ކ. މާލެ
|
20 މާރޗް 2024 | ބުދަ 05:28
ބާސެލޯނާ އަށް ކުޅެމުން އަންނަ ކަންސޭލޯ
ބާސެލޯނާ އަށް ކުޅެމުން އަންނަ ކަންސޭލޯ
ރޮއިޓާސް
ބާސެލޯނާ
އަހަރެން މި ހުރީ ހުންނަން ބޭނުންވާ ތަނުގަައި: ކަންސޭލޯ
އުމުރުން 34 އަހަރުގެ ޑިފެންޑަރު ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 32 މެޗުގައި ހަތަރު ލަނޑު ޖަހައިފައި

އޭނާ ހުރީ ހުންނަން ބޭނުންވާ ތަނުގައި ކަމަށް، ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ބާސެލޯނާގައި ދައްކަމުން އަންނަ ކުޅުމާއި، އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. މެންޗެސްޓަރ ސިޓީގައި ހުރުމަށްފަހު ކަންސޭލޯ ބާސެލޯނާ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެެވެ. އެއް އަހަރު ދުވަހަށް އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ.

ކަންސޭލޯ ބުނީ ސިޓީގައި އޭނާ ކުޅެމުން އައި ދުވަސްވަރު، އޭނާ އަކީ ރެއާލް މެޑްރިޑަށް ނިސްބަތްވާން ޖެހޭ ކުޅުންތެރިޔެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވާ ކަމަށެވެ. ނަމަވެސް ކަންސޭލޯ ބުނީ، އެ ދުވަހު ވެސް ބުނެފައި ވާނީ، އޭނާ އަކީ ބާސެލޯނާ އަށް ނިސްބަތްވާން ޖެހޭ ކުޅުންތެރިޔެއް ކަމަށެވެ. އޭގެ ފަހުން މިހާރު އޭނާ އަށް ހުރެވެނީ ހުންނަން ޖެހޭ ތަނުގައި ކަމަށް ވެސް ކަންސޭލޯ ބުންޏެވެ.

މީގެ އިތުރުން ވާހަކަ ދައްކަމުން ކަންސޭލޯ ބުނީ، ބާސެލޯނާގައި އޭނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިގެން، ވަރަށް އުފަލުން ކަމަށެވެ. އޭނާ ބުނީ ބެންފީކާ އަށް ފަހު، ދެން އޭނާ ހުންނަން ބޭނުންވީ ވެސް ބާސެލޯނާގައި ކަމަށާއި، ބާސެލޯނާ އަށް ކުޅުމުގެ ފުރުސަތު ލިބުމުން ފަޚުރުވެރިވާ ކަމަށެވެ.

އުމުރުން 34 އަހަރުގެ ޑިފެންޑަރު ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 32 މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. އެ ކުލަބުގެ ކޯޗު ޒަވީ ހެނާންޑޭޒް މިވަގުތު އެންމެ އިސްކަމެއް ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

- ކޮމެންޓް