ހަތިޔާރު އެޅި ބަޔަކު މޮސްކޯގެ ކޮންސަޓް ހޯލަކަށް ދިން ހަމަލާގައި ބައިވެރިވި ހަތަރު މީހުން ވެސް ހައްޔަރުކޮށްފި ކަމަށް ޕޫޓިން ވިދާޅުވެއްޖެއެވެ.
ފުރިފައިވާ މޮސްކޯގެ ކޮންސެޓް ހޯލަކަށް ދިން އެ ހަމަލާގައި ތިން ކުޑަކުދިންނާއެކު 133 މީހުން މަރުވެ 140 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހު ރަޝިއާގެ ވެރިރަށުގެ ހުޅަނގުގައި އޮންނަ ކްރޮކަސް ސިޓީ ހޯލަށް ކޮމްބެޓް ގިޔަރު އަޅައިގެން ތިބި ބަޔަކު ވަދެ ބަޑީގެ ހަމަލާތައް ދީފައިވާއިރު، އެތާނގައި ގޮވުންތަކެއް ގޮވައި ފުރާޅުވެއްޓި އެ ތަން ވަނީ ހަލާކުވެފައެވެ.
ވްލަޑިމިއާ ޕޫޓިން ވިދާޅުވީ ހަމަލާ ދިން ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި މިހަމަލާއާ ގުޅިގެން މާޗް މަހުގެ 24 ވަނަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމަށެވެ.
ރަޝިޔާގެ ރައީސް ވަނީ މި ހަމަލާގައި ކީއެވް ގެ ބައިވެރިވުން އޮވެދާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް އިތުރު ހެއްކެއް ދައްކަވާފައެއް ނުވެއެވެ.
ކިއޭވް ވަނީ ޔޫކްރެއިންގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށް ސިފަކޮށްފައެވެ.
މި ލޭއޮހޮރުވުމުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލާފައިވަނީ މޮސްކޯގެ ބޭރުގައި އޮންނަ ކްރަސްނޯގޯސްކްގައި "ކްރިސްޓިއަނުން" ގެ ބޮޑު އެއްވުމަކަށް ހަމަލާދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
އަފްޣާނިސްތާނުގައި ހުންނަ ޓެރަރިސްޓް ޖަމާއަތުގެ ގޮފިން މޮސްކޯއަށް ހަމަލާއެއް ދޭން ރާވަމުންދާކަން އެމެރިކާގެ އިންޓެލިޖެންސް އެޖެންޓުންނަށް އެނގުމުން، އެ މައުލޫމާތު ރަޝިއާގެ އޮފިޝަލުންނާ ހިއްސާކޮށްފައިވާ ކަމަށް އޭޕީ ނިއުސް އެޖެންސީން ބުނެއެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތް "ހުއްޓިފައި" ވީ ނަމަވެސް، ޒަހަމްވި މީހުންނަށް ލޭ ހަދިޔާ ކުރުމަށް އެތައް ސަތޭކަ މޮސްކޮވިޓުން ސަފު ހަދާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ރަޝިއާގެ ސަލާމަތީ ހިދުމަތްތަކުން ބުނީ އެ ހަމަލާއާ ގުޅިގެން 11 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހު ދެއްވި ތަގުރީރެއްގައި ޕޫޓިން ވިދާޅުވީ ކުށްވެރިން ފޮރުވަން ޔޫކްރެއިންއިން މަސައްކަތް ކޮށްފައިވާ ކަމަށާއި، އިބްތިދާއީ ތަހގީގުތަކަށް ބަލާއިރު، ޔޫކްރެއިންގެ ފަރާތުން ސްޓޭޓް ބޯޑަރު ހުރަސްކުރުމަށް ވިންޑޯއެއް ތައްޔާރުކޮށްފައިވާ ކަން އެނގޭ ކަމަށެވެ.
"އެމީހުންގެ ކޮންމެ މީހަކީވެސް ކޮންމެ ބައެއްގެ އިރުޝާދުގެ ދަށުން ހަމަލާދިން މީހެއް، އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން، ޓެރަރިސްޓުންގެ ފަހަތުގައި ތިބި އެންމެން ދެނެގަނެ އަދަބު ދޭނަން،"ޕޫޓިން ވިދާޅުވިއެވެ.
ކީވް ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ހަރުކަށި އިބާރާތުން ދޮގުކުރައްވައި، ކްރެމްލިނުން އެ ހަމަލާގެ ބޭނުން ކޮށްގެން ހަނގުރާމަ އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެފައެވެ.
ޔޫކްރެއިންގެ ރައީސްގެ އެޑްވައިޒަރެއް ކަމަށްވާ މައިޚައިލޯ ޕޮޑޮލްޔަކް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކްރޮކަސް ސިޓީ ހޯލް (މޮސްކޯ ރީޖަން، ރަޝިއާ) ގައި ހިނގި ބަޑީގެ ހަމަލާތަކާއި ގޮއްވުންތަކާ ޔޫކްރެއިންގެ އެއްވެސް ގުޅުމެއް ނޯންނާނެކަން ޔަގީން ކަމުގައެވެ.
"މި ހަނގުރާމައިގެ ހުރިހާ ކަމެއް ނިންމާނީ ހަނގުރާމައިގެ މައިދާނުގައި... ޓެރަރިސްޓް ހަމަލާތަކުން އެއްވެސް މައްސަލައަކަށް ހައްލެއް ނުލިބޭނެ،"އޭނާ ވިދާޅުވިއެވެ.
މި ހަމަލާ ދީފައި މިވަނީ އިންތިޚާބީ ބޮޑު ކާމިޔާބީއެއްގައި ޕުޓިން އެގައުމުގެ މައްޗަށް ބާރު ގަދަކުރެއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
ރަޝިއާގެ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކެވި ބައެއް ކޮމެންޓޭޓަރުން ވަނީ ކްރެމްލިން އަށް ފާޑުކިޔާ ފަރާތްތަކަށް ކެނޑިނޭޅި ސަރވައިލްކޮށް ޕްރެޝަރު ކުރާ ކަމާބެހޭ ފަރާތްތަކުން އެ ނުރައްކާ ދެނެގަނެ، އެ ނުރައްކާތެރި ހަމަލާ ހުއްޓުވުމުގައި ފެއިލްވީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.
ސިއްހީ އިދާރާތަކުން ވަނީ ޒަހަމްވި 145 މީހުންގެ ލިސްޓެއް އާންމުކޮށްފަ އެވެ. އޭގެ ތެރެއިން 115 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ އިރު އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނެއެވެ.
މި ބަޑީގެ ހަމަލާއަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި ރަޝިއާގެ ބިމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ވާއިރު، ފަހުގެ ތާރީހުގައި ވެސް ރަޝިއާއަށް ވަނީ ޓެރަރިޒަމްގެ ގިނަ ހަމަލާތަކެއް ދީފައެވެ.
2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އައިއެސް އިން ބަހައްޓާފައިވާ ބޮމެއްގައި މިސްރުގެ ސިނާއީ ސަރަޙައްދުގެ މަތިން ރަޝިއާގެ ފަސިންޖަރު މަތިންދާބޯޓެއް ވައްޓާލުމުން އެ ބޯޓުގައި ތިބި 224 މީހުން ވަނީ މަރުވެފައެވެ.
ސީރިއާ، އިރާގު، އަފްޣާނިސްތާން އަދި އެފްރިކާގައި ހަރަކާތްތެރިވާ އެ ޖަމާއަތުން ވަނީ ފާއިތުވި އަހަރުތަކުގައި ރަޝިއާގެ ހަލަބޮލި ވެފައިވާ ކޮކޭސަސް އާއި އެހެނިހެން ސަރަހައްދުތަކަށް ގިނަ ހަމަލާތަކެއް ދީފައެވެ. އެގައުމުން ވަނީ ރަޝިއާ އާއި ކުރީގެ ސޯވިއެޓް ޔޫނިއަންގެ އެހެން ހިސާބުތަކުން ހަނގުރާމަވެރިން ރެކްރޫޓްކޮށްފައެވެ.
މި ހަމަލާއާ ގުޅިގެން ވައިޓް ހައުސްއިން ވަނީ މަރުވި މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅުކޮށްފައެވެ.