މިދިޔަ އަހަރުގެ ތެރޭގައި ގަވާއިދުން ޓެކްސް ދައްކައި އެންމެ ގިނައިން ޓެކްސް ދެއްކި 17 ފަރާތަކަށް މީރާއިން ދޭ "ރަން ލާރި އެވޯޑު" ރޭ ދީފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އަށް ހަތް އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފުލާގައި އެވޯޑުތައް ހަވާލުކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.
މީރާއިންރަންލާރީ އެވޯޑު ދީފައި ވަނީ 11 ގިންތީއަކުންނެވެ. އޭގެ ތެރޭގައި ބީޕީޓީ ދައްކާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ވިޔަފާރިތަކުގައި މަސްއޫލުވާ ކުންފުނިތަކާއި ބޮޑެތި އަދި މެދު ފަންތި އާއި ކުދި ވިޔަފާރިތަކާއި ވިތުހޯލްޑިންގް ޓެކްސް އާއި ބޭންކް ޕްރޮފިޓް ޓެކްސްގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާ ކުންފުނިތައް ހިމެނެ އެވެ.
މީރާ އަށް އެންމެ ގިނައިން ބީޕީޓީ ދެއްކި ތިން ފަރާތަކީ ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ޓްރާންސް މޯލްޑިވިއަން އެއާ ޕްރައިވެޓް ލިމިޓެޑާއި ލިލީ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑެވެ.
އެކި ފަންތީގެ ވިޔަފާރިތަކުގެ ކެޓަގަރީ އިން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުންޏަކަށް ސީޖީޓީ ކުންފުނި ހޮވި، ރަން ލާރި އެވޯޑު ހަވާލު ކުރި އިރު މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން އެ އެވޯޑު ލިބުނީ އަބްދުއްރަހީމް ޝާކިރުގެ ނަންމަތީގައި އޮންނަ ކުންފުންޏަށެވެ. ކުދި ވިޔަފާރިތަކުގެ ތެރެއިން އެ އެވޯޑު ހާސިލް ކުރީ ވިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ޓޫރިސްޓް ރިސޯޓުތަކުގެ ތެރެއިން 150 އާއި 150 އަށް ވުރެ މަދު އެނދު ހުންނަ ކެޓަގަރީން ރަން ލާރި އެވޯޑު ލިބުނީ އައިއެންޓީ ކްރައުން އަށެވެ. އަދި 150 އެނދާއި 200 އެނދާ ދެމެދުގެ ކެޓަގަރީން އެވޯޑު ފޯ ސީޒަންސް ރިސޯޓަށް ލިބުނު އިރު 250 އަށް ވުރެ މަތީ އެނދުގެ ކެޓަގަރީން އެވޯޑު ލިބުނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަށެވެ.
ޓްރެވަލް އެޖެންސީގެ ކެޓަގަރީން ސްޕްލެންޑިޑް އޭޝިއާ ޕްރައިވެޓް ލިމިޓެޑަށް ރަން ލާރި އެވޯޑް ލިބުނި އިރު އެއާލައިން ކެޓަގަރީން އެ އެވޯޑު ހާސިލް ކުރީ ޓްރާންސް މޯލްޑިވިއަން އިންނެވެ.
އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓު ހޮޓެލްގެ އެވޯޑު ހުޅުލޭ އައިލެންޑް ހޮޓެލަށް ލިބުން އިރު އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓު ގެސްޓް ހައުސްގެ އެވޯޑު ލިބުނީ ހުޅުމާލޭގައި ހިންގާ އޯޝަން ގްރޭންޑަށެވެ. އަދި އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓް ވެސެލްގެ އެވޯޑު ލިބުނީ ފޯ ސީޒަންސް އެކްސްޕްލޯރާ ސަފާރީއަށެވެ.
ހަފްލާގައި ވާހަކަ ދައްކަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބެން ނުޖެހޭ އެންމެ ލާރިއެއްވެސް މިހާތަނަށް ދައުލަތުގެ ޓެކްސް އިދާރާއިން ހޯދާފައި ނުވާނޭ ކަމަށެވެ.
ޔަޒީދު ވިދާޅުވީ، މީރާގެ މުއައްޒަފުންގެ މަސައްކަތުގެ މައިގަނޑު އަސާސަކީ އޮޑިޓް ކުރުން ކަމުގައި ވިއަސް އަދި އެންފޯސްމެންޓް ޕޮލިސީގެ ދަށުން ފައިސާ ހޯދިކަމުގައިވީ ނަމަވެސް ދައުލަތަށް ލިބެން ނުޖެހޭ އެންމެ ލާރިއެއް ވެސް ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ހޯދަން މަސައްކަތް ނުކުރުން ކަމަށެވެ.