވެސް ޕާމާ އެވެ. އެއީ މެޗުގެ 78 ވަނަ މިނެޓުގައި ލަނޑު ޖަހައިގެންނެވެ. އޭގެ ތިން މިނެޓު ފަހުން ޑަރާ އޯ ޝިއާ ވަނީ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ބާންލީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޗެލްސީ އޮތީ 11 ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 28 މެެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ. ޗެލްސީ މިހާތަނަށް މޮޅުވެފައި ވަނީ 11 މެޗުންނެވެ. ހަތް މެޗު އެއްވަރުވެފައިވާއިރު، 10 މެޗުން ވަނީ ބަލިވެފަ އެވެ.

- ކޮމެންޓް