ކ. މާލެ
|
26 މާރޗް 2024 | އަންގާރަ 14:04
އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް
އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް
އަނަދޮލޫ
އދ.ގެ ގަރާރަށް އިސްރާއީލުން ގޮންޖެހުން
އދ.ގެ ގަރާރަށް ބޯލެނބޭކަށްނެތް، ހަނގުރާމަ ހުއްޓައިލެވޭނެ ހާލަތެއް އަދި ނާދޭ: އިސްރާއީލު
ކައުންސިލަށް އިންތިހާބުވި 10 މެމްބަރުން ހުށަހެޅުއްވި މި ގަރާރަށް 14 ގައުމަކުން ތާއީދުކޮށް ވޯޓު ދިންއިރު، އެމެރިކާ އިން ވޯޓު ދީފައެއް ނުވޭ

ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ފާސްކުރި އދ.ގެ ގަރާރަށް ބޯލެނބެންނެތްކަމަށާއި، ޣައްޒާގައި ހަނގުރާމަ ހުއްޓައިލެވޭނެ ހާލަތެއް އަދި ނާންނަ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކާއެކުވެސް ތެލްއަވީވްއިން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ހުއްޓާނުލާނެ ކަމަށެވެ.

އިސްރާއީލުގެ ދައުލަތުން ހަނގުރާމަ ހުއްޓާނުލާނެ. ހަމާސް ހަލާކުކޮށްލާނަން، އަދި ރަހީނުކުރި އެންމެން އެނބުރި ގައުމަށް އަންނަންދެން ހަނގުރާމަ ކުރަމުން ގެންދާނަން
އިސްރާއީލް ކާޓްޒް

ބަރަކާތްތެރި ރަމަޟާން މަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ވަނީ ފާސްކޮށްފައެވެ.

ކައުންސިލަށް އިންތިހާބުވި 10 މެމްބަރުން ހުށަހެޅުއްވި މި ގަރާރަށް 14 ގައުމަކުން ތާއީދުކޮށް ވޯޓު ދިންއިރު، އެމެރިކާ އިން ވޯޓު ދީފައެއް ނުވެއެވެ.

އިސްރާއީލުން އދއަށް ކަނޑައަޅާފައި ހުރި މަންދޫބު ގިލާޑް އެރްދާން ބުނީ އދ.ގެ ގަރާރުގެ ސަބަބުން ޣައްޒާއިން އިސްރާއީލުގެ ރަހީނުން މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތަށް ބުރޫއަރާ ކަމަށެވެ.

އެ ގަރާރުގައި ގޮވާލާފައި ވަނީ "ރަމަޟާން މަހަށް ހުރިހާ ފަރާތްތަކަކުން ވެސް އިހުތިރާމްކުރާ ގޮތަށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް" ކަމަށާއި އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އަދި ރަހީނު ކޮށްފައިވާ އެންމެން ވަގުތުން އަދި ޝަރުތެއް ނެތި ދޫކޮށްލުމަށާއި، އެމީހުންގެ ބޭސްފަރުވާއާއި އެހެނިހެން އިންސާނީ ބޭނުންތައް ފުއްދައިދިނުމަށް އިންސާނީ ވަސީލަތްތައް ކަށަވަރުކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 32،333 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 74،694 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

- ކޮމެންޓް