ކ. މާލެ
|
27 މާރޗް 2024 | ބުދަ 12:16
މިދިޔަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންނެވި ފަރާތަކަށް އެވޯޑް ހަވާލުކުރައްވަނީ
މިދިޔަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންނެވި ފަރާތަކަށް އެވޯޑް ހަވާލުކުރައްވަނީ
ރައީސް އޮފީސް
ރެހެންދި އެވޯޑް
2024 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޭޕްރިލް 18 ވާ ބުރާސްފަތި ދުވަސް

2024 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، އަހަރަކު އެއްފަހަރު، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް، އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ދޭ ޚާއްޞަ އެވޯޑެކެވެ.

އެ މިނިސްޓްރީން ބުނީ މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ، އެ ވުޒާރާއިން މިކަމަށް އެކުލަވާލާފައިވާ "ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީ" އިން ކަމަށާއި ރެހެންދި އެވޯޑުގެ ގޮތުގައި ދޭނީ ޝީލްޑަކާއި، ޤައުމީ އެކިއެކި މުނާސަބަތުގައި ބޭނުންކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ ހެދުމުގައިޖަހާ ރަމްޒީ "ބުރޫޗް" އެއް ކަމަށެވެ.

އަދި ރެހެންދި އެވޯޑުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރުދީ، އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުން ކަމަށާއި، އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކަށާއި މުޖުތަމަޢަށް އަލަށް ތަޢާރުފުވާ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުންވެސް މި އެވޯޑުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި އެވޯޑު ދެވޭނީ މިއެވޯޑަށް ހުށަހެޅުމަށް ތައްޔާރުކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ދާއިރާއަކާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިއެވޯޑަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން މި އެވޯޑަށް ހުށަހެޅޭ މައިގަނޑު ދެ ކެޓެގަރީއެއް ހިމެނެއެވެ. އެއީ ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ.

Advertisement

އަދި ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި 4 ދާއިރާއެއްގެ ދަށުން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެއީ ލީޑަރޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން- ޓްރެޑިޝަނަލް ރޯލްސް" ގެ ދާއިރާއެވެ.

މިނިސްޓްރީން ބުނީ އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކަށް މިއިން ކޮންމެވެސް އެއް ދާއިރާއަކަށް ހުށަހެޅިދާނެކަމަށެވެ.

އަދި ފޯމު ފުރިހަމަކުރުމަށްފަހު، އެޕްލިކޭޝަނަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު ހުށަހަޅާނީ، އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ. އަދި ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރުފަހު 2:00 ޖަހަންދެން އުމަރު ޒާހިރު އޮފީސް އިމާރާތުގެ ކައުންޓަރުން ކަމަށެވެ.

ރެހެންދި އެވޯޑަށް އެދި ހުށަހަޅާ ކޮންމެ ލިޔުމަކީ އެވޯޑަށް އެދި ހުށަހަޅާ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ނަތީޖާތައް ދައްކުވައިދޭ ލިޔުންތަކެއްކަން ކަށަވަރުކުރަންވާނެކަމަށް ވެސް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެއެވެ.

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޭޕްރިލް 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް