ކ. މާލެ
|
22 މާރޗް 2024 | ހުކުރު 12:24
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ޝާހިދުގެ ފާޑުކިޔުން ސަރުކާރަށް
އެމްޑީޕީ ސަރުކާރުން ދިން ގޯއްޗާއި ފްލެޓް ފޭރިގަނެ، ލިސްޓުތައް އޮޅުވާލައިފި - ޝާހިދު
 
ސަރުކާރަކާ ދޭތެރޭ އިތުބާރު ގެއްލިފައިވާ ޝާހިދު ވިދާޅުވި

އެމްޑީޕީ ސަރުކާރުން ދިން ގޯއްޗާއި ފްލެޓް ފޭރިގަނެފައިވާ ކަމަށާއި މި ސަރުކާރުން ދަނީ ފްލެޓާއި ގޯތި ލިބުނު ލިސްޓުތައް އޮޅުވާލަމުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ބުދަ ދުވަހުގެރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް "ފޭރިގަންނަން" މި ސަރުކާރުން އުޅޭކަމުގެ ބިރުވެރިކަން ރައްޔިތުންގެ ހިތުގައި އިންތިހާއަށް އެބައޮތްކަމަށެވެ. އަދި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ދޮރުންދޮރަށް ވަޑައިގެންނެވިއިރު، މުޅިންވެސް ރައްޔިތުން ކޮށްފައިވަނީ އެ ޝަކުވާކަމަށެވެ. ގޯއްޗާއި ފްލެޓް ލިބިފައި އޮތީ ކޮންމެ ގޮތަކަށް ކޮންމެ ތަނަކުންކަމަށް ވިޔަސް އަތުނުލައްވާނެކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ކެމްޕޭންގައި ވައުދުވެވަޑައިގަތް ނަމަވެސް، މިއަދު އެއީ ދޮގެއްކަން ރައްޔިތުންނަށް އެނގޭކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައީސް ޑރ މުއިއްޒު މިހާރު އެ އުޅުއްވަނީ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަންނަން ކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމައެހެންމެ ގޯއްޗާއި ފްލެޓްތަކުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ޝާހިދު ފާޑު ވިދާޅުވިއެވެ. އެގޮތުން އަވަސްއަވަހަށް އުސޫލު ބަދަލުވުމާއި ދައްކާ ވާހަކަ އާއި އަމަލާއި ދިމާނުވާ ކަމަށް ފާހަގަކުރައްވާ ޝާހިދު ވަނީ އެ ކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ލިސްޓްތައް އޮޅުވާލައި، ޑރ މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް އެކަނި ގޯއްޗާއި ފްލެޓް ދިނުމަށް ކަމަށްވެސް ޝާހިދު ތުހުމަތުކުރެއްވިއެވެ.

މާލޭގެ ރައްޔިތުން ބުނަނީ ތިމަންނަމެންގެ ރައީސް، ހެޔޮ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ތިމަންނަމެންނަށް ދެއްވި ފްލެޓް ކޮބާހޭ. ކެމްޕެއިންގައި ވިދާޅުވީ އެ މީހަކަށް ލިބުނު އެއްޗެއް އެތަނަކުން ދެއްވާނަމޭ. އެއީ ދޮގު. މިއަދު އެ ދުވެވަޑައިގަންނަވަނީ ރައްޔިތުންގެ ހައްގުތައް އަތުލަމުން، ފޭރެމުން.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ގޯއްޗާއި ފްލެޓް ލިބޭނެކަން ކަށަވަރުކުރުމަށް މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ޝާހިދު ގޮވާލެއްވިއެވެ. ރައްޔިތުން މިހާރު ބުނަމުންދަނީ މި ސަރުކާރަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މަޤްބޫލުކުރަން ކުޑަ، އެންމެ ރައްޔިތުން ރުޅިއަރާ، ސަރުކާރަކާ ދޭތެރޭ އިތުބާރު ގެއްލިފައިވާ ސަރުކާރުކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެ ސަބަބަކީ ސަރުކާރުން ބޮޑެތި ދޮގުތަކެއް ހަދައިގެން ވެރިކަމަށް އައުމުންކަމަށް ޝާހިދު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން ޝާހިދު ވަނީ ރަސްމާލެ ޕްރޮޖެކްޓްގެ ނަމުގައި ވެސް ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ވިދާޅުވެފައެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މާފަންނު އުތުރަކީ އަބަދުވެސް އިސްލާހީ ޙަރަކާތުގައި އިސްނަގާ ބައެއްކަމަށާއި، 1932 ވަނަ އަހަރު ޤާނޫނު އަސާސީ އެކުލަވާލުމުން ފެށިގެން އޭގެ ފަހުން ހިނގި އިސްލާހީ ހުރިހާކަމެއްގައިވެސް މާފަންނު ޚާއްސަކޮށް މާފަންނު އުތުރު މިހާރު ހިމެނޭ ސަރަހައްދަކީ އިސްނަގާ ކުރީ ސަފުގައި ތިބި ބައެއް ކަމަށެވެ. އަދި މާފަންނު އުތުރުން އިސްލާހީ މަސައްކަތަށާއި، ތިލަފަތަށް ނޫނެކޭ ނުބުނާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް