ކ. މާލެ
|
25 މާރޗް 2024 | ހޯމަ 05:45
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޫސް
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޫސް
ރޮއިޓާސް
ރެއާލް މެޑްރިޑު
ދެ މަސް ދުވަހުގެ ތެރޭގައި ކްރޫސް، މުސްތަޤުބަލާމެދު ގޮތެއް ނިންމަނީ
ކްރޫސް، އެންމެ ފަހުގެ އެ ކުލަބާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް

އޭނާގެ މުސްތަޤުބަލާމެދު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.

ކްރޫސް މިހެން ބުނީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގަައި ޖަރުމަނުން ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗަކީ ޤައުމީ ޓީމުން ރިޓަޔާ ކުރުމަށްފަހު، އަލުން އެނބުރި ޤައުމީ ޓީމަށް އައިސް ކްރޫސް ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގައި ކްރޫސް ވަނީ ހުނަރުވެރި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ.

އެ މެޗަށްފަހު ކްރޫސް ވަނީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށް، 2014 ވަނަ އަހަރު ރެއާލަށް ބަދަލުވި ކްރޫސް، އެންމެ ފަހުގެ އެ ކުލަބާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މިހާތަނަށް މުސްތަޤުބަލާމެދު ކްރޫސް ވަކި ނިންމުމެއް ނުނިންމަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކްރޫސްގެ އެއްބަސްވުން އައު ކުރަން ރެއާލުން ބޭނުންވެ އެވެ.

ކްރޫސް ބުނީ ކުރިއަށް އޮތް މަސް ދުވަސް ނުވަތަ ދެ މަަސް ދުވަހުގެ ތެރޭގައި އޭނާގެ މުސްތަޤުބަލާމެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެއަށްފަހު ކަންތައް ވާނެ ގޮތެއް ބަލަން ޖެހޭ ކަމުގައި ވެސް ކްރޫސް ވަނީ ބުނެފަ އެވެ. އިތުރަށް ދެން ކްރޫސް ދެއްކީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ވާހަކަ އެވެ.

އޭނާ ބުނީ އެމްބާޕޭ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، އަބަދު ވެސް ރެއާލުން ބޭނުން ވަނީ އެ ކުލަބުގައި މޮޅެތި ކުޅުންތެރިން ތިބެން ކަމަށެވެ. އެހެން ނަމަވެސް އެމްބާޕޭގެ ނިންމުމެއް މިހާތަނަށް އެނގިފައި ނެތް ކަމަށާއި، އެމްބާޕޭ ނިންމާ ގޮތަކަށް އިންތިޒާރު ކުރަން ޖެހޭ ކަމަށް ވެސް ކްރޫސް ބުންޏެވެ.

ކްރޫސް ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 455 މެޗުގައި 28 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 20 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް