މިފްކޯގެ މައްސަލައިގެ ތަހުގީގުކުރިއަށް ދާތީ އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީ އާއި ވަކިން ބައްދަލުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ޕީސީބީން އެދިއްޖެއެވެ.
މިފްކޯގެ ސީއީއޯ އަޙްމަދު ޝަމާޙު ރަޝީދު 14 ދުވަހަށް ސަސްޕެންޑްކުރުމަށް ޕީސީބީން ވަނީ ނިންމާފައެވެ. އަދި މިފްކޯގައި ކުރިއަށް ދާ ކޮރަޕްޝަނާއި ގުޅޭ މައްސަލައެއް ބަަލަމުންދާކަން ޕީސީބީން ވަނީ ހާމަކޮށްފައެވެެ. މީގެ އިތުރުން ނިމިދިޔަ ހަފްތާގެ ތެރޭގައި މީޑީއާތަކުގައި ޕީސީބީން މިފްކޯގެ ސީއީއޯ ސަމާހަށް ކުރާ ތުހުމަތުތަކާ ގުޅޭ ސިޓީއެއް ވަނީ ލީކު ކޮށްލާފައެވެ. އެ ސިޓީގައި ޕީސީބީން އޭނާއަށް ވަނީ 12 ތުހުމަތެއް އަމާޒުކޮށްފައެވެ.
ޕީސީބީގެ ރައީސް ހަމްދީ އަގީލް ވަނީ އެ މައްސަލައިގެ ބާވަތުން އެ މައްސަލަ ސިއްރުކޮށްގެން ކުރިއަށް ގެންދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މިފްކޯގެ ސީއީއޯ އާއި މެދު ތަހުގީގެއް ހިންގާތީ އޭނާގެ ހާޒިރުގައި އެ މައްސަލައިގެ ވާހަކަދައްކަން އުޒުރުވެރިވާ ކަމަށް ވެސް ވިދާޅުވިއެވެ. މެމްބަރުން ވަނީ ކޮމިޓީ ސިއްރުކުރަން ބޭނުންވާ ސަބަބާއި މެދު ސުވާލުކޮށްފައެވެ. ޕީސީބީން ބުނީ މައްސަލައިގައި ހިމެނޭ މީހެއްގެ ހާޒިރުގައި ތަހުގީގާއި ގުޅުން ހުރި މައުލޫމާތުތައް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ. މީގެ އިތުރުން ޕީސީބީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ޔާމީން ވަނީ ޕީސީބީން މައުލޫމާތު ހޯދުމަށްޓަކާ މިފްކޯ އަށް ފޮނުވި ސިޓީ، ސަސްޕެންޝަނުގައި ހުރި ސީއީއޯ އަށް ލިބިފައިވާކަމަށް ފާހަގަކުރައްވާ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޕީސީބީގެ ކަންބޮޑުވުންތަކާއި ގުޅިގެން ކޮމިޓީ ސިއްރުކުރަން ފެނޭތޯ ބެލުމަށް ވޯޓު ނެގި ނަމަވެސް އެކަން ކުރަން ފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ. މީގެ އިތުރުން އެމެންބަރުންގެ ހާޒިރުގައި ކޮމިޓީ ކުރިއަށް ނުގެންދިއުމަށް ޕީސީބީގެ ރައީސް އެދިލެއްވި ނަމަވެސް އެކަން އެގޮތަށް ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް މެމްބަރުންނަށް ފެނިވަޑައިނުގެންނަވާތީ ކޮމިޓީ ކުރިއަށް ގެންދިޔައީ މިފްކޯ އާއި ޕީސީބީ އާއި ދެ ބައި މީހުންގެ ހާޒިރުގައެވެ. އެ ކޮމިޓީގެ މުގައްރިރު އަހުމަދު އީސަ ވަނީ އޭގެތެރެއިން އެއްވެސް ފަރާތަކުން އެދޭ ނަމަ ވަކިން ކޮމިޓީ އެއް ބާއްވާދިނުމަށް އެދޭ ހާލަތުގައި އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.