ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 15:24
މި ޑިވައިސް އުފައްދާފައި ވަނީ ޕާކިންސަންސް ބަލި ހުންނަ 170 މީހަކު ބައިވެރިކޮށްގެން
ޕާކިންސަންސް ބަލި
ޕާކިންސަންސްއާއެކު ކުރިމަތިވާ ހެލޫސިނޭޝަން ނަކަލު ކޮށްދޭ ޑިވައިސްއެއް އުފައްދައިފި!
 
 ކެމިކަލް ރިއެކްޝަންތަކުގެ އިތުރަށް، ސިކުނޑީގައި ހުންނަ އާދަޔާ ހިލާފު ކަންތައްތަކުގެ ސަބަބުން ހޭލޫސިނޭޝަންތައް އުފެދޭ ގޮތް ވޭ
 
ހެލޫސިނޭޝަން އަކީ ފެނުމާއި އަޑުތަކާއި ވަސް ދުވުމާއި އަތްލުމާއި ރަހަ ބެލުން ފަދަ ހިއްސުތަކާ ގުޅިފައި އޮންނަ، އަސްލާ އެއްގޮތް ޙަޤީޤަތެއް ކަމަށް ޤަބޫލު ކުރެވޭ، އަސްލު ނޫން ކަންކަން ތަސްވީރު ކުރެވުން

ޕާކިންސަންސް ބައްޔަކީ ސިކުނޑީގައި ހުންނަ އުދަނގޫތަކެއްގެ ސަބަބުން ނޭދެވޭ ނުވަތަ ކޮންޓްރޯލް ނުކުރެވޭ ފަދަ ހަރަކާތްތަކެއް ކުރުވާ، ބޭއިހުތިޔާރުގައި ހަށިގަނޑު ތެޅުވި ނުވަތަ ހަރުވެ، އަދި ބެލެންސް އާއި ކޯޑިނޭޝަންއަށް ދަތިތަކެއް ކުރިމަތި ކުރުވާ ބައްޔެކެވެ. އާބާދީ އިތުރުވަމުން ދާ އަދުގެ ދުނިޔޭގައި ކޮންމެ ވަގުތަކު ބެލި ކަމުގައި ވީ ނަމަވެސް، އާބާދީގެ ކޮންމެ 1000 މީހަކު 2 ނުވަތަ 3 މީހުންނަކީ ބަލީގެ ޝިކާރައަކަށް ވެފައި ވާ މީހުންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި ބަލި ތަހައްމަލު ކުރާ މީހުންގެ ޢަދަދު 10 މިލިއަނަށް ވުރެ މައްޗަށް އަރައެވެ.

ބޭސްވެރިކަމުގެ ދުނިޔޭގައި ސައެންސްވެރިން ތާއަބަދުމެހެން މަސައްކަތް ކުރަމުން ދަނީ އެކިއެކި ބަލިތަކަށް ދާއިމީ، ލުއި ފަސޭހަ ހައްލެއް ހޯދައިދެވޭތޯއެވެ. އެގޮތުން ސުވިޓްޒަރލަންޑްގެ ސައެންސްވެރިންތަކެއް ދާދި ފަހުން މި ވަނީ، ޕާކިންސަންސް ބަލި ހުންނަ ޕޭޝަންޓުގެ ސިކުނޑީގައި ޚިޔާލީ މަންޒަރުތަކެއް ހުވަފެނީ ނަޒަރިއްޔާއަކުން ތަސްވީރު ކުރެވޭނެ ރޮބޮޓިކް ޑިވައިސްއެއް އީޖާދު ކޮށްފައެވެ.

ސުވިޓްޒަރލޭންޑްގެ ސައިންސްވެރިން މި ރޮބޮޓިކް ޑީވައިސް އީޖާދުކުރީ ޕާކިންސަންސް ބަލީގެ ބަލިމީހުންނަށް ރަނގަޅު ފަރުވާތައް ފަރުމާކުރުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. ޕާކިންސަންސް ބަލި ހުންނަ މީހުންނަކީ ގިނަ ފަހަރަށް، ސިކުނޑީގައި ޚިޔާލީ އެކި މަންޒަރުތައް ދައުރުވަމުގެ ތަކުލީފު އުފުލަން ޖެހިފައި ތިބޭ ބައެކެވެ. އިނގިރޭސި ބަހުން ކިޔައި އުޅެނީ ހެލޫސިނޭޝަންސްއެވެ. ހެލޫސިނޭޝަން އަކީ ތިމާގެ ހިއްސުތައް ކަމަށްވާ ފެނުމާއި އަޑުތަކާއި ވަސް ދުވުމާއި އަތްލުމާއި ރަހަ ބެލުން ފަދަ ހިއްސުތަކާ ގުޅިފައި އޮންނަ، އަސްލާ އެއްގޮތް ޙަޤީޤަތެއް ކަމަށް ޤަބޫލު ކުރެވޭ، އަސްލު ނޫން ކަންކަން ތަސްވީރު ކުރެވުމެވެ. ނުވަތަ އިޙްސާށް ކުރެވުމެވެ.  ކެމިކަލް ރިއެކްޝަންތަކުގެ އިތުރަށް، ސިކުނޑީގައި ހުންނަ އާދަޔާ ހިލާފު ކަންތައްތަކުގެ ސަބަބުން ހޭލޫސިނޭޝަންތައް އުފެދޭ ގޮތް ވެއެވެ.

އިކޯލް ޕޮލީޓެކްނީކް ފެޑެރާލް ޑި ލޯޒޭން (އީޕީއެފްއެލް) ގެ ދިރާސާ ޓީމުން ފާހަގަ ކުރި ގޮތުގައި، ހެލޫސިނޭޝަން ތަޖުރިބާ ކުރާ ޕޭޝަންޓުންނަކީ، ކޮޓަރިއެއްގައި ތިބި މީހުންގެ ޢަދަދުތައް، ޙަޤީޤަތަށް ވުރެ މާ އިތުރަށް ވަޒަންކުރާ ނުވަތަ ސިފަކުރާ ބައެއް ކަމަށެވެ. ވާޗުއަލް ރިއަލިޓީ އާއި ރޮބޮޓިކްސް އެއްކޮށްގެން އުފައްދާފައިވާ ޑިވައިސްއަކީ، ޙަޤީޤީ ޢަދަދަށް ވުރެ އިތުރަށް މީހުން ތިބި ކަމަށް ޤަބޫލު ކުރެވޭ ކުރެވުން ނަކަލު ކޮށްދޭ ޑިވައިސްއެކެވެ.

ރޮބޮޓިކް ސިސްޓަމް ބޭނުންކޮށްގެން، ދުޅަހެޔޮ ސިއްހަތެއްގައި ތިބި މީހުންނަށް ހެލޫސިނޭޝަން އުފެއްދުމަށް މަސައްކަތް ކުރާއިރު، ޕާކިންސަންގެ ބަލިމީހުންނަށް ވެސް މި ނިޒާމު މަސައްކަތް ކުރާނެ. އެހެންކަމުން މީ ދެ ރޮބޮޓެއްގެ މައްޗަށް އެކުލެވިގެންވާ އެއްޗެއް. އެކަތި، ބައިވެރިންގެ ކުރިމަތީގައި ހުންނައިރު، އަނެއް އެތި މި ހުންނަނީ ބައިވެރިންގެ ފަހަތުގަ. ބައިވެރިޔާއަށް އެދެނީ ކަނާތު އަތުން ހަރަކާތެއް ކުރުމަށް އިޝާރާތެއް. ގައިގަ ކޮއްޓާލާ ކަހަލަ ގޮތަކަށް. ހުންނަ ރޮބޮޓްތަކުން ހަގީގަތުގައި މި ހަރަކާތް ނަކަލު ކުރަމުން ދާނީ. ކުރިމައްޗާއި ފަހަތުގަ ހުންނަ ރޮބޮޓާ ދެމެދު ސުން ސިކުންތުގެ ފަރަގުވެސް ނުހުންނާނެ. ދެން މި އަންނަނީ، އެސިންކްރޮނަސް ކޮންޑިޝަންއޭ މި ކިޔާ ދެވަނަ ހާލަތު. އެއީ ކުރިމަތީގެ ހަރަކާތާއި ފަހަތުގައިވާ ހަރަކާތާ ދެމެދު ލަސްވުމެއް އިތުރުކުރާ ހާލަތެއް. ކުރިމަތީގައި ކުރާ ހަރަކާތާއި ފަހަތުގައި އަތްލުމާ ދެމެދު، މި ޑިލޭ އިތުރުކުރާއިރު، ބައިވެރިންނަށް ހެލޫސިނޭޝަންގެ އަސަރުތައް ގެނެސްދެވޭ.
ލޫއީ ފިލީޕޭ އެލްބަރޓް؛ ނިއުރޯ އެކްސް އިންސްޓިޓިއުޓްގެ ޑޮކްޓޯރަލް އެސިސްޓަންޓެއް

ޑިވައިސް އުފައްދާފައި ވަނީ ޕާކިންސަންސް ބަލި ހުންނަ 170 މީހަކު ބައިވެރިކޮށްގެންނެވެ. އޭގެ ތެރޭގައި ހެލޫސިނޭޝަންސް ތަޖުރިބާ ކުރާ 69 މީހަކު ހިމެނެއެވެ.

ޕާކިންސަސް ބަލި މުޅިން ރަނގަޅު ކުރާނެ ފަރުވާއެއް އަދި ހޯދިފައެއް ނެތެވެ. މި ބަލީގެ ސަބަބުން، ޕޭޝަންޓްގެ ސިކުނޑިއަށް ގެއްލުންތަކެއް ލިބެއެވެ. ތުރުތުރު އެޅުމާއި، މަސްތައް ހަރުކަށިވުން ފަދަ ކަންކަން ކުރިމަތިވާ އިރު، ބައެއް ޕޭޝަންޓުންނަކީ ޑިމެންޝިއާގެ ތަކުލީފުތައްވެސް އުފުލަން ޖެހިފައި ތިބި މީހުންނެވެ. ޑިމެންޝިއާއަށް ދިވެހި ބަހުން ކިޔައި އުޅެނީ އަކުސައެވެ. މި ބަލީގެ ސަބަބުން، އާންމު ދިރިއުޅުމުގައި ދަތިވާ މިންވަރަށް ވިސްނުމާއި ހަނދާންކުރުމާއި ކަންކަން ނިންމުމުގެ ބާރު ބަލިކަށިވުމުގެ ހާލަތަށް މީހާ ވައްޓާލައެވެ. މި ހާލަތު މެދުވެރިވަނީ މީހާގެ އިހުސާސްތަކަށާއި އަމަލުތަކަށް ނޭދެވޭ އަސަރު ކުރާ މިންވަރަށް ސިކުނޑިއަށް ހީނަރުކަން އައިސްގެންނެވެ.

ދިރާސާވެރިން އުންމީދު ކުރަނީ މި އާ އީޖާދުގެ ސަބަބުން ކޮގްނިޓިވް ޑެކްލައިން ނުވަތަ ސިކުނޑީގެ ޤާބިލިއްޔަތުކަމަށް ނުރައްކާ އޮތް ބަލިމީހުން ދެނެގަނެ މޮނިޓަރ ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފައި ވާ ގޮތުގައި، މިދިޔަ 25 އަހަރު ދުވަހަށް ބަލާއިރު، ޕާކިންސަންސް ބަލީގެ ކޭސްތައް ފެނުނު މިންވަރު ވަނީ 2 ގުނަ އިތުރު ވެފައެވެ. ޕާކިންސަންސް ބަލި ޖެހުމަށް މެދުވެރިވަނީ ސިކުނޑީގެ ނިއުރޯންތަކެއް މަރުވެގެން ކަމަށް ވާއިރު، އެ ހާލަތަށް މީހާ ވައްޓަލަނީ ކޮން ސަބަބަކާ ހެދި ކަން ސައެންސްވެރިންނަށް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް