ކ. މާލެ
|
27 މާރޗް 2024 | ބުދަ 13:39
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
މުސާރަ ބޮޑުކުރުން
ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކަށް ބޮޑުކޮށްދިން މުސާރަ މިމަހު ނުދެވޭނެކަމަށް އަންގައިފި
މައުލޫމާތު ލިބޭ ގޮތުގައި ފިނޭންސުން ގެންދަނީ އެކި އިދާރާތަކަށް އެކަން އަންގަމުން
މާރޗު މަހުގެ މުސާރައަށް އެ ބަދަލުތައް ނުގެނައުމަށް ފިނޭންސް މިނިސްޓްރީން ވަނީ ޑީޖޭއޭއަށް މިހާރު އަންގާފައި

ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކަށް ބޮޑުކޮށްދިން މުސާރަ މިމަހު ނުދެވޭނެކަމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުން އަދި ކައުންސިލަރުންގެ މުސާރަތައް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 28 ފެބްރުއަރީ 2024 ގައެވެ. އެގޮތުން ހުރިހާ ކޯޓެއްގެ ފަނޑިޔާރުންނާއި ކައުންސިލަރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އެފަދަ ހުރިހާ މަގާމެއްގެ މުސާރަ ބޮޑުކުރަން ވަނީ ފާސްކޮށްފައެވެ.

އެހެންނަމަވެސް، ފިނޭންސް މިނިސްޓްރީން ގެންދަނީ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް މުސާރަ ދިނުމުގައި ދަތިތައް ހުރިކަމަށް ބައެއް އިދާރާތަކަށް އަންގަމުންނެވެ.

ފިނޭންސް މިނިސްޓްރީގެ އެކައުންޓަންޓް ޖެނެރަލް ސޮއި ކުރައްވައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު މުރާޖައާކޮށް އަލުން އެކުލަވާލައި މިހާރު ނިންމާފައިވާ ބަދަލުތައް މާރޗު މަހުގެ މުސާރައާއެކު ގެންނަކަމުގައިވާނަމަ، މުވައްޒަފުންގެ މުސާރަތައް ދޭން ޖެހޭ މުއްދަތުގައި ދީ ނިންމުމަށް ދަތިވާނެ ކަމަށެވެ.

އެހެންކަމުން ޝަރުއީ ދާއިރާގެ ބޮޑުކުރި މުސާރައަށް ބަލާއިރު، މާރޗު މަހުގެ މުސާރައަށް އެ ބަދަލުތައް ނުގެނައުމަށް ފިނޭންސް މިނިސްޓްރީން ވަނީ ޑީޖޭއޭއަށް މިހާރު އަންގާފައެވެ.

Advertisement

އޭގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު، އޭޕްރީލް މަހުގެ މުސާރައާއެކު މާރޗު މަހަށް ދޭންޖެހޭ އަދަދު ހިމެނުމަށްވެސް ޑީޖޭއޭއަށް ފިނޭންސުން ވަނީ އަންގާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފިނޭންސުން ގެންދަނީ އެކި އިދާރާތަކަށް އެކަން އަންގަމުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަދި އޮޑިޓަރ ޖެނެރަލް ހިމެނޭހެން މުސްތަގިއްލު ބައެއް މަޤާމުތަކަށް %26ގެ މުސާރައިގެ ކުރިއެރުމެއް ގެނައުމަށްވެސް މަޖިލީހުން ފާސްކޮށްފައިވެއެވެ.

ދެން ހުރި މިނިވަން މުއައްސަސާތަކަށް ބަލާއިރު މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރަ އަށް %28ގެ ކުރިއެރުމެއް ގެނައުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ 6 މިނިވަން މުއައްސަސާއަކަށް މަހެއްގެ މައްޗަށް ޖުމްލަ 78000 ރުފިޔާގެ އިތުރުވުމެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް