އަންހެނަކަށް ގަދަކަމުން ޖިންސީގުޅުން ހިންގިކަން ސާބިތުވެ ޖަލަށް ލާފައިވާ ބާސެލޯނާ އާއި ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑެނީ އަލްވެޒް ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމައިފި އެވެ.
ސްޕޭނުގެ ޕްރޮސެކިއުޓަރުން މި ގޮތަށް ނިންމީ މިކަމުގެ ބަދަލެއްގެ ގޮތުން 1.1 މިލިއަން ޑޮލަރު ދައްކާ މަތިންނެވެ. ސްޕޭނުގެ ނޫސްތަކުން ބުނަނީ އަލްވެޒް މިނިވަންކޮށްދޭން މި ފައިސާ ދައްކައިދެނީ ބްރެޒިލްގެ މަޝްހޫރު ފޯވަޑް ނޭމާގެ ބައްޕަ ކަމަށެވެ. މިއީ އަލްވެޒް ސަލާމަތްކުރުމަށް ނޭމާގެ ބައްޕަ ފައިސާގެ އޮފާ ހުށަހެޅި ފުރަތަމަ ފަހަރެއްނޫނެވެ. ނަމަވެސް މިއީ ކޮން ސަބަބަކާހުރެ ނޭމާގެ ބައްޕަ ކުރާ ކަމެއްކަމެއް އެއްވެސް މީޑިއާއަކުން ނުބުނެ އެވެ.
އަލްވެޒްގެ މައްޗަށް ކުށް ސާބިތުވެ ސްޕޭނުގެ ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިޔާ ކަނޑައެޅީ ހަތަރު އަހަރާއި ހަ މަހަށް އަލްވެޒް ޖަލަށް ލުމަށެވެ. މި މައްސަލާގައި ހައްޔަރުކޮށް އޭނާ ޖަލުގައި ހުންނަތާ ވެސް މިހާރު ގާތްގަނޑަކަށް ދޮޅު އަހަރުވެއްޖެ އެވެ. އޭނާ ޖަލަށްލީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އަލްވެޒް ވަނީ ކުރިން ވެސް ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ސްޕޭނުގެ ކޯޓުން އޭނާ އަށް އެ ފުރުސަތު ނުދިނީ ފިލައިގެން ބްރެޒިލަށް ހިނގައިދާނެ ކަމަށް ބެލެވޭތީ އެވެ. މިފަހަރު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާއިރު ޕާސްޕޯޓްތައް ސްޕޭނުގެ ޕްރޮސެކިއުޓަރުންނާ ހަވާލުކުރަންންޖެހެ އެވެ.
ބާސެލޯނާ އާއި ޕީއެސްޖީ އަދި ޔުވެންޓަސް އަށް ވެސް ކުޅުނު އަލްވެޒް އަކީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ފަހު އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާ އެވެ. އޭނާ އަކީ ބާސެލޯނާގައި ކުޅުނު އެންމެ މޮޅު ކަނާތު ބެކް ކަމަށް ވެސް ގިނަ ބަޔަކު އެއްބަސްވެ އެވެ.
ފުޓްބޯޅަ ކުޅުންތެރިން އެމީހުންގެ ގާތް މީހުންނަށް އެހީވުމަކީ ކުރާ ކަމެކެވެ. މި ގޮތުން ކޮލަމްބިއާގައި ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ހައްޔަރުކުރުމުން އޭނާ ސަލާމަތްކުރުމަށް ފައިސާ ދެއްކީ މެސީ ކަމަށް މީޑިއާތަކުން ބުންޏެވެ. މެސީ އާއި ރޮނާލްޑީނިއޯ އެކުގައި ބާސެލޯނާ އަށް ކުޅުނު ދެ އެކުވެރިންނެވެ. މެސީ ބާސެލޯނާއަށް ކުޅެން ފެށިއިރު އެ ޓީމުގެ ތަރިއަކީ ރޮނާލްޑީނިއޯ އެވެ. އަދި މެސީ އަށް އެންމެ ބޮޑަށް އެހީތެރިވެދީ ހެދި ކުޅުންތެރިއަކީ ވެސް ރޮނާލްޑީނިއޯ ކަމަށްވެ އެވެ.