އިސް ރަށްވެހިންނަށް ނާދީ އެއް ހުޅުވާދެއްވި ކަމަށް ބުނެ ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ހަމައެކަނި ކަމަކީ އެތަނުގެ ބޭރުގައި ކުލަ ލުމަށް ފަހު އެއީ އެމަނިކުފާނުގެ ވެރިކަމުގައި ކުރި މަސައްކަތެއް ކަމަށް ދެއްކުން ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނުގެ ދާއިރާތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ބޭއްވި ތަރާވީހެއްގައި ވާހަކަދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު އަދި އެހާމެ ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ މަޖިލީހެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އެ މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަަމަށް ވެސް ކުރީގެ ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ މާހައުލަށް ބަލާއިރު ވަރަށް ގިނަ ދާއިރާތަކުން ގިނަ މަސައްކަތްތަކެއް މިއަދު ކުރަން ޖެހިފައިވާ ކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން އަދިވެސް އެބަހުރިކަަމަށް ވިދާޅުވެފައެވެ. އެގޮތުން ކުޑަކުދިންނާއި އިސް ރަށް ވެހިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކާ ފުރިހަމަކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ވެސް ޤާނޫނީ ގޮތުން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނިމިދިޔަ ސަރުކާރުގައި އެފަދަ ކަންކަން ކުރިއަށް ދިޔަ ނަމަވެސް މިހާރު އެފަދަ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް ކުރީގެ ރައީސް ޞާލިހު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަަމަށް އައުމަށްޓަކާ ރައްޔިތުންނަށް ހުށަހެޅި ހުށަހެޅުންތަކާއި ސަރުކާރުން އަމަލުކުރާ ގޮތާއި ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.
ދެއްކެވި އެއްވެސް ވާހަކަ އެއް. އެއްވެސް ވާހަކަ އެއް ކުރަން ވިދާޅުވި އެއްވެސް ކަމެއް މި ހަތަރު މަސް ދުވަހުގެ ތެރޭގައި އަދި ނެތް ފަށާފަ އެއް. އެހެންވީމަ ރައްޔިތުން ބޭނުންވެފައި އެ ހުރި ކަންތައްތައް ފުއްދާ ދިނުމަށްޓަކާ މިއަދު އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެ ކަންތައްތައް ކުރުން. ނުކުރާ ކަމަށްވަންޏާ މަޖިލިސް މެދުވެރިކޮށް ޖަވާބުދާރީކުރުވުން. މިކަން ކުރެވޭނީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އެއް އޮވެގެން.ކުރީގެ ރައީސް ޞާލިހު
ރައީސް ވަނީ މާލޭގެ 17 ދާއިރާ އަށް ވެސް އެމްޑީޕީގެ ކެނޑިޑޭޓުން ހޮވައިދިނުމަށް އެދިވަޑައިގަންނަވާފައެވެ.