ފުވައްމުލަކުގެ 50 އެނދުގެ ޓާޝަރީ އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ ހުސެއިން މުހައްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ ފުވައްމުލަކީ އާބާދީ ބޮޑު ރަށެއް ކަމަށާއި، ސަރުކާރުން ވަރަށް އިސްކަމެއްދީގެން ސިއްހީ ޚިދުމަތްތައް އެރަށުގައި ތަރައްގީ ކުރަން ބޭނުންވާ ކަމަށެވެ. އަދި ސަރަހައްދީ ތަރައްގީއަށް ބަލާއިރު ވެސް ވަރަށް މުހިންމު ރަށަކަށްވާތީ، އެ ޚާއްސަ ސަމާލުދޭ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.
ފުވައްމުލަކުގެ 50 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ އައު އިމާރާތަށް އިޝާރާތް ކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ މި ހޮސްޕިޓަލް އެޅުމަށް ބަޖެޓު ކުރެވިފައިވަނީ 6.9 މިލިއަން ރުފިޔާ ކަމަށާއި، މިއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލް އެޅުމަށް އައު ފަންޑެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ޓައިމްލައިނަށް ބަލާއިރު، ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
އެހެންވީމަ ފުވައްމުލައް ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަންޑިން ސޯސްއަކަށް ވަނީ ހުށަހަޅާފައި. އެރަށުގެ ހޮސްޕިޓަލް ކުރިއަށް ގެންދިއުމަށްޓަކައި. ފުވައްމުލަކުގައި ވެސް ދިމާވާ މައިގަނޑު މައްސަލައަކީ 6.9 ވަރު ގާތްގަނޑަކަށް މިއޮތީ ބަޖެޓު ކުރެވިފައި. އެހެންވީމަ އެޑްވާންސް ޕޭމަންޓް ދެވޭ މިންވަރު ވެސް ނެތް އަދަދަކީ. އެހެންވީމަ އެހެން ސޯސްއަކުން ފަންޑިން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިބަލަނީ މިއަހަރުގެ ތެރޭގައި އެމަސައްކަތް ފެށޭނެ ކަމަށް އަޅުގަނޑުމެންގެ މިހާރު ޓައިމްލައިން ހުރި ގޮތުންހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު
ފުވައްމުލައް ސިޓީގެ އާބާދީގައި 12000 އެއްހާ މީހުން ދިރިއުޅެމުން ގެންދާއިރު، އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބޭ މައްސަލަ ބޮޑެވެ. ސިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރި މަސައްކަތުގެ ދަށުން 2021 ވަނަ އަހަރުގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އައު އިމާރާތުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެ އިމާރާތުގެ މަސައްކަތް 2022 އަހަރު ނިންމާ އެތަނުން ލެބޯޓްރީގެ ޚިދުމަތާއި، ޑެންޓަލް ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތްތައް ދަނީ ދެމުންނެވެ. އޭރު ސަރުކާރުން ވަނީ އެރަށުގައި 5 ފަންގިފިލާގެ މުޅިން އައު ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ. އަދި މި ހޮސްޕިޓަލް ތަރައްގީ ކުރެވިގެންދަނީ ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ސްޕްޝެލިޓީ ޚިދުމަތްތައް ލިބޭ ގޮތަށް އެންމެ ޒަމާނީ ފެންވަރަށް ކަމަށް އޭރުގެ ސަރުކާރުން ބުނެފައިވެއެވެ.
50 އެނދުގެ ޖާގައިގެ މިހޮސްޕިޓަލް އިމާރަތްކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ފުވައްމުލަކު ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތާއި އިންވެގެންނެވެ.